Roadha Mihaaru
މީޑިއާ އޮފިސަރުންނަށް ތަމްރީނު ޕްރޮގްރާމެއް ހިންގަނީ

މީޑިއާ އޮފިސަރުންނަށް ތަމްރީނު ޕްރޮގްރާމެއް ހިންގަނީ

08 ފެބުރުއަރީ 2020

މީޑިއާ އޮފިސަރުން ތަމްރީނު ކުރުމުގެ މަސައްކަތު ބައްދަލުވުމެއް ބާއްވާ ގޮތަށް ޝަހީބު މީޑިއާ އިން ހަމަޖައްސައިފި އެވެ.

މީޑިއާ އޮފިސަރުން ތަމްރީނު ކުރުމުގެ މަސައްކަތު ބައްދަލުވުމެއް ބާއްވާ ގޮތަށް ޝަހީބު މީޑިއާ އިން ހަމަޖައްސައިފި އެވެ.

އޮފީސްތަކާއި ކުންފުނިތަކާއި އެހެނިހެން މުއައްސަސާތަކުގައި މީޑިއާ އޮފިސަރުންގެ ވަޒީފާ އަދާކުރާ މުވައްޒަފުންގެ އިތުރުން އަމިއްލަ ވިޔަފާރިތަކާއި ކުންފުނިތަކުގެ މީޑިއާ އޮފިސަރުންނަށް އަމާޒުކޮށް މި މަސައްކަތު ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 23 އިން 29 އަށް އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގަ އެވެ. މީޑިއާ އޮފިސަރަކަށް ވާން ޝައުގުވެރިވާ މީހުންނަށް ވެސް މި މަސައްކަތު ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

ޝަހީބު މީޑިއާގެ ޗެއާމަން އަދި ސީއީއޯ މުހައްމަދު ޝަހީބު ވިދާޅުވީ މީޑިއާ އޮފިސަރުންނަށް އަމާޒުކޮށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ މި ބާވަތުގެ ތަމްރީނު ޕްރޮގްރާމުގައި މުހިންމު ބައިތަކެއް ހިމަނައިފައިވާނެ ކަމަށެވެ. މި ގޮތުން ޚަބަރު ދެނެގަންނާނެ ގޮތާއި ޚަބަރު ލިޔާނެ ގޮތުގެ އިތުރުން، މީޑިއާ އޮފިސަރުގެ ޒިންމާ އާއި ދައުރާއި، ކާމިޔާބު މީޑިއާ އޮފިސަރެއްގެ ކިބައިގައި ހުންނަންޖެހޭ މުހިންމު ސިފަތައް ހިމެނެ އެވެ. އަދި މީޑިއާއާއެކު މަސައްކަތްކުރުމުގެ މުހިންމުކަމާއި އޮފީހުގެ ތަސައްވުރު ރަނގަޅު ކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި މީޑިއާގައި މައްސަލައެއް ފެންމަތިވުމުން ހައްލުކުރާނެ ގޮތްތަކާއި މީޑިއާ އަށް މައުލޫމާތު ދިނުމާއި މީޑިއާއާ ގުޅުން ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށް ވެސް މި ތަމްރީނު ޕްރޮގްރާމުގައި މައުލޫމާތު ދޭނެ ކަމަށް ޝަހީބު ވިދާޅުވި އެވެ.

"ގިނަ އޮފީސްތަކާއި ކުންފުނިތަކުގައި މީޑިއާ އޮފިސަރުން ތިބޭ. ނަމަވެސް އޭގެ ތެރެއިން ބައެއް ފަރާތްތަކަކީ މީޑިއާއާ ގުޅޭ މިފަދަ ތަމްރީނެއް، ތަޖުރިބާއެއް ނެތި މަސައްކަތް ކުރާ ފަރާތްތަކެއް. ކާމިޔާބުކަމާ އެކު މި ވޯކްޝޮޕް ފުރިހަމަކުރުމުން، ވަރަށް ގިނަ މައުލޫމާތުތަކެއް ލިބި، މުއައްސަސާގެ ތަސައްވަރު ރަނގަޅުކޮށްގެން މަސައްކަތުގައި ކުރިއަށްދާން ވަރަށް އަލި މަގުތަކެއް ކޮށިގެންދާނެކަން ޔަގީން،" "ހަވީރު" އޮންލައިނާއި "ހުވާސް" މަޖައްލާގެ ކުރީގެ އެޑިޓަރު ޝަހީބު ވިދާޅުވި އެވެ.

"މީޑިއާ އޮފިސަރަކަށްވާން ޝައުގުވެރިވާ ފަރާތްތަކަށް ވެސް މިއީ ވަރަށް މުހިންމު ފުރުސަތަކަށް ވެގެންދާނެ."

މި މަސައްކަތު ބައްދަލުވުމުގައި ކިޔަވައިދެއްވާނީ މީޑިއާގެ ދާއިރާ އިން ގައުމީ އިނާމު ހާސިލް ކުރައްވައިފައިވާ ތަޖުރިބާކާރުންނެވެ. އެއީ ޝަހީބުގެ އިތުރުން "އަވަސް" އޮންލައިންގެ އެޑިޓަރު މުންޑޫ އާދަމް ހަލީމާއި "ވަން" އޮންލައިންގެ ސީއީއޯ އަދި އެޑިޓަރު ސިނާން އަލީ އެވެ. އޭގެ އިތުރުން ނޫސްވެރިކަމުގެ މިނިވަންކަމާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ މައްޗަށް ގާނޫނީ ނަޒަރަކުން އަލިއަޅުވާލައްވައި ޚާއްސަ ލެކްޗަރެއް ދެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މި ލެކްޗަރު ދެއްވާނީ މަޝްހޫރު ގާނޫނީ ވަކީލް އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިނެވެ.

ހަތް ދުވަހުގެ މި މަސައްކަތު ބައްދަލުވުން ބާއްވަން ހަމަޖައްސާފައި ވަނީ ރޭގަނޑު 8.30 އިން 11 އަށް އަހުމަދިއްޔާ ސްކޫލްގަ އެވެ. ފީއަކީ 2،500ރ. އެވެ.

ޝަހީބު މީޑިއާ އަކީ ނޫސްވެރިންގެ ތަމްރީނު ޕްރޮގްރާމްތައް 2010 އިން ފެށިގެން ބާއްވަމުން އަންނަ ފަރާތެކެވެ. ޝަހީބު މީޑިއާއިން މީގެ ކުރިން ވަނީ ތަފާތު ކޯސްތައް ހިންގައިފަ އެވެ. މިގޮތުން، މާލެ އާއި އައްޑޫގެ އިތުރުން ކުޅުދުއްފުށީގައި ވެސް ވަނީ ނޫސްވެރިކަމުގެ ތަފާތު ކޯސްތައް ހިންގައިފަ އެވެ.