Roadha Mihaaru
އެރިކްސަންގެ ތުހުމަތަށް މޮރީނިއޯ ދޭނެ ޖަވާބެއް ނެތް

އެރިކްސަންގެ ތުހުމަތަށް މޮރީނިއޯ ދޭނެ ޖަވާބެއް ނެތް

06 ފެބުރުއަރީ 2020

ލަންޑަން (ފެބްރުއަރީ 6) - އިންޓަ މިލާނަށް ދާދި ފަހުން ބަދަލުވި ޑެންމާކުގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން އޭނާގެ ކުރީގެ ކްލަބް ޓޮޓެންހަމް ހޮޓްސްޕާސް އަށް ވަރަށް ބޮޑަށް ފާޑުކިޔަސް އެ އަށް ރައްދުދޭން އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ ދެކޮޅު ހަދައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (ފެބްރުއަރީ 6) - އިންޓަ މިލާނަށް ދާދި ފަހުން ބަދަލުވި ޑެންމާކުގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން އޭނާގެ ކުރީގެ ކްލަބް ޓޮޓެންހަމް ހޮޓްސްޕާސް އަށް ވަރަށް ބޮޑަށް ފާޑުކިޔަސް އެ އަށް ރައްދުދޭން އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ ދެކޮޅު ހަދައިފި އެވެ.

އުމުރުން 27 އަހަރުގެ އެރިކްސެން ޓޮޓެންހަމް ދޫކޮށް މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އިންޓައާ ގުޅުނީ 20 މިލިއަން ޔޫރޯ އަށެވެ. ޓޮޓެންހަމުން އެރިކްސަން ދޫކޮށްލީ މި ސީޒަނަށް ފަހު އޭނާ އެ ކްލަބާ އެކު ހަދާފައިވާ އެއްބަސްވުން ހަމަވާތީ އެވެ. އެއީ ސީޒަން ނިމެންދެން އެރިކްސަން މަޑުކުރުވި ނަމަ އޭނާ އަށް ހިލޭ ކްލަބް ބަދަލުކުރުމުގެ އިހުތިޔާރު އޮތުމުންނެވެ.

ދާދި ފަހުން އެރިކްސަން މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ބުނީ ޓޮޓެންހަމުގައި އޭނާ ހޭދަކުރި ފަހު ދުވަސްތަކުގައި އެ ކްލަބްގައި ހުރިހާ ގޯސް ކަންތައްތަކުގެ ތުހުމަތު އަމާޒުވަނީ އޭނާ އަށް ކަމަށާއި ކްލަބްގެ އެކި މަގާމުތަކުގައި ތިބި މީހުން ވެސް އޭނާއާ މެދު ދުށީ ގޯސް ނަޒަރަކުން ކަމަށެވެ. އެކަމަކު އެރިކްސަން ވަނީ މޮރީނިއޯއާ މެދު އެއްވެސް ހިތްބުރަކަމެއް ނެތް ކަމަށާއި އޭނާ ކަންތައް ކުރީ ވަރަށް ޕްރޮފެޝަނަލްކޮށް ކަމަށް ބުނެފަ އެވެ.

ސައުތެމްޓަންއާ ދެކޮޅަށް ރޭ ކުޅުނު މެޗުގެ ތެރެއިން މޮރީނިއޯ. -- ފޮޓޯ: އޭއެފްޕީ

ސައުތެމްޓަންއާ ދެކޮޅަށް ރޭ ކުޅުނު މެޗުގެ ތެރެއިން މޮރީނިއޯ. -- ފޮޓޯ: އޭއެފްޕީ

އިނގިރޭސި އެފްއޭ ކަޕް ރީޕްލޭގައި ރޭ ސައުތެމްޓަން އަތުން 3-2 އިން މޮޅުވެ ޓޮޓެންހަމުން މުބާރާތުގެ ފަސް ވަނަ ބުރުން ފުރުސަތު ހޯދި މެޗަށް ފަހު މޮރީނިއޯ ބުނީ އެހެން ޓީމުތަކުގައި ތިބޭ ކުޅުންތެރިންގެ ވާހަކަ ދެއްކުމުގެ މާ ބޮޑު ޝައުގުވެރިކަމެއްނެތް ކަމަށާއި ކޮންމެ މީހެއް ވެސް އަމިއްލަ ވިސްނުމުގައި ދައްކާނެ ވާހަކަތަކެއް ހުންނާނެ ކަމަށެވެ. އަދި އެރިކްސަން ދިން އިންޓަވިއުގައި ދެއްކި ވާހަކަތަކާ މެދު ވިސްނާނެ ވަގުތެއް ނުލިބޭ ކަމަށް މޮރީނިއޯ ބުންޏެވެ.

"މީގައި ކޮންމެ މީހެއް ވެސް އަމިއްލަ ނަފްސާ މެދު ދެކޭ ގޮތް ހާމަކުރުމަކީ ގޯސްކަމެއްގެ ގޮތުގައި އަހަރެން ނުދެކެން. އެރިކްސަން ކްލަބް ބަދަލުކުރަން ބޭނުންވާ ވާހަކަ ބުނުމުން އަހަރެން އެއަށް ހުރަހަކަށް ނުވަން. ތިބުނާ ވާހަކަތަކަށް ދޭނެ ޖަވާބެއް މި ވަގުތު ނެތް،" މޮރީނިއޯ ބުންޏެވެ.

އެރިކްސަން ހޯދަން މެންޗެސްޓާ ޔުނައިޓެޑާއި ޕީއެސްޖީން ވެސް މަސައްކަތްކުރި ކަމަށް މީޑިއާތަކުން ރިޕޯޓްކުރި އެވެ. އެރިކްސަން ބުނީ އިންޓަ އަށް ބަދަލުވީ އެ ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭއާ އެކު ކާމިޔާބީތަކެއް ހާސިލްކުރެވޭނެ ކަމުގެ ޔަގީންކަން އޮތުމުން ކަމަށާއި އާ ޗެލެންޖެއް ނަގާއިރު ވަރުގަދަ ލީގެއްގައި ކުޅެން ބޭނުންވާތީ ކަމަށް ބުންޏެވެ.