Roadha Mihaaru
ލިއުން ދިން 655 މީހުންނަށް ފްލެޓެއް ނުލިބޭ: ޖަމިއްޔާ

އެޗް7 ކެޓަގަރީން ލިއުން ދިން 655 މީހުންނަށް ފްލެޓެއް ނުލިބޭ: ޖަމިއްޔާ

02 ޑިސެމްބަރ 2020

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހުޅުވާލި ހިޔާ މަޝްރޫއުގެ އެޗް7 ކެޓަގަރީން ފްލެޓް ކަށަވަރުވި ކަމުގެ ލިއުން ދީފައިވާ 655 މީހުންނަށް މި ސަރުކާރުގެ ލިސްޓާ އެކު ފްލެޓް ނުލިބޭ ކަމަށް ބުނެ "އާއްމުންގެ އެކުވެރި ގުޅުން" ޖަމިއްޔާ އިން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހުޅުވާލި ހިޔާ މަޝްރޫއުގެ އެޗް7 ކެޓަގަރީން ފްލެޓް ކަށަވަރުވި ކަމުގެ ލިއުން ދީފައިވާ 655 މީހުންނަށް މި ސަރުކާރުގެ ލިސްޓާ އެކު ފްލެޓް ނުލިބޭ ކަމަށް ބުނެ "އާއްމުންގެ އެކުވެރި ގުޅުން" ޖަމިއްޔާ އިން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މި ސަރުކާރުގެ ފްލެޓް ކޮމިޓީން ރޭ ވަނީ އެޗް7 ކެޓަގަރީ އަށް ކުރިމަތިލީ މީހުންގެ ފޯމުތައް އަލުން އިވެލުއޭޓްކޮށް ވަގުތީ ލިސްޓުތަކެއް އާއްމުކޮށްފަ އެވެ. އެ ލިސްޓުތަކުގައި އެޗް7 ކެޓަގަރީ އަށް ކުރިމަތިލީ މީހުންގެ ތެރެއިން ފްލެޓަށް ޝަރުތު ހަމަވާ 7000 އަށް ވުރެ ގިނަ މީހުންނާއި ޝަރުތު ހަމަނުވާ 1،200 އަށް ވުރެން ގިނަ މީހުން ހިމެނެ އެވެ.

ޝަކުވާ ހުށަހަޅަން ހުޅުވާލާފައިވާ ލިސްޓުތަކުގައި، ފްލެޓް ލިބޭނެ ކަމަށް ކުރީގެ ސަރުކާރުން ލިއުން ދިން 655 މީހުންނަށް ޕޮއިންޓް މަދުވެ، ތަރުތީބު ވަނީ ބަދަލުވެފަ އެވެ. މިއީ، ފްލެޓް ލިބޭ 655 މީހުން މި ސަރުކާރުން އުނިކޮށް އެ ފަރާތްތަކަށް ބޭއިންސާފުވުމުގެ ގޮތުގައި ޖަމިއްޔާ އިން ދެކެ އެވެ.

ޖަމިއްޔާ އިން ކުރި ޓުވީޓެއްގައި ބުނީ މި ސަރުކާރުގެ އެޗް7 ލިސްޓު ދިރާސާކުރިއިރު ފްލެޓް ލިބުނު ކަމުގެ ކަށަވަރު ލިއުން ކުރިން ލިބުން 655 މީހުން ލިސްޓުން އުނިކޮށް، ކުރިން ލިސްޓުގައި ނެތް 655 މީހުންނަށް ފްލެޓް ދީފައިވާ ކަމަށެވެ.

"މި ފަހަރު އުނިކުރެވުނު، ކުރިން ފްލެޓް ލިބި ދައުލަތުގެ ނިޝާން ޖެހި ލިއުން ލިބިފައިވާ 655 އާއިލާއަށް ފްލެޓް ދީފައި ވަނީ ނުހައްގުން ކަމަށް މި ސަރުކާރުން ގަބޫލުކޮށް އެ ފަރާތްތައް ލިސްޓުން އުނިކުރި ސަބަބު އެ ފަރާތްތަކަށް އެނގެން ޖެހޭ ކަމަށް އަޅުގަނޑުމެން ދެކެމެވެ،" ޖަމިއްޔާ އިން ބުންޏެވެ.

"އަދި ހަމަ އެހެންމެ މި ސަރުކާރުން އޭގެ ބަދަލުގައި ފްލެޓް ދިން 655 ފަރާތަށް ފްލެޓު ދޭން ޖެހޭ ސަބަބު ވެސް ސާފުވާން ޖެހެ އެވެ."

ހިޔާ މަޝްރޫއުން ފްލެޓް ލިބުނު މީހުންގެ ހައްގުގައި މަސައްކަތްކުރަން އުފެއްދި އާއްމުންގެ އެކުވެރި ގުޅުމުގެ ވަގުތީ ރައީސް މިދުއާމް ސައުދު ވިދާޅުވީ މި ސަރުކާރުގެ ފްލެޓް ކޮމިޓީން ފޯމުތައް އަލުން އިވެލުއޭޓްކުރުމުގައި ސުވާލު އުފެދޭ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ. ދިރިއުޅުމުގެ ހާލަތަށް ނުބަލައި ކުރީގެ ސަރުކާރުން ފްލެޓް ދިން ކަމަށް ބުނާއިރު މި ސަރުކާރުން އުފެއްދި ފްލެޓް ކޮމިޓީން ވެސް ދިރިއުޅުމުގެ ހާލަތަށް 30 ޕޮއިންޓް ދޭ އުސޫލެއް ސާފެއް ނޫން ކަމަށް ވިދާޅުވި އެވެ.

"މައިގަނޑު ކަންބޮޑުވުމަކީ އެއްވެސް އުސޫލެއް ނެތި ދިރިއުޅުމުގެ ހާލަތު ބެލި ގޮތް. ކޮވިޑާ ގުޅިގެން ވެސް ވަރަށް ގިނަ މީހުން ރަށަށް ބަދަލުވުމާއި ކުރިން ދިރިއުޅުނު އެޕާޓްމެންޓްތަކުން އެހެން ތަންތަނަށް ބަދަލުވެފައިވޭ. މި ހުރިހާ ކަންކަމަކަށް އެކަށީގެންވާ ގޮތެއްގައި ބަލާފައެއް ނުވޭ،" މިދުއާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުރީގެ ސަރުކާރުގައި ޓީޗަރުންނާއި ނަރުހުންނާއި ޑޮކްޓަރުންގެ ކެޓަގަރީން ފްލެޓް ދޫކޮށްފައިވާ ތަރުތީބަށް ވެސް ބަދަލު ގެނެސްފައިވުމާއި ކުރީގެ ސަރުކާރުން މި ކެޓަގަރީތަކަށް ކަނޑައެޅި ފްލެޓްތަކުގެ އަދަދު މަދުކޮށް މާލޭގެ ރައްޔިތުންގެ ކެޓަގަރީއަށް ހަމަޖެއްސުމަކީ ވެސް އެންމެ އިންސާފުވެރި ގޮތެއް ނޫނެވެ.

ފްލެޓް ކޮމިޓީން މާކްސް ދިނީ ހުރިހާ ކެޓަގަރީއަކުން ވެސް ޕޮއިންޓް ދޭ އުސޫލަށް ބަދަލުތަކެއް ގެނެސްގެން ކަމުގެ ތުހުމަތު އެ ޖަމިއްޔާ އިން ކުރެ އެވެ.

ފްލެޓަށް ކުރިމަތިލައި އެކި މައްސަލަތައް ދިމާވި މީހުންގެ ހައްގުތައް ހޯދައިދޭން ސަރުކާރުގެ މުއައްސަސާތަކާއި ސިޔާސީ ޕާޓީތަކާ ބައްދަލުކުރަން ޖަމިއްޔާ އިން ވަނީ ނިންމައިފަ އެވެ. ބޯހިޔާވަހިކަމުގެ ހައްގު ހޯދައިދިނުމުގެ މަސައްކަތް ކުރިން ކުރަމުން އައީ، "ކޮތަރު ކޮށި" ނަމުގައި ސޯޝަލްމީޑިއާގަ އެވެ.