Roadha Mihaaru
ވީއައިއޭގެ ޚިދުމަތްތައް ތިން ގަޑިއިރަށް މެދުކަނޑާލަނީ

އިމަޖެންސީ އެކްސަސައިޒެއް ހިންގުމަށް ވެލާނާ އެއާޕޯޓުގެ ޚިދުމަތް ތިން ގަޑިއިރަށް މެދުކަނޑާލަނީ

24 ޖޫން 2018

ކުއްލި ހާލަތަކަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ތައްޔާރު ވެފައި އޮތް މިންވަރު ބެލުމަށްޓަކައި، އެ ތަނުން ދޭ ޚިދުމަތްތައް އަންނަ ބުދަ ދުވަހު ތިން ގަޑިއިރަށް މެދުކަނޑާލަން ނިންމައިފި އެވެ.

ކުއްލި ހާލަތަކަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ތައްޔާރު ވެފައި އޮތް މިންވަރު ބެލުމަށްޓަކައި، އެ ތަނުން ދޭ ޚިދުމަތްތައް އަންނަ ބުދަ ދުވަހު ތިން ގަޑިއިރަށް މެދުކަނޑާލަން ނިންމައިފި އެވެ.

ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ބުދަ ދުވަހުގެ ހަވީރު 4:00 އިން ރޭގަނޑު 7:00 އަށް މެދުކަނޑާލަނީ، އެއާޕޯޓުގެ ތައްޔާރީ ހާލަތު ދެނެގަތުމަށް، ސިވިލް އޭވިއޭޝަންގެ ގަވާއިދުތަކުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން ބާއްވާ ހަރަކާތަކަށް ކަމަށެވެ. އަދި އެ އެކްސަސައިޒުގެ ސަބަބުން، އެއާޕޯޓުގެ ތައްޔާރީ ހާލަތު ހަރުދަނާ ވާނެ ކަމަށް ވެސް އެމްއޭސީއެލް އިން ބުންޏެވެ.

އެ ކުންފުނިން ބުނިގޮތުގައި، މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ދަތުރުވެރިންގެ އިތުރުން މަތިންދާބޯޓަށް ދިމާވެދާނެ ނުރައްކާތެރި ހާލަތެއްގައި އަމަލުކުރަން ހަދާފައިވާ ޕްލޭންތައް ޓެސްޓް ކުރުމާއި އެ ޕްލޭންތަކަށް އަމަލު ކުރުމުގައި ދިމާވާ ދަތިތައް ދެނެގަނެ އެކަންކަން އިސްލާހު ކުރުމެވެ.

ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އިތުރުން އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޮގަނައިޒޭޝަން (އައިސީއޭއޯ) ގެ ގަވާއިދުތައް ބުނާ ގޮތުން، އެއާޕޯޓް އިމަޖެންސީ ޕްލޭނެއް އެކުލަވާލައި، ކޮންމެ ތިން އަހަރަކުން އެއް އަހަރު އެ ޕްލޭން ޓެސްޓް ކުރުމަށްޓަކައި ކަމާ ގުޅޭ ހުރިހާ ފަރާތްތައް ހިމެނޭ ގޮތަށް ފުރިހަމަ އިމަޖެންސީ އެކްސަސައިޒެއް ހިންގަން ޖެހެ އެވެ.