Roadha Mihaaru
ކޮމަންވެލްތުގެ އިދާރާގައި ދިވެހި ދިދަ ވިހުރެން ފަށައިފި

ކޮމަންވެލްތުގެ މައި އިދާރާގައި ދިވެހިި ދިދަ ހަތަރު އަހަރު ފަހުން ވިހުރެން ފަށައިފި

06 ފެބުރުއަރީ 2020

ރާއްޖެ، ކޮމަންވެލްތުގެ މެމްބަރު ގައުމަކަށް އަލުން ހަމަޖެއްސުމާ ގުޅިގެން، އެ ޖަމާއަތުގެ މައި އިދާރާގައި ދިވެހި ދިދަ މިއަދު ނަގައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖެ، ކޮމަންވެލްތުގެ މެމްބަރު ގައުމަކަށް އަލުން ހަމަޖެއްސުމާ ގުޅިގެން، އެ ޖަމާއަތުގެ މައި އިދާރާގައި ދިވެހި ދިދަ މިއަދު ނަގައިފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރު ކޮމަންވެލްތުން ރާއްޖެ ވަކިވުމަށް ފަހު، އެ ޖަމިއްޔާގެ މެމްބަރުކަން އަލުން ލިބުނީ މިދިޔަ ހޮނިހިރު ދުވަހެވެ. ރާއްޖެ އަކީ މިހާރު ކޮމަންވެލްތުގެ 54 ވަނަ މެމްބަރު ގައުމެވެ.

އިނގިރޭސި ވިލާތުގެ ލަންޑަނުގައި ބޭއްވި، ރާއްޖޭގެ ގައުމީ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުރުން ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލެންޑާއި ރާއްޖެ އިން އެ ގައުމަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ. ފަރަހަނާޒް ފައިސަލާއި ކޮމަންވެލްތުގެ 53 ގައުމުގެ މަންދޫބުން ބައިވެރިވެވަޑައިގަތެވެ.

ރާއްޖެ އަލުން ކޮމަންވެލްތާ ގުޅުނުކަން އެންގެވުމަށް ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝިއާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިދިޔަ ހޮނިހިރު ދުވަހު ފޯނުން ގުޅުއްވުމުން އެމަނިކުފާނު ވަނީ އެކަމާ އުފާފުޅުކުރައްވައި ދިވެހި ސަރުކާރަށް ދެއްވި އެއްބާރުލުމާއި އެހީތެރި ކަމަށްޓަކައި ޝުކުރު އަދާކުރައްވައިފަ އެވެ.

ރާއްޖެ، ކޮމަންވެލްތާ އަލުން ގުޅުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުގައި ވެސް ހިމެނޭ ކަމެކެވެ.

ރާއްޖެ، އަލުން ކޮމަންވެލްތާ ގުޅުނުކަން އެންގެވުމަށް ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ގުޅުއްވުމުން އޭނާއާ ދެއްކެވި ވާހަކަފުޅުގައި ކޮމަންވެލްތުގެ ޗާޓަރާއި ހަރާރޭ ޑިކްލަރޭޝަނާ އެއްގޮތަށް އިންސާނީ ހައްގުތައް ރައްކާތެރިކުރުމާއި ސިޔާސީ މިނިވަންކަމާއި ޑިމޮކްރަސީގެ އުސޫލުތައް ދެމެހެއްޓުމަށް ރާއްޖެއިން ގަދައަޅައި މަސައްކަތްކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ކޮމަންވެލްތުގެ މައިގަނޑު އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ރާއްޖެ އިން ބައިނަލްއަގްވާމީ ކަންކަމުގައި އެ ޖަމާއަތުގެ މެންބަރު އެހެން ގައުމުތަކާ އެކު މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދެއްވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ރާއްޖެ އަލުން ކޮމަންވެލްތުގައި ބައިވެރިވާން ހުށަހެޅުމުން އެ ޖަމާއަތުގެ ފުރަތަމަ އެސެސްމަންޓް ޓީމު ރާއްޖެ އައީ މިދިޔަ އަހަރުގެ ޖެނުއަރީ ގަ އެވެ. ރާއްޖޭގެ ކަމާ ގުޅުން ހުރި ފަރާތްތަކާ ބައްދަލުކޮށް، އެސެސްމަންޓް ހެދުމަށް ފަހު، އޭޕްރީލް 2019 ގައި އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އޮބްޒާވް ކުރުމަށް ވެސް ކޮމަންވެލްތުގެ ގްރޫޕެއް ރާއްޖެ އައެވެ.

ޔާމީންގެ ސަރުކާރުގައި ރާއްޖެ، ކޮމަންވެލްތުން ވަކިވީ، އޭރު ސަރުކާރުން ބައެއް ކަންކަމުގައި އަމަލު ކުރަމުން އައި ގޮތުން، ކޮމަންވެލްތުގެ މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް) ގެ ރަސްމީ އެޖެންޑާގައި ރާއްޖެ ހިމަނައި، އިސްލާހު ނުވެއްޖެ ނަމަ އެ ޖަމާއަތުން ޜާއްޖެ ސަސްޕެންޑު ކުރާނެ ކަމުގެ އިންޒާރު ދީފައި ވަނިކޮށެވެ. އެހެންވެ، ކޮމަންވެލްތުން ވަކިވާން ޔާމީންގެ ސަރުކާރުން ނިންމީ އެ ފިޔަވަޅުން ސަލާމަތް ވުމަށެވެ.