Roadha Mihaaru
ކުޑަރިކިލު އާދަޔާހިލާފަށް ގިރަނީ، ހައްލެއް ބޭނުން

ކުޑަރިކިލު އާދަޔާހިލާފަށް ގިރަނީ، އަވަސް ހައްލެއް ބޭނުން

11 ފެބުރުއަރީ 2020

ބ. ކުޑަރިކިލު އާދަޔާ ހިލާފަށް ގިރަމުން ދާތީ އެކަމަށް ދާއިމީ އަވަސް ހައްލެއް ބޭނުންވާ ކަމަށް ރަށު ކައުންސިލުން މިއަދު ބުނެފި އެވެ.

ބ. ކުޑަރިކިލު އާދަޔާ ހިލާފަށް ގިރަމުން ދާތީ އެކަމަށް ދާއިމީ އަވަސް ހައްލެއް ބޭނުންވާ ކަމަށް ރަށު ކައުންސިލުން މިއަދު ބުނެފި އެވެ.

ބ. އަތޮޅުގައި މީހުން ދިރިއުޅޭ ގުދުރަތީ އެންމެ ރީތި އެއްރަށް، ކުޑަރިކިލު ގިރަމުންދާތާ ހަތަރު މަހެއްހާ ދުވަސްވެއްޖެ އެވެ. މިދިޔަ ނޮވެމްބަރު މަހުން ފެށިގެން ހުއްޓުމެއް ނެތި ގިރަމުން ގޮސް، ރަށުގެ އިރުއުތުރު ފަރާތުން 700 ފޫޓުގެ ސަރަހައްދެއް މިހާރު ވަނީ ގިރާލައިފަ އެވެ. އަދި އެއްގަމުން ފަންސާހަށް ފޫޓު ގިރާލައި، އެ ސަރަހައްދުގައި ހުރި ދެ ގެއަކަށް އަސަރުކުރާ ހިސާބަށް މައްސަލަ ވަނީ ގޯސްވެފަ އެވެ.

"ނޮވެމްބަރުން ފެށިގެން ގޮސް މެދުކެނޑުމެެއް ނެތި ގިރަމުން އެބަދޭ. މިއީ މިހާ ބޮޑަށް މި ރަށް ގިރާ ފުރަތަމަ ފަހަރު،" ރަށު ކައުންސިލްްގެ ރައީސް އަބްދުލްހަންނާނު އައްބާސް ވިދާޅުވި އެވެ.

ކުޑަރިކިލުގެ ގިރާ ސަރަހައްދު

ކުޑަރިކިލުގެ ގިރާ ސަރަހައްދު

ވަށައިގެން ކައިރީގައި އަގުބޮޑު ރިސޯޓްތައް ވެސް ހުރި މި ރަށް އެހާ ބޮޑަށް ގިރާ އެއް ސަބަބެއް ކަމަށް ކައުންސިލްގެ ރައީސް ފާހަގަ ކުރެއްވީ ވެސް ރަށާ ވަރަށް ކައިރީގައި ރިސޯޓްތަކެއް ތަރައްގީވުމެވެ. އޭނާ ވިދާޅުވި ގޮތުގައި، މި މޫސުމުގައި އާންމުކޮށް ގިރިޔަސް، ކައިރީގައި އޮތް ލަނޑާގިރާވަރުގެ މޫދު ކޮޓަރިތައް އެޅި ފަހުން ރަށުގެ އިރުއުތުރު ފަރާތުން އާދަޔާހިލާފަށް ގިރަން ފެށި ކަމަށާއި، ގާތްގަނޑަކަށް ފަސް މިނެޓުން ދެވޭ އަނަންތަރާ ރިސޯޓްގެ މޫދު ކޮޓަރިތައް އަޅަން ފެށުމާ އެކު ހެން ރަށުގެ ދެކުނު ފަރާތުން ގިރަން ފެށި ކަމަށެވެ.

"މޫސުމީ ގޮތުން މީގެ ކުރިން ވެސް މި ރަށް ގިރާ. އެކަމަކު އަޅުގަނޑު މި ދެންނެވިހެން މި ދެ ރިސޯޓް ތަރައްގީ ކުރަން ފެށިފަހުން ވަރަށް ބޮޑަށް ގިރާކަން ފާހަގަ ކުރެވޭ،" އޭނާ ވިދާޅުވި އެވެ.

ކުޑަރިކިލުގެ ގިރާ ސަރަހައްދު

ކުޑަރިކިލުގެ ގިރާ ސަރަހައްދު

މިހާރު އޮތް ހާލަތަށް އިޝާރާތް ކުރައްވައި ހަންނާނު ވިދާޅުވީ މިހާރު ދުވާލަކަށް ތިން ފޫޓުގެ ގުންޑޮޅިގަނޑު ވެސް ވެއްޓެމުންދާ ކަމަށެވެ. އަދި އެއީ އަވަސް ފިޔަވަޅުތަކެއް ނާޅައިފި ނަމަ ރަށަށް ކުރިމަތިވެދާނެ ވަރަށް ބޮޑު މައްސަލައެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ގިރާ ސަރަހައްދުގައި ހުރި ދެ ގެއަކަށް ވަރަށް އަވަހަށް އޭގެ އަސަރު ކުރާނެ. އޭގެ އިތުރުން އެ ސަރަހައްދުގައި ހުންނާނެ އެހެން ފަސް ގެއެއް ވެސް،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިކަން ވަނީ ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ވެސް ގެންނަވައިފަ އެވެ. އެ ދާއިރާގެ މަޖިލިސް މެމްބަރު އަލީ ހުސެއިން އަށާއި ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ސަމާލު ކަމަށް ވެސް އެކަން ގެނެސްފައިވާ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

ކުޑަރިކިލުގެ ގިރާ ސަރަހައްދުގައި ވެލި ބަސްތާތަކެއް ޖަހާފައި

ކުޑަރިކިލުގެ ގިރާ ސަރަހައްދުގައި ވެލި ބަސްތާތަކެއް ޖަހާފައި

"ސީދާ އަޅުގަނޑު ވާނީ މިނިސްޓަރަށް ވެސް ފޮޓޯތައް ވައިބާ ކޮށްފައި. މިނިސްޓަރު ވިދާޅުވި ކޮބައިހޭ ހައްލަކީ. އަޅުގަނޑު ދެންނެވިން ހައްލަކީ ބޮޑު ހިލަ ޖެހުމޭ. ދާއިމީ ހައްލެކޭ މިކަމަށް ބޭނުންވަނީ،" އޭނާ ވިދާޅުވި އެވެ.

އެކަމަކު ރަށުގެ ރައްޔިތުން ވަނީ ވަގުތީ ހައްލެއް ލިބޭތޯ މަސައްކަތް ފަށައިފަ އެވެ. އެގޮތުން، އެ ސަރަހައްދުގައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް އިއްޔެ ވަނީ ފަށައިފަ އެވެ.

"އޭރުން ގިރުމުގެ މަސައްކަތަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބޭނެ،" އޭނާ ވިދާޅުވި އެވެ.