Roadha Mihaaru
ކޮރޯނާވައިރަަސް އިން ޓޫރިޒަމަށް ހިޔަނި އެޅިއްޖެ: ރައީސް

ކޮރޯނާވައިރަސް އިން ޓޫރިޒަމަށް ވަރަށް ބޮޑަށް ހިޔަނި އެޅިއްޖެ: ރައީސް

03 ފެބުރުއަރީ 2020

ރާއްޖޭގެ ޓޫރިޒަމަށް މި އަހަރު ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް ލަފާކުރި ނަމަވެސް، ޗައިނާގައި ފެތުރެން ފެށި ކޮރޯނާވައިރަސްގެ ސަބަބުން ވަރަށް ބޮޑު ހިޔަންޏެއް އެޅިއްޖެ ކަމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ރައްޔިތުންގެ މަޖިލިހުގައި މިއަދު ވިދާޅުވެއްޖެ އެވެ.

މޫސާ ލަތީފް މޫސާ ލަތީފް

ރާއްޖޭގެ ޓޫރިޒަމަށް މި އަހަރު ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް ލަފާކުރި ނަމަވެސް، ޗައިނާގައި ފެތުރެން ފެށި ކޮރޯނާވައިރަސްގެ ސަބަބުން ވަރަށް ބޮޑު ހިޔަންޏެއް އެޅިއްޖެ ކަމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ރައްޔިތުންގެ މަޖިލިހުގައި މިއަދު ވިދާޅުވެއްޖެ އެވެ.

މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ގޮތުން ދެއްވި ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ، މި ބޮޑު ހިޔަނިއެޅުމުން ސަލާމަތްވުމަށްޓަކައި، ދުނިޔޭގައި ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކުރަން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭނެ ކަަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި މިހާތަނަށް 13،287 ބުކިން ވަނީ ކެންސަލްވެފަ އެވެ.

އެކަމަކު ރައީސްގެ ތަގުރީރުގައި، ސަރުކާރުން ރާއްޖޭގެ ޓޫރިޒަމްގެ ކުރިއެރުމަށް ދެކެމުން އަންނަ އުއްމީދުތައް އެގޮތުގައި އޮންނާނެ ކަމަށް އިޝާރަތްކުރެއްވި އެވެ. އެގޮތުން 2021 ނިމުމުގެ ކުރިން ރާއްޖެއަށް 2.1 މިލިއަން ޓޫރިސްޓުން ގެންނާނެ ކަމަށް ވިދާޅުވި އެވެ. އޭގެ ފަހުން، މަސައްކަތަކަށް ވާނީ އެމަނިކުފާނުގެ ރިޔާސީ ދައުރުގެ ދެން ބާކީ އޮތް ދެ އަހަރު، ކޮންމެ އަހަރަކު 2.5 މިލިއަން ޓޫރިސްޓުން ގެނައުން ކަމަށް ވިދާޅުވި އެވެ.

"ފަތުރުވެރިކަމުގެ ދާއިރާ އިން އަޅުގަނޑުމެން އަމާޒުހިފި މިސްރާބަށް، މާތް ﷲގެ ވާގިފުޅާ އެކު، މިދިއަ އަހަރު ވާސިލްވެވުނުކަން އުފަލާ އެކު ފާހަގަކުރަން،" ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް އަހަރެއްގެ ތެރޭގައި 1.5 މިލިއަން ޓުރިސްޓުން ޒިޔާރަތްކުރީ މިދިއަ އަހަރެވެ. އަހަރު ނިމުނު އިރު 1.7 މިލިއަން ޓޫރިސްޓުން ރާއްޖެ އަ އެވެ. އެއީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ގޮތުގައި، އޭގެ ކުރީ އަހަރަށް ވުރެ 14 ޕަސެންޓްގެ ކުރިއެރުމެކެވެ.

ރާއްޖޭގެ ޓޫރިޒަމްގެ އަދަދުތައް

- 158: ރާއްޖޭގައި މިހާރު ހިންގާ ރިސޯޓްތައް

- 607: މިހާރު ހުރި ގެސްޓްހައުސްގެ އަދަދު

- 156: ރާއްޖޭގައި ދުއްވާ ސަފާރީތައް

- 12: ޓޫރިސްޓް ހޮޓަލްގެ ގޮތުގައި ރަޖިސްޓްރީކޮށް ހިންގާ ތަންތަން

- 5،0591: ރާއްޖޭގައި ހުރި ޓޫރިސްޓް އެނދުގެ އަދަދު

- 1.7 މިލިއަން: މިދިއަ އަހަރު ޒިޔާރަތްކުރި ޓުރިސްޓުންގެ އަދަދު

- 13،287: ކޮރޯނާވައިރަސްގެ ސަބަބުން މިއަދާ ހަމައަށް ކެންސަލްވި ބުކިންސް

ކޮރޯނާވައިރަސްގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް ބޮޑު އަސަރެއްކުރަނީ، ޗައިނާ އަކީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމަށް ވާތީ އެވެ. ސަަރުކާރުން މިހާރު ވަނީ ޗައިނާ އާއި ރާއްޖެއާ ދެމެދު ކުރަމުން އައި ސީދާ ދަތުރުތައް ހުއްޓާލުމުގެ އިތުރުން، އެހެން މަގުތަކުން ވެސް، ޗައިނާ އިން އެއްވެސް މީހަކު ރާއްޖެ އެތެރެނުވެވޭ ގޮތަށް ނިންމައިފަ އެވެ. އަދި ޗައިނާއަށް ޒިޔާރަތްކުރި މީހަކަށް ވެސް ރާއްޖެ ނާދެވޭނެ ކަމަށް، އިއްޔެ އިއުލާންކުރި އެވެ.

ރައީސް ވިދާޅުވީ މި އަހަރު ރާއްޖޭގައި އަލަށް 13 ރިސޯޓާއި 74 ގެސްޓްހައުސް ހުޅުވާނެ ކަމަށެވެ. އެ ތަންތަނާ އެކު، ރާއްޖޭގައި އަލަށް 1،300 ޓޫރިސްޓް އެނދު އުފެދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ޗައިނާގެ ވޫހާން ސިޓީން ފުރަތަމަ ފެތުރެން ފެށި ކޮރޯނާވައިރަސްގެ ސަބަބުން ދުނިޔޭގެ އެހެން ގައުމުތަކުން ވެސް މިހާރު ވަނީ ޗައިނާއާ ދެމެދު ދަތުރުފަތުރު ހުއްޓާލައިފަ އެވެ. އޭގެ ސަބަބުން ދުނިޔޭގެ އިގުތިސާދަށް ލޮޅުންތަކެއް ވަނީ އަރައިފަ އެވެ. އެކަމަކު މިއީ ކިހާ ދުވަހަކަށް ދެމިގެންދާނެ ކަމެއްކަން ނޭނގޭތީ، ގެއްލުމުގެ ސީދާ މިންވަރު އަދި ދެނެއެއް ނުގަނެވެ އެވެ.

މީގެ ކުރިން 2003 ގައި، ހަމަ ޗައިނާއިން އުފަންވި ސާސް ރޯގާ ކުރިމަތިވި އިރު، ރާއްޖެއަށް ޗައިނާގެ ޓޫރިސްޓުން އަައުން އާންމެއް ނޫނެވެ. އޭރު ރާއްޖޭގެ ޓޫރިޒަމް ބޮޑަށް ބިނާވެފައި އޮތީ، ޔޫރަޕްގެ ގައުމުތަކުގެ ޓޫރިސްޓުންނަށެވެ.

އެކަމަކު 2009 އިން ފެށިގެން ޗައިނާއިން ރާއްޖެ އަންނަ ޓޫރިސްޓުން އިތުރުވެ، މިހާރު އެއް ގައުމުން އެންމެ ގިނަ ބަޔަކު އަންނަނީ، ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިގުތިސާދު އޮތް ޗައިނާ އިންނެވެ.