Roadha Mihaaru
ބަރުލަމާނީ ނިޒާމަކުން ނޫނީ ނުހިންގޭނެ: ބޮންޑޭ

ބަރުލަމާނީ ނިޒާމަކުން ނޫނީ ރާއްޖެ ނުހިންގޭނެ: ބޮންޑޭ

04 ފެބުރުއަރީ 2020

ރިޔާސީ ނިޒާމެއްގައި ކޯލިޝަން ހަދައިގެން ވެރިކަން ނުކުރެވޭނެ ކަމަށާއި ރާއްޖޭގެ ވެރިކަން ހިންގުން ބަރުލަމާނީ ނިޒާމަށް ބަދަލުވާންޖެހޭ ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރިޔާސީ ނިޒާމެއްގައި ކޯލިޝަން ހަދައިގެން ވެރިކަން ނުކުރެވޭނެ ކަމަށާއި ރާއްޖޭގެ ވެރިކަން ހިންގުން ބަރުލަމާނީ ނިޒާމަށް ބަދަލުވާންޖެހޭ ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުގެ ފަރާތުން ކުޅުދުއްފުށީ އުުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް ހުށަހެޅުއްވި ބިލުގެ ބަހުސްގައި ބޮންޑޭ ވިދާޅުވީ ރިޔާސީ ނިޒާމެއްގައި ޕާޓީތަކުން ކޯލިޝަން ހަދައިގެން ތިން ދައުރެއް ފެނުނު އިރު، ކޯލިޝަން ތަކުގެ އިޚުލާސްތެރިކަމެއް ނެތް ކަަމަށެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ވެސްް ބޮންޑޭ މިއަދު ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. ސަރުކާރުގެ ހަރަދު އިންތިހާއަށް ބޮޑު ކަމަށާއި އެެއީ ވެސް ކޯލިޝަންގެ ހުރިހާ ޕާޓީތަކުން މީހުންނަށް މަގާމުތައް ދިނުމުގެ ސަބަބުން ކަމަށް ބޮންޑޭ ވިދާޅުވި އެވެ.

"މިކޯލިޝަނަކުން އަޅުގަނޑަކަށް ނުފެނޭ އިޚުލާސްތެރިކަމެއް. އެއް މިނިސްޓްރީން އަނެއް މިނިސްޓްރީއަށް ފާކުރުމާ، އަދި ސިޔާސަތަކީ އެމްޑީޕީގެ ސިޔާސަތު. އެ ސިޔާސަތަކީ ރައީސް ނަޝީދުގެ ފަރާތުން، އެމްޑީޕީ އުފެދުނީއްސުރެ އޮތް ސިޔާސަތެއް. އެ ސިޔާސަތެއް އަޅުގަނޑަަކަށް ގަބޫލެއް ނުކުރެވޭ އިދިކޮޅު ފަރާތްތަކުން ތަންފީޒު ކުރާނެ ކަމަކަަށް،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގައުމު މިހާރުވެސް މި ހިންގަނީ ބަރުލަމާނީ ނިޒާމަަކުން ހިންގާ ފަދަ ގޮތަކަށް ކަމަށާއި މިދިޔަ ތިން ދައުރުގައި ވެސް ހިނގީ އެގޮތަށް ކަމަށެވެ.

"ހަމަ ބޮޑުވަޒީރެއް ހުންނަވައިގެން ނޫނީ ނުހިންގޭނެ،" އޭނާ ވިދާޅުވި އެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ވެސް ބޮންޑޭ ފާޑުވިދާޅުވި އެވެ. އޭނާ ވިދާޅުވީ މާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަކުރަން ޖޫރިމަނާތަކެއް ކަނޑައެޅިޔަސް އެކަން ތަންފީޒު ނުކުރެވޭނެ ކަމަށެވެ. ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އެއް ބަދަލަކީ "ރޯޑް ސޭފްޓީ ކައުންސިލް"ގެ ނަމުގައި ކައުންސިލެެއް އުފެއްދުމެވެ. ބޮންޑޭ ވިދާޅުވީ އެއީ އިތުރަށް ހަރަދުބޮޑުވާނެ ކަމެއް ކަަމަށެވެ.

ރާއްޖޭގައި ވެރިކަން ހިންގާނެ ނިޒާމު ކަނޑައަޅަންް 2007 ވަނަ އަހަރު ފެންނަ ނުފެންނަ ވޯޓެއް ނެގި އެވެ. އޭރުގައި އެމްޑީޕީން ކެމްޕޭން ކުރީ ބަރުލަމާނީ ނިޒާމަށެވެ. އަދި އެ ފަހަރުގެ ވޯޓުގެ ނަތީޖާއާ މެދުގައި އެޕާޓީން އޭރު ސުވާލުވެސް އުފެއްދި އެވެ.