Roadha Mihaaru
ކޮރަޕްޝަންގެ ޕާކިން ޒޯނަކަށް އޭސީސީ ވެއްޖެ: ބޮންޑޭ

ކޮރަޕްޝަންގެ ޕާކިން ޒޯނަކަށް އޭސީސީ ވެއްޖެ: ބޮންޑޭ

03 މާޗް 2021

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅާ ކޮރަޕްޝަންގެ މައްސަލަތައް އެކަށީގެންވާ ބާރު މިނުގައި ތަހުގީގު ނުކުރާ ކަމުގެ ފާޑުކިއުން އަނެއްކާވެސް އަމާޒުކޮށް އެތަނަކީ "ކޮރަޕްޝަންގެ ޕާކިން ޒޯނެއް"ގެ ގޮތުގައި މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ސިފަކުރައްވައިފަ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅާ ކޮރަޕްޝަންގެ މައްސަލަތައް އެކަށީގެންވާ ބާރު މިނުގައި ތަހުގީގު ނުކުރާ ކަމުގެ ފާޑުކިއުން އަނެއްކާވެސް އަމާޒުކޮށް އެތަނަކީ "ކޮރަޕްޝަންގެ ޕާކިން ޒޯނެއް"ގެ ގޮތުގައި މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ސިފަކުރައްވައިފަ އެވެ.

ކޮވިޑް-19އަށް ހެދި މެޑިކަލް ފެސިލިޓީތަކަށް އޮކްސިޖަން ސިލިންޑަރުތައް ގެނައުމުގައި މޯލްޑިވް ގޭހުން ހިންގާފައިވާ ކަމަށް ތުހުމަތުކުރާ 16 މިލިއަން ރުފިޔާގެ ޚިޔާނާތާ ގުޅޭ ގޮތުން އެސްއޯއީ ކޮމިޓީގައި ވާހަކަ ދައްކަވަމުން ބޮންޑޭ ވިދާޅުވީ ކުރީގެ ސަރުކާރުގައި ވެސް އެ ކުންފުންޏަށް ތުހުމަތުކުރާ ޚިޔާނާތުގެ ބޮޑެތި މައްސަލަތަކެއް ފެންމަތިވި ކަމަށެވެ. މި ވެރިކަމަށް ވެސް އެ ކުންފުނީގެ އެ ޚިޔާނާތް ވާރުތަވެފައިވާ ކަމަށް ވިދާޅުވެ ފާޑުކިއުން އޮއްސާލެއްވީ އޭސީސީއަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުރީގެ ސަރުކާރުގައި މޯލްޑިވް ގޭހުން ހިންގި ޚިޔާނާތުގެ މައްސަލަތައް ބަލަން އެސްއޯއީ ކޮމިޓީން ނިންމައި އޭސީސީއަށް ވަނީ ހުށަހަޅައިފަ އެވެ.

"އެކަމަކު އޭސީސީއަކީ މިހާރު ކޮރަޕްޝަން ޕާކިން ޒޯނެއްގެ ގޮތަށް އަޅުގަނޑަށް ސިފަވަނީ. އެއީ ކޮރަޕްޝަން ހިންގާފައި ޕާކުކޮށްފައި ބެހެއްޓޭ ޒޯނެއް،" އޭނާ ވިދާޅުވި އެވެ.

އޭސީސީގެ މެމްބަރުން، މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި ޖަވާބުދާރީވަނީ.---ފޮޓޯ: މަޖިލިސް

އޭސީސީގެ މެމްބަރުން، މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި ޖަވާބުދާރީވަނީ.---ފޮޓޯ: މަޖިލިސް

