Roadha Mihaaru
ކުއްލި ހާލަތެއް ނަމަ މާމިގިލީ އެއާޕޯޓު ބޭނުންކުރަނީ

ވީއައިއޭ އަށް ކުއްލި ހާލަތެއް ދިމާވެއްޖެ ނަމަ މާމިގިލީ އެއާޕޯޓަށް ބޯޓުތައް ޖެއްސޭ ފެންވަރަށް ތަރައްގީ ކުރަނީ

11 ފެބުރުއަރީ 2020

ރާއްޖޭގެ މައި އެއާޕޯޓު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް މަތިންދާބޯޓު ނުޖެއްސިއްޖެ ހާލަތެއްގައި، ބޭނުންކުރާނެ އެހެން ތަނަކަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މާމިގިލީ އެއާޕޯޓު ތަރައްގީކުރަން ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގެ މައި އެއާޕޯޓު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް މަތިންދާބޯޓު ނުޖެއްސިއްޖެ ހާލަތެއްގައި، ބޭނުންކުރާނެ އެހެން ތަނަކަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މާމިގިލީ އެއާޕޯޓު ތަރައްގީކުރަން ފަށައިފި އެވެ.

މާމިގިލީ ދާއިރާގެ މެމްބަރު ގާސިމްގެ ވިލާ ފައުންޑޭޝަންގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި އޭނާ ވިދާޅުވީ، ވީއައިއޭ އަށް އެއްވެސް ކަމެއް ދިމާވެއްޖެ ނަމަ، އޯލްޓަނޭޓިވް ގޮތެއްގައި ޖައްސާނެ ރަންވޭއެއް މާމިގިލީ އެއާޕޯޓުގައި ހެދުމުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެކަމަށް ކަމާބެހޭ އިދާރާތަކުގެ ހުއްދަ ވެސް ލިބިފައިވާ ކަމަށް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވި ގޮތުގައި ވީއައިއޭ އަށް އެއްވެސް ހާލަތެއްގައި ކަމެއް ދިމާވެގެން މާލެ ސަރަހައްދަށް ބޯޓެއް ނުޖެއްސިއްޖެ ނަމަ ދެން އެންމެ ގާތުން ރައްކާތެރި ވައިގެ ބަނދަރަކީ މާމިގިލީ އެއާޕޯޓެވެ. އެއީ ރާއްޖޭގެ އިގުތިސޯދީ ކުރިއެރުމަށް ބެލި ނަމަވެސް ވަރަށް މުހިއްމު ކަމެއް ކަމަށް ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް މާމިގިލީ އެއާޕޯޓު ބޮޑުކުރުމުގެ ހުއްދަ ދިނެވެ.

"މި ސަރުކާރުގެ ނޭޝަނަލް ޕްލޭނިން އަށް ހުށަހެޅީމާ މިނިސްޓަރު ވިދާޅުވީ ވަރަށް މުހިއްމު ކަމެކޭ އެއީ ތިމަންނާމެން ބޭނުމޭ އެކަން ކުރަން. އެ މައްސަލައިގައި ފަހުން ވިދާޅުވީ ވެލާނާ އެއާޕޯޓަށް އެއްވެސް ހާލަތެއް ދިމާވިއްޔާ، އޯލްޓަނޭޓިވް އެއާޕޯޓެއް އޮތުމަކީ މުހިއްމު ކަމެއް ކަމަށް: ގާސިމް

އެކަމަކު، އެ ސަރުކާރުން ރައްޔިތުންނަށް ދެމުން ދިޔަ އަނިޔާތަކާ ދެކޮޅަށް ވާހަކަ ދެއްކެވުމުގެ ނަތީޖާ އަކީ ގާސިމް ވިދާޅުވި ގޮތުގައި، މާމިގިލީ އިންޓަނޭޝަނަލް އެއާޕޯޓަށް ދީފައިވާ ލައިސަންސާއި އެތަން ބޮޑުކޮށް، ފުޅާކުރުމުގެ ލައިސަންސް ސަރުކާރުން ބާތިލް ކުރުމެވެ.

ނަމަވެސް މާމިގިލީ އެއާޕޯޓު ޑޮމެސްޓިކް އެއާޕޯޓަކަށް ޖޫން 1، 2016 އިން ފެށިގެން ބަދަލުކުރީ ވިލާ އިން އެދިގެންނެވެ. އެއީ މާމިގިލީ އެއާޕޯޓް، އިންޓަނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި ހިންގާއިރު، ސަރުކާރަށް ދައްކަންޖެހޭ އެކި ކަހަލަ ޓެކްސްތައް މާ ބޮޑަށް އިތުރުވުމުން ކަމަށް ގާސިމް ކުރިން "މިހާރު" އަށް ވިދާޅުވެފައި ވެ އެވެ.

"މި ސަރުކާރުގެ ނޭޝަނަލް ޕްލޭނިން އަށް ހުށަހެޅީމާ މިނިސްޓަރު ވިދާޅުވީ ވަރަށް މުހިއްމު ކަމެކޭ އެއީ ތިމަންނާމެން ބޭނުމޭ އެކަން ކުރަން. އެ މައްސަލައިގައި ފަހުން ވިދާޅުވީ ވެލާނާ އެއާޕޯޓަށް އެއްވެސް ހާލަތެއް ދިމާވިއްޔާ، އޯލްޓަނޭޓިވް އެއާޕޯޓެއް އޮތުމަކީ މުހިއްމު ކަމެއް ކަމަށް. އެހެންވެ، އެކަން ކޮށްދޭނެ ކަމަށް މި ސަރުކާރުން،" ރާއްޖޭގެ އެންމެ ބާރު ބޮޑު އެއާޕޯޓު ވީއައިއޭ އަށް ކުއްލި ހާލަތެއް ދިމާވެއްޖެ ނަމަ މަތިންދާބޯޓުތައް މާމިގިލީ އެއާޕޯޓަށް ޖެއްސުމާ ގުޅޭ ގޮތުން ގާސިމް ވިދާޅުވި އެވެ.

ވިލާ ކުންފުނިން ހިންގަމުން ދިޔަ ގދ. ކާޑެއްދޫ އެއާޕޯޓު ވެސް ޔާމީންގެ ސަރުކާރުން 2017 ވަނަ އަހަރު ވަނީ، ސިވިލް އޭވިއޭޝަންގެ ގަވާއިދުތަކާއި މިންގަނޑުތަކާ ހިލާފަށް ހުރި ކަމަށް ބުނެ، އެތަން އަތުލައިފަ އެވެ. ގާސިމް އޭރު ވިދާޅުވީ ކާޑެއްދޫ އެއާޕޯޓު އަތުލީ އެތަން އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކުރުމަށް ބޮޑު އިންވެސްޓްމަންޓަކާ ދިމާލަށް ދަނިކޮށް ކަމަށެވެ.