Roadha Mihaaru
ޓޮޓެންހަމްގެ ކޯޗުކަމުން މޮރީނިއޯ ވަކިކޮށްފި

ޓޮޓެންހަމްގެ ކޯޗުކަމުން މޮރީނިއޯ ވަކިކޮށްފި

19 އެޕްރީލް 2021

ލަންޑަން (19 އޭޕްރީލް) - ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗުކަމުން، ހޯސޭ މޮރީނިއޯ ވަކިކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ލަންޑަން (19 އޭޕްރީލް) - ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗުކަމުން، ހޯސޭ މޮރީނިއޯ ވަކިކޮށްފި އެވެ.

މޮރީނިއޯ އެންމެ ފަހުން މަސައްކަތްކުރި ތިން ކުލަބުގެ ކޯޗުކަމުގެ ވަޒީފާ ވެސް އޭނާ އަށް ގެއްލުނީ ނަތީޖާތައް ދަށްވެ އޭނާ މަގާމުން ވަކި ކުރުމުންނެވެ.

ނޮވެމްބަރު 2019 ގައި ޓޮޓެންހަމްގެ ކޯޗުކަމަށް ހަމަޖެއްސި، މޮރީނިއޯ މަގާމުން ވަކި ކޮށްފައިވާކަން އެންމެ ފުރަތަމަ ރިޕޯޓް ކުރީ ޓެލެގްރާފް ނޫހުންނެވެ. އޭގެ ފަހުން ދި އެތުލެޓިކުން ވެސް ވަނީ އެކަން ރިޕޯޓް ކޮށްފަ އެވެ. އެ ނޫހުގައި ބުނެފައި ވަނީ ޓޮޓެންހަމްގެ ކޯޗުކަމުން މިއަދު މޮރީނިއޯ ވަކި ކޮށްފައިވާކަން މުއުތަބަރުކޮށް ކަށަވަރުވެފައިވާ ކަމަށެވެ.

އެކަމާ ބެހޭގޮތުން ޓޮޓެންހަމް އިން ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ. މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުމުން ޑިސެމްބަރު 2018 ގައި ވަކި ކުރިފަހުން ކޯޗުކޮށްދޭނެ ޓީމެއް ނުލިބި މޮރީނިއޯ ގާތްގަނޑަކަށް އެއް އަހަރު ހޭދަ ކުރި އެވެ. އެ މުއްދަތުގައި އޭނާ މަސައްކަތް ކުރީ ފުޓްބޯޅަ އެނަލިސްޓެއްގެ ގޮތުގަ އެވެ. ޓޮޓެންހަމްގެ ކޯޗް ކަމަށް އޭނާ ހަމަޖެއްސީ، މައުރީޝިއޯ ޕޮޗެޓިނޯ މަގާމުން ވަކި ކުރުމަށް ފަހު އެވެ.

މޮރީނިއޯ ކޯޗުކަމުން، ވަކިކުރި އިރު އެ ޓީމު އޮތީ ލީގުގެ ހަތް ވަނައިގަ އެވެ. ގަދަ ހަތަރެއްގެ ތެރެއަށް އެ ޓީމަށް ވަނުމުގެ ފުރުސަތު ކުޑަ އެވެ. އެހެންނަމަވެސް އޭނާ ވަނީ އިނގިރޭސި ލީގު ކަޕުގެ ފައިނަލަށް ޓޮޓެންހަމް ގެންގޮސްދީފަ އެވެ. އެ މެޗު އަންނަ އާދިއްތަ ދުވަހު ކުޅޭނެ އެވެ.