Roadha Mihaaru
މައުލޫމާތު ގާނޫނު ކުންފުނިތަކަށް ހިނގާނެ: ހައި ކޯޓު

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނު ސަރުކާރު ކުންފުނިތަކުގެ މައްޗަށް ހިނގާނެ: ހައި ކޯޓް

24 މާޗް 2021

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު ސަރުކާރު ކުންފުނިތަކުގެ މައްޗަށް ހިންގޭ ގޮތަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގަވާއިދުގައި އޮތީ ރަނގަޅު ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު ސަރުކާރު ކުންފުނިތަކުގެ މައްޗަށް ހިންގޭ ގޮތަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގަވާއިދުގައި އޮތީ ރަނގަޅު ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު ބުނާގޮތުން އެ ގާނޫނު ހިނގާނީ ދައުލަތުގެ އިދާރާތަކަށެވެ. ދައުލަތުގެ އިދާރާގެ ތެރޭގައި ސަރުކާރު ކުންފުނިތައް ހިމެނޭނެ ކަމަށް އެ ގާނޫނުގައި ސާފުކޮށް ބުނެފައެއް ނުވެ އެވެ. އެކަމަކު އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެކުލަވާލި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގަވާއިދުގައި ދައުލަތުގެ އިދާރާގެ މާނައިގެ ތެރޭގައި ސަރުކާރު ކުންފުނިތައް ވެސް ހިމެނެ އެވެ.

އެހެންވުމުން، ގަވާއިދުގެ އެ މާއްދާއަކީ ގާނޫނުގެ މާނައަށް ވުރެ ފުޅާކޮށް އޮތް މާއްދާއެއް ކަމަށް ބުނެ ގަވާއިދުގެ އެ މާއްދާ ބާތިލްކުރަން ހައި ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅީ އެމްޓީސީސީންނެވެ.

ހައި ކޯޓުން ކުރި ހުކުމުގައިވަނީ މައުލޫމާތު ހާމަކުރުމާ ބެހޭ އުސޫލުތައް ހެދުމުގެ ބާރު އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ގާނޫނުން ދީފައިވާތީ ގާނޫނުގައި ބުނާ އުސޫލުތަކުގެ އިތުރުން އިތުރު އުސޫލުތަކެއް އިންފޮމޭޝަން ކޮމިޝަނަރަށް ހެދިދާނެ ކަމަށެވެ. އަދި ގާނޫނުގެ މަގްސަދަކީ ދައުލަތުގެ ކަންކަން ވީހާ ވެސް ހާމަކަން ބޮޑުކޮށް ކުރިއަށް ގެންދިއުން ކަމަށް ވާއިރު، ސަރުކާރު ކުންފުނިތަކުގެ މައްޗަށް އެ ގާނޫނު ނުހިނގާ ކަމަށް ބަލަން ފަށައިފި ނަމަ ގާނޫނަށް ފުރިހަމައަށް އަމަލު ނުކުރެވޭނެ ކަމަށް އެ ހުކުމުގައިވެ އެވެ.

މީގެ އިތުރުން ދައުލަތުގެ ބަޖެޓުން އެހީ ލިބޭ ކޮންމެ ތަނަކަށް އެ ގާނޫނުގެ ބާރު ހިނގާނެ ކަމަށް އެ ގާނޫނުގައި ބުނާއިރު، ދައުލަތުގެ ބަޖެޓުން އެހީ ލިބޭ ތަންތަނަކީ ކޮބައިކަން އެ ގާނޫނުގައި ބުނެދީފައި ނެތުމުން އެހެން ގާނޫނުތަކަށް ބެލިދާނެ ކަމަށް އެ ހުކުމުގައިވެ އެވެ. އެގޮތުން އޮޑިޓްގެ ގާނޫނާއި އެންޓި ކޮރަޕްޝަން ކޮމިޝަން ގާނޫނާއި ސިވިލް ސާވިސް ކޮމިޝަންގެ ގާނޫނާއި ކުންފުންޏާ ބެހޭ ގާނޫނުގެ އިތުރުން ޕްރައިވެޓައިޒޭޝަން ގާނޫނަށް ބެލިއިރު ވެސް ސަރުކާރު ކުންފުނިިތަކަކީ ދައުލަތުގެ މުއައްސަސާތައް ކަމަށް ބަލަމުން އަންނަ ކަމަށް އެ ހުކުމުގައިވެ އެވެ. އަދި މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގައި، މައުލޫމާތު ނުދެވޭނެ ހާލަތްތަކުގެ ތެރޭގައި ވިޔަފާރީގެ މުއާމަލާތަކަށް ގެއްލުންވުން ފަދަ ހާލަތްތައް ހިމަނާފައިވުމުން ސަރުކާރު ވިޔަފާރި ކުންފުނިތައް އޭގެ ތެރޭގައި ހިމެނޭނެ ކަމަށް ބެލެވޭނެ އެވެ.

އެހެންވެ، ސަރުކާރު ކުންފުނިތަކުގެ މައްޗަށް އެ ގާނޫނުގެ އުސޫލުތައް ހިނގާނެ ކަމަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ގަވާއިދުގައި އޮތް މާއްދާ ބާތިލް ކުރަން ނުޖެހޭ ކަމަށް އެ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ ތެރެއިން ތިން ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ހުކުމްކުރާ ކަމަށް އެ ހުކުމުގައިވެ އެވެ.

އެގޮތަށް ރައުޔު ނެރުއްވީ ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު ހުސައިން ޝަހީދުގެ އިތުރުން ފަނޑިޔާރު މުހައްމަދު ފައިސަލެވެ.

ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އާއި ފަނޑިޔާރު އަބްދުﷲ ހަމީދުގެ ރައުޔަކީ ސަރުކާރު ކުންފުނިތަކަށް އެ ގާނޫނު ހިނގާނެ ކަމަށް ގަވާއިދުގައި އޮތީ ގާނޫނުގައި އޮތް މާނައަށް ވުރެ ފުޅާކޮށް ކަމަށެވެ. އަދި ގަވާއިދުތައް ހަދަންޖެހެނީ ގާނޫނުގެ ދަށުން ކަމަށް ވާއިރު، ގާނޫނުން ނުދޭ ބާރެއް ނުވަތަ ގާނޫނުގެ މާނައަށް ވުރެ ފުޅާކޮށް ގަވާއިދު ނުހެދޭނެ ކަމަށް ތަފާތުވި ރައުޔުގައިވެ އެވެ. ފަނޑިޔާރު ޝުއައިބާއި ފަނޑިޔާރު ހަމީދުގެ ރައުޔަކީ ގަވާއިދުގެ އެ މާއްދާ ބާތިލް ކުރަން ޖެހޭނެ ކަމަށެވެ.