Roadha Mihaaru
ވެރިކަން ބަދަލުވުމުގެ ކުރިން ޓާމިނަލް ދޭން އުޅުނު!؟

ވެރިކަން ބަދަލުވުމުގެ ކުރިން ސީޕްލޭން ޓާމިނަލް ޓީއެމްއޭއަށް ދޭން އުޅުނު!؟

20 ފެބުރުއަރީ 2020

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރިޔާސީ އިންތހާބު ކާމިޔާބު ކުރެއްވުމަށް ފަހު، އެމަނިކުފާނު ރައީސްކަމުގެ ހުވާކުރެއްވުމާ ދެމެދު ހޭދަވި މުއްދަތުގައި އާ ސީޕްލޭން ޓާމިނަލް ޓީއެމްއޭއަށް ކުއްޔަށް ދިނުމުގެ އެއްބަސްވުުމުގައި ސޮއިކުރަން އެމްއޭސީއެލްގެ އޭރުގެ މެނޭޖިން ޑައިރެކްޓަރު އާދިލް މޫސާ މަސައްކަތް ކުރެއްވި ކަމަށް ދޭހަވާ ގޮތަށް އެ ކުންފުނީގެ ޖެނެރަލް މެނޭޖަ ކޮމާޝަލް ހުސައިން ފަޒީލް އިއްޔެ ވާހަކަ ދައްކަވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރިޔާސީ އިންތހާބު ކާމިޔާބު ކުރެއްވުމަށް ފަހު، އެމަނިކުފާނު ރައީސްކަމުގެ ހުވާކުރެއްވުމާ ދެމެދު ހޭދަވި މުއްދަތުގައި އާ ސީޕްލޭން ޓާމިނަލް ޓީއެމްއޭއަށް ކުއްޔަށް ދިނުމުގެ އެއްބަސްވުުމުގައި ސޮއިކުރަން އެމްއޭސީއެލްގެ އޭރުގެ މެނޭޖިން ޑައިރެކްޓަރު އާދިލް މޫސާ މަސައްކަތް ކުރެއްވި ކަމަށް ދޭހަވާ ގޮތަށް އެ ކުންފުނީގެ ޖެނެރަލް މެނޭޖަ ކޮމާޝަލް ހުސައިން ފަޒީލް އިއްޔެ ވާހަކަ ދައްކަވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ ސުވާލު ކުރެއްވީ "ޓްރާންސިޝަން ޕީރިއަޑްގައި އަވަސް އަރުވާލައިގެން އެއްބަސްވުމުގައި ސޮއިކުރަން އެއްވެސް ފަރާތަކުން ޕްރެޝަރެއް އައިތޯ" އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ފަޒީލް ވިދާޅުވީ އެއްބަސްވުމުގައި ސޮއިކުރުން އަވަސްކުރަން، ޓީއެމްއޭގެ އިސް ވެރިންނާ އެކު ބޭއްވި ބައްދަލުވުމެއްގައި އާދިލް ވާހަކަ ދެއްކެވި ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އޭގެ ތެރެއިން އެއް ބައްދަލުވުމުގައި "އެގްރިމެންޓްގައި ވީހާވެސް އަވަހަށް ސޮއިކުރަން ތިމަންނަމެން ބޭނުމޭ" އާދިލް ވިދާޅުވި އެވެ.

"އެންމެ ފަހުން އެގޮތަށް ވިދާޅުވީ ނޮވެމްބަރު މަހުގެ ފުރަތަމަ