Roadha Mihaaru
ވައިރަހަކީ އިގުތިސޯދަށް އޮތް ބޮޑު ގޮންޖެހުމެއް: ރައީސް

ކޮރޯނާވައިރަހަކީ ރާއްޖޭގެ އިގުތިސޯދަށް އޮތް ބޮޑު ގޮންޖެހުމެއް: ރައީސް

03 ފެބުރުއަރީ 2020

ޗައިނާ އިން ފެތުރެން ފެށި ކޮރޯނާވައިރަހުގެ ނުރައްކާ ރާއްޖެ އަށް އެބައޮތް ކަމަށާއި އަދި އެއީ ރާއްޖޭގެ އިގުތިސޯދަށް ވެސް އޮތް ބޮޑު ގޮންޖެހުމެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ޗައިނާ އިން ފެތުރެން ފެށި ކޮރޯނާވައިރަހުގެ ނުރައްކާ ރާއްޖެ އަށް އެބައޮތް ކަމަށާއި އަދި އެއީ ރާއްޖޭގެ އިގުތިސޯދަށް ވެސް އޮތް ބޮޑު ގޮންޖެހުމެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާ އަށް ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، އެ ރޯގާގައި މިހާތަނަށް 300 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، އެއީ އިގްތިސޯދީ ގޮތުން ވެސް ރާއްޖެ އަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ. އެކަން އެނގި ތިބެ ވެސް، ބައިނަލްއަގްވާމީ ގޮތުން ކުރެވޭ ބައެއް ދަތުރުތައް މެދުކަނޑައިލީ އެމަނިކުފާނު ވިދާޅުވި ގޮތުގައި، ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ ރައްޔިތުންގެ ސިއްހީ ރައްކާތެރިކަން ކަށަވަރު ކުރުން ކަމަށް ވާތީ އެވެ.

"އަދި މި ނުރައްކާތެރި ވަބާއިން ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް ސަރުކާރުން މި އަންނަނީ އަޅަމުން،" މުޅި ދުނިޔެ އަށް ކުރިމަތިވެފައިވާ މި ރޯގާއާ ގުޅޭ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

ކޮރޯނާވައިރަސް އިން ރައްކާތެރިވުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުން، ޗައިނާ އިން އަންނަ އެއްވެސް މީހަކު މިއަދުން ފެށިގެން ރާއްޖެ އެތެރެވުން ސަރުކާރުން މިހާރު ވަނީ މަނާކޮށްފަ އެވެ. އަދި ރާއްޖެ-ޗައިނާގެ ސީދާ ފްލައިޓްތައް ވެސް މިދިޔަ ހަފުތާގައި ވަނީ ހުއްޓާލައިފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެވަނަ ރިޔާސީ ބަޔާނުގައި ވިދާޅުވީ، ކޮރޯނާވައިރަހުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް ވެސް ވަނީ ވަރަށް ބޮޑަށް ހިޔަނި އެޅިފައި ކަމަށެވެ. އެގޮތުން، އެ ރޯގާ އާންމުވި ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް 13،287 ބުކިން ކެންސަލް ވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މިކަމުން ލިބޭ ގެއްލުން ފޫބެއްދުމަށްޓަކައި، ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް، މި އަހަރުގެ ތެރޭގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭނެ ކަމަށް އަޅުގަނޑު ދެކެން،" ރާއްޖެ އިޝްތިހާރު ކުރުމަށް މިދިޔަ އަހަރު ވެސް ގިނަ ހަރަކާތްތަކެއް ހިންގިކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވި އެވެ.

ކޮރޯނާވައިރަހާ ގުޅިގެން، މިނިސްޓްރީތަކާއި ކުންފުނިތަކުގެ ޚަރަދު ކުޑަކުރަން ފިނޭންސް މިނިސްޓްރީން މިހާރު ވަނީ އަންގައިފަ އެވެ. އެކަމަކު، އޭގެ ތަފްސީލެއް އަދިއެއް ނުލިބެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެވަނަ ރިޔާސީ ބަޔާނުގައި ވިދާޅުވީ، ކޮރޯނާވައިރަހުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް ވެސް ވަނީ ވަރަށް ބޮޑަށް ހިޔަނި އެޅިފައި ކަމަށެވެ. އެގޮތުން، އެ ރޯގާ އާންމުވި ދުވަހުން ފެށިގެން މިހާތަނަށް 13،287 ބުކިން ކެންސަލް ވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރާއްޖެ އިން މިހާތަނަށް ކޮރޯނާވައިރަހަށް ޝައްކު ކުރެވުނީ އެންމެ މީހެކެވެ. ޗައިނާ އަށް ދަތުރުކުރި، އުމުރުން 20 އަހަރުގެ އެ ދިވެހި ފިރިހެން މީހާ މިދިޔަ ބުރާސްފަތި ދުވަހުގެ ރެ އިން ފެށިގެން އެކަހެރި ކޮށްގެން، ފަރުވާ ދެމުން އަންނައިރު އޭނާގެ ޓެސްޓުގެ ނަތީޖާ ނެގެޓިވް ވެފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ބަޔާންގައި މިއަދު އިއުލާން ކުރެއްވި އެވެ. އެ ޒުވާނާއާ އެކު، އިތުރަށް ބަލަން ބޭނުންވި ބައެއް މީހުންގެ ޓެސްޓުތައް ވެސް ނެގެޓިވް ކަމަށް ރައީސް އިއުލާން ކުރެއްވި އެވެ.

މުޅިން އަލަށް ފެނުނު ކޮރޯނާވައިރަހުގެ ޓެސްޓު ރާއްޖެ އިން ހެދެން ނެތުމުން އެކަން ކުރީ އިންޑިއާގެ ޕޫނޭ އަށް ސާމްޕަލް ފޮނުވައިގެންނެވެ.