Roadha Mihaaru
ޓީއެމްއޭ އިން އަދިވެސް ކުރަނީ ޝަކުވާ

ސަރުކާރުގެ ނިންމުން ބަަލައި ނުގަނެ، ޓީއެމްއޭ އަދިވެސް ޝަކުވާގައި

23 ފެބުރުއަރީ 2020

އާ ސީޕްލޭން ޓާމިނަލުން ޓީއެމްއޭ އަށް ޖާގަ ދޭނީ ސަރުކާރުން ނިންމި ގޮތަށް ކަމަށް ސަރުކާރުން ސާފުކޮށް ބުނުމުން ވެސް، އެކަން ބަލައިނުގަނެ، ޝަކުވާގެ ބަޔާނެއް އެ ކުންފުނިން އަނެއްކާވެސް ނެރެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އާ ސީޕްލޭން ޓާމިނަލުން ޓީއެމްއޭ އަށް ޖާގަ ދޭނީ ސަރުކާރުން ނިންމި ގޮތަށް ކަމަށް ސަރުކާރުން ސާފުކޮށް ބުނުމުން ވެސް، އެކަން ބަލައިނުގަނެ، ޝަކުވާގެ ބަޔާނެއް އެ ކުންފުނިން އަނެއްކާވެސް ނެރެފި އެވެ.

ސީޕްލޭން ޓާމިނަލުން ޓީއެމްއޭ އަށް ޖާގަ ދިނުމާ ބެހޭ ގޮތުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު އެންމެ ފަހުން ވިދާޅުވެފައި ވަނީ ސަރުކާރުން ނިންމި ގޮތަށް އަމަލުކުރާނެ ކަމަށާއި އެކަން އެގޮތަށް އެމްއޭސީއެލްގެ ބޯޑުން ތަންފީޒު ނުކުރާ ނަމަ ބޯޑު ބަދަލުކުރުމުގެ ފުރުސަތު ވެސް އެބަ އޮތް ކަމަށެވެ. ސަރުކާރުން ނިންމާފައި ވަނީ ޓީއެމްއޭ އަށް 6،400 އަކަމީޓަރުގެ ޖާގަ، އަކަމީޓަރަކަށް 10.35 ޑޮލަރުގެ ރޭޓުން ދެ އަހަރު ދުވަހަށް ދޫކުރުމަށެވެ. އަދި އެ ދެ އަހަރު ފަހުން މުޅި ޓާމިނަލް އެމްއޭސީއެލުން ހިންގަން ވެސް ވަނީ ނިންމާފަ އެވެ.

ސަރުކާރުން މިހެން ބުނެފައި ވަނިކޮށް ޓީއެމްއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަނީ ސަރުކާރާ މަޝްވަރާކޮށްގެން، ކަސްޓަމަރުންނަށް މިހާރުވެސް ދެމުން އަންނަ "ފުރިހަމަ ހިދުމަތް" ކުރިއަށް ގެންދެވޭ ފަދަ ހައްލެއް ހޯދަން ކަމަށެވެ. ސަރުކާރުން ހުށަހަޅާފައިވާ ގޮތާ ބެހޭ ގޮތުން އެ ބަޔާނުގައި އެއްވެސް އެއްޗެއް ނުބުނެ އެވެ.

އޭގެ ބަދަލުގައި ޓީއެމްއޭ އިން މަސައްކަތްކޮށްފައި ވަނީ އެމްއޭސީއެލް އިން އެ ކުންފުންޏަށް ކޮމިޓްމެންޓް ދިން ކަމަށް ބުނާ ސިޓީތަކުގެ ސައްހަކަން ކަށަވަރުކޮށްދޭށެވެ. އެގޮތުން ބުނެފައި ވަނީ އެމްއޭސީއެލްގެ މެނޭޖާ ކޮމާޝަލް ހުސައިން ފަޒީލް ސޮއިކުރައްވައި ޓީއެމްއޭއަށް ފޮނުއްވި ސިޓީތަކަކީ އެމްއޭސީއެލްގެ އޭރުގެ އެމްޑީ އާދިލް މޫސާ އެޕްރޫވްކުރައްވައިގެން ފޮނުއްވި ސިޓީތަކެއް ކަން ފަޒީލްގެ ވާހަކައިން އެނގޭ ކަމަށެވެ.

"ހުސައިން ފަޒީލް ސޮއިކޮށް ފޮނުވި ސިޓީތަކަކީ އެމްއޭސީއެލްގެ އޭރުގެ އެމްޑީ އާދިލް މޫސާ އެޕްރޫވްކޮށްގެން ފޮނުވި ސިޓީތަކެއް ކަން ފަޒީލް ވަނީ މަޖިލިހުގައި ވެސް ބަޔާންކޮށްފައި ކަން މި ފުރުސަތުގައި ފާހަގަކޮށްލަމެވެ،" ޓީއެމްއޭގެ ބަޔާނުގައިވެ އެވެ.

ސީޕްލޭން ޓާމިނަލުން ޓީއެމްއޭއަށް ޖާގަ ދޫކުރާނެ ގޮތް ސަރުކާރުން ނިންމުމުން ވެސް އެ ކުންފުނިން ބުނަމުން އައީ 19،000 އަކަމީޓަރުގެ ޖާގައެއް، އަކަމީޓަރަކަށް 10.35 ޑޮލަރުގެ ރޭޓުން 15 އަހަރު ދުވަހަށް ދޭން އެމްއޭސީއެލް އިން ޔަގީންކަން ދީފައިވާ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ޓީއެމްއޭގެ ވެރިން ވަނީ އެވާހަކަ ދިފާއުކޮށް ވަރަށް ދިގުކޮށް ވާހަކަ ދައްކާފަ އެވެ.

ސީޕްލޭން ޓާމިނަލް ކުއްޔަށް ދިނުމާ މެދު އެމްއޭސީއެލް އާއި ޓީއެމްއޭއާ ދެމެދު ކޮށްފައިވާ މަޝްވަރާތަކާ ބެހޭ ގޮތުން މާލިއްޔަތު ކޮމިޓީގައި އަމީރު ވިދާޅުވީ ޓީއެމްއޭ އަށް 31،000 އަކަމީޓަރުގެ ޖާގައެއް ދޭން ކުރީގެ ސަރުކާރުން އުޅުނު ކަމަށާއި އެކަން ހުއްޓުވީ މި ސަރުކާރުން ކަމަށެވެ.

އާ ސީޕްލޭން ޓާމިނަލަކީ އެމްއޭސީއެލުން 55 މިލިޔަން ޑޮލަރު (848 މިލިޔަން ރުފިޔާ) ހަރަދުކޮށްގެން ހަދާފައިވާ ތަނެކެވެ.

އަމީރު ވިދާޅުވި ގޮތުގައި ކުރިން ނިންމާފައި އޮތް ގޮތަށް އެތަން ދޫކޮށްފި ނަަމަ އެމްއޭސީއެލަށް އަހަރަކު ލިބޭނީ އެންމެ 5.5 މިލިޔަން ޑޮލަރެވެ. އެކަމަކު މިހާރު ނިންމާފައިވާ ގޮތަށް ދިނުމުން އަހަރަކު 33 މިލިޔަން ޑޮލަރު ލިބޭނެ ކަމަށް ވިދާޅުވި އެވެ.

"އެގޮތަށް ސީޕްލޭން ޓާމިނަލް ހިންގީމާ އަޅުގަނޑުމެންނަށް މިފެންނީ ކުރިން އަންދާޒާ ކުރި 5.5 މިލިޔަން ޑޮލަރުގެ ބަދަލުގައި އަހަރަކަށް 33 މިލިޔަން ޑޮލަރުގެ ފައިދާއެއް ލިބިގެންދާނެ ކަމަށް. އަދި އޭގެ ފަހުން، އޮޑިޓާ ޖެނެރަލްގެ ރިޕޯޓްގެ އަންދާޒާގައިވާ ގޮތަށް (އަހަރަކަށް) 41 މިލިޔަން ޑޮލަރު ލިބިގެންދާނެ ކަމަށް،" އަމީރު އޭރު ވިދާޅުވި އެވެ.