Roadha Mihaaru
ދަރުމަވަންތައިގެ އާ އިމާރާތް 74 މިލިއަނަށް އެސްޖޭއަށް

ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތް އަޅަން 74 މިލިއަން ރުފިޔާއަށް އެސްޖޭ އަށް

04 ފެބުރުއަރީ 2020

ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތް އަޅަން، 74.9 މިލިއަން ރުފިޔާއަށް އެސްޖޭ ކޮންސްޓްރަކްޝަންއާ މިއަދު ހަވާލުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތް އަޅަން، 74.9 މިލިއަން ރުފިޔާއަށް އެސްޖޭ ކޮންސްޓްރަކްޝަންއާ މިއަދު ހަވާލުކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި، އެއް އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި އެސްޖޭ ކޮންސްޓްރަކްޝަންގެ ޑިރެކްޓަރު ޝިހާދު އިބްރާހިމެވެ.

ވިލާ ކޮލެޖު ކުރިމަތީގައި އޮތް ހުސް ބިމުގައި އެ އިމާރާތް އަޅަން ބިޑު ހުޅުވާލުމުން ނުވަ ފަރާތަކުން ކުރިމަތިލި އެވެ. މަސައްކަތް ހަވާލުކުރާނެ ކުންފުނި ކަނޑައެޅީ ފިނޭންސް މިނިސްޓްރީންނެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު މިނިސްޓަރު ވިދާޅުވީ ދަރުވަންތައިގެ އާ އިމާރާތް އަޅަނީ ވަށައި ޖެހޭ ތައުލީމެއް ދެވޭ ގޮތަށް އެއްދަންފަޅިއަށް ހިންގާނެ ފުރަތަމަ މޮޑެލް ސްކޫލުގެ ގޮތުގަ އެވެ. އަންނަ އަހަރުގެ އޭޕްރިލް މަހު އެތަން ނިންމައި، މިހާރު ވެސް ދަރުމަވަންތަ ސްކޫލުގެ ވަގުތީ އިމާރާތުގައި ކިޔަވަމުން އަންނަ ދަރިވަރުންނާ އެކު ކިޔެވުން ފެށޭނެ އެވެ.

ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތް އެޅުމުގެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި އެސްޖޭ ކޮންސްޓްރަކްޝަންގެ ޑިރެކްޓަރު ޝިހާދު ސޮއިކުރައްވަނީ.-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތް އެޅުމުގެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި އެސްޖޭ ކޮންސްޓްރަކްޝަންގެ ޑިރެކްޓަރު ޝިހާދު ސޮއިކުރައްވަނީ.-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތް ޑިޒައިންކޮށްފައިވަނީ 1،000 ދަރިވަރުންނަށް ކިިޔަވައިދެވޭ ގޮތަށް، 41 ކްލާސް ރޫމް ހިމެނޭ ގޮތަށެވެ. ކޮންމެ ކްލާހެއްގައި ގިނަވެގެން 25 ކުދިން ކިޔަވާނެ އެވެ. ސްކޫލުގައި ދެ ބުރީގެ ލައިބްރަރީއަކާއި އިތުރު ހަރަކާތްތައް ހިންގާނެ ރޫމުތައް ވެސް ހިމެނެ އެވެ.

ދަރުމަވަންތަ ސްކޫލުގެ އާ އިމަރާތް އަޅަން ކުރިން އުޅުނީ އެ ސްކޫލު އެންމެ ފުރަތަމަ ހުރި ބިމުގަ އެވެ. ނަމަވެސް މަޖީދިއްޔާ ސްކޫލު ވެސް އެއް ދަންފަޅިއަށް ކިޔަވައިދޭ ތަނަކަށް ބަދަލުކުރުމުގެ ބޭނުމުގައި، ދަރުމަވަންތައިގެ އާ އިމާރާތް އެހެން ތަނަކަށް ބަދަލުކުރީ އެވެ.

މިހާރު ދަރުމަވަންތަ ހިންގަނީ، މެދު ޒިޔާރަތް ކައިރީގައި ވަގުތީ ގޮތުން ހެދި ތަނެއްގަ އެވެ.