ބޮންޑޭ ވިދާޅުވީ އޭސީސީ ހިނގަނީ ކޮރަޕްޝަންގެ ޕާކިން ފީ ދައްކާ ގޮތަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އޮކްސިޖަން ސިލިންޑަރުތައް ގެނައުމުގައި ދިމާވި މައްސަލަ އޭސީސީއަށް ހުށަހަޅާއިރު ކުރިން އެ ކޮމިޝަނަށް ހުށަހެޅި މައްސަލަަތަކުގެ ވެސް ތަހުގީގު ކޮޅެއްގައި ޖައްސައި ޝަރީއަތާ ހަމައަށް ފޮނުވަން ޖެހެ އެވެ. މޯލްޑިވް ގޭހުގައި ކޮރަޕްޝަން ހިންގި ކަމަށް ތުހުމަތު ކުރެވޭ މީހުން އަމިއްލަ ބިން ގަނެ ސަފާރީތައް އުޅަނދުތައް ފަދަ މުދާތައް ހޯދައި ވިޔަފާރި ފުޅާކޮށްފައިވާ ކަމުގެ ތުހުމަތު ވެސް ބޮންޑޭ ކުރެއްވި އެވެ.

އޭނާ އެ އިޝާރާތް ކުރެއްވީ އެސްއޯއީ ކޮމިޓީން ކުރިން ބެލި މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިން ޑައިރެކްޓަރު އަބްދުﷲ މައުމޫން (ގޭސް މާނު) އަށް ތުހުމަތުކުރާ ޚިޔާނާތުގެ މައްސަލަތަކަށް ކަމަށް ބެލެވެ އެވެ. ވެރިކަން ބަދަލުވުމާ އެކު އޭނާ ވަނީ ރާއްޖެ އިން ބޭރަށް ފުރާވަޑައިގެންފަ އެވެ.

ބޮންޑޭ ވިދާޅުވީ ކުރީގެ ވެރިކަމުގައި ހިންގި ކަމަށް ތުހުމަތުކުރާ ކޮރަޕްޝަންގެ މައްސަލަތައް ބަލަން އުފެއްދި އެސެޓް ރިކަވަރީ ކޮމިޝަން ވެސް ޒިންމާކުރުވަން ޖެހޭ ކަމަށެވެ. އޭސީސީގެ އަށް ހުށަހަޅާ މައްސަލަތަކުގައި ގޮތެއް ނުނިމި ލަސްވަމުން ދިއުމުގައި ކޮމިޓީގެ ކަންބޮޑުވުންތަކެއް ހުރި ކަން މަޖިލީހުގެ ތަޅުމަށް މި މައްސަލައިގެ ރިޕޯޓާ އެކު ފޮނުވަން ބޮންޑޭ ހުށަހެޅުއްވި އެވެ.

އޭސީސީން ތަހުގީގުކުރާ މައްސަލަތައް ލަސްވަމުންދާ ކަމުގެ ފާޑުކިއުންތަކާ އެކު މެމްބަރުން ވަކިކުރަން ވެސް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހުށަހެޅި އެވެ. އެކަމަކު ފަހުން ނިންމީ އެ މައްސަލަ ކުރިއަށް ނުގެންދާށެވެ.

މެމްބަރުން އަމާޒުކުރާ ފާޑުކިއުންތަކާ ގުޅިގެން އޭސީސީން ކުރިން ބުނެފައި ވަނީ އެ ކޮމިޝަންގެ މެމްބަރުން މަސައްކަތް ފެއްޓެވީ ގިނަ އަދަދެއްގެ މައްސަލަތަކަކާ އެކުގައި ކަމަށެވެ. މުވައްޒަފުންގެ ދަތިކަމާ އެކުގައި ވެސް އިސްކަން ދޭނެ ތަރުތީބެއް އެކުލަވާލައި މައްސަލަތައް ކުރިއަށް ގެންދާ ކަމަށެވެ.

ކޮމިޝަންގެ މަގްސަދަކީ ބަޔަކު ކުށްވެރިކޮށް ދައުވާކުރަން ފޮނުވުން ނޫން ކަމަށާއި އޭގެ އިތުރުން ކޮރަޕްޝަން ހުއްޓުވަން ކުރަން ޖެހޭ ގިނަ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް އޭސީސީން ވަނީ ބުނެފަ އެވެ.