Roadha Mihaaru
24 ރިސޯޓާއި ދެ ހޮޓާ މި އަހަރު ހުޅުވާނެ: ރައީސް

24 ރިސޯޓާއި ދެ ހޮޓާ މި އަހަރު ހުޅުވާނެ: ރައީސް ޔާމީން

21 ފެބުރުއަރީ 2018

ޓޫރިޒަމްގެ ބޭނުމަށް ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން 24 ރަށަކާއި ދެ ހޮޓާ މި އަހަރު ހުޅުވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ޓޫރިޒަމްގެ ބޭނުމަށް ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން 24 ރަށަކާއި ދެ ހޮޓާ މި އަހަރު ހުޅުވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާގައި މިރޭ އިއްވެވި ރިޔާސީ ބަޔާނުގައި، އެމަނިކުފާނު ވިދާޅުވީ މި އަހަރު އަލަށް ހުޅުވޭ ދެ ހޮޓަލާއެކު އެނދުގެ އަދަދު 5،300 އަށް ވުރެ އިތުރުވާނެ ކަމަށެވެ. އެކަމަކު، އެ ރިސޯޓުތަކާއި ހޮޓާތަކުގެ ތަފްސީލެއް އެ މަނިކުފާނު ނުދެއްވަ އެވެ.

މީގެ އިތުރުން މާލެ އާއި ހުޅުމާލެ އަދި ވިލިމާލެ އާބާދީ ބޮޑުވަމުން އަންނާތީ، ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ފަހި ކޮށްދިނުމަށް މާލެ އަތޮޅުގައި 27 ފަޅެއް ތަރައްގީ ކުރަމުން އަންނަ ކަން ރައީސް ފާހަގަކުރެއްވި އެވެ. އަދި ސަރުކާރުގެ ބަޖެޓުން ފަސް ފަޅެއް ހިއްކުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. މި ފަޅުތައް ތަރައްގީކޮށް ނިމުމުން، އެތައް ހާސް ވަޒީފާއެއް އިތުރުވެގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"މި ފަޅުތައް ތަރައްގީކޮށް ނިމުމުން، 47،000 ވަޒީފާ އަލަށް އުފެދިގެން ދާނެ. މި ފަޅުތައް ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ނިމޭނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް އެ އިޝާރާތް ކުރެއްވީ ތައިލެންޑުގެ ސިންގް އެސްޓޭޓުން ކ. އެނބޫދޫފަޅުގައި "ކްރޮސް ރޯޑްސް"ގެ ނަމުގައި ތަރައްގީ ކުރަމުން އަންނަ އިންޓެގްރޭޓެޑް ރިސޯޓަށެވެ.

ކްރޮސް ރޯޑްސްގައި އެންމެ މަތީ ފެންވަރުގެ ނުވަ ރިސޯޓުގެ އިތުރުން ވިޔަފާރީގެ ތަފާތު ގިނަ ފުރުސަތުތައް ހިމެނޭ ގޮތަށް ތަރައްގީ ކުރާ 12،000 އަކަމީޓަރުގެ ޓައުންޝިޕްގައި ދުނިޔޭގެ އެންމެ މަޝްހޫރު ފެޝަން ބްރޭންޑްތަކުގެ ފިހާރަތަކާއި ރެސްޓޯރަންޓްތަކާއި ކެފޭތަކުގެ އިތުރުން މަޝްހޫރު ހާޑް ރޮކް ކެފޭއެއް ވެސް ހުޅުވަން ނިންމާފައިވެ އެވެ. އޭގެ އިތުރުން އެތަނުގައި ޑިއުޓީ ފްރީ ފިހާރަ އާއި ކުޑަކުދިންނަށް ޚާއްސަ ގޮނޑުދޮށަކާ އެކު ހަދާ ބީޗް ކްލަބަކާއި ކަލްޗަރަލް ސެންޓަރަކާއި ވެލްނަސް ސެންޓަރަކާއި މެރިން ލައިފް ސެންޓަރެއް އަދި ޑައިވް ސެންޓަރެއް ވެސް ހުރެ އެވެ.

ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގެ ވިޔަފާރީގެ ފުރުސަތު ފަހިކުރުމަށާއި ރާއްޖެ އިން ބޭރުގެ އިންވެސްޓްމަންޓުތައް އިތުރު ކުރުމަށާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ތަރައްގީކޮށް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފަ އެވެ.

އެގޮތުން ރާއްޖެ އާއި ޗައިނާއާ ދެމެދު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ ދުނިޔޭގެ އެންމެ ބޮޑު އެއް މާކެޓަށް ދިވެހި އުފެއްދުންތައް ޑިއުޓީ ނެގުމެއް ނެތި އެކްސްޕޯޓް ކުރުމުގެ ފުރުސަތު އޮތް އެއްބަސްވުމެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި 1.6 ބިލިއަން ޑޮލަރު އިންވެސްޓް ކުރާ ގޮތަށް ޓޫރިޒަމް ދާއިރާ އިން 40 ފޮރިން އިންވެސްޓްމަންޓެއް މިދިޔަ އަހަރު ރަޖިސްޓްރީ ކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ޓޫރިޒަމް ދާއިރާ ފިޔަވައި އެހެން ސިނާއަތްތަކުން 1.8 ބިލިއަން ޑޮލަރު ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި އިންވެސްޓްކުރާ ގޮތަށް 50 އިންވެސްޓްމަންޓެއް ރަޖިސްޓްރީ ކުރެވިފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް ބޮލަކަށް ޖެހޭ ނިސްބަތް މިދިޔަ އަހަރު ހުރީ 9671 ޑޮލަރުގަ އެވެ. މިދިޔަ އަހަރު ނިމުނުއިރު ރަސްމީ ރިޒާވް ހުރީ 586 މިލިއަން ޑޮލަރު ކަމަށާއި މި އަަދަދު މި އަހަރު 600 މިލިއަން ޑޮލަރަށްވުރެ އިތުރުވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ދައުލަތުގެ އާމްދަނީ އަހަރުން އަހަރަށް އިތުރުވަމުން އަންނައިރު، މި އަހަރު ދައުލަތަށް 22 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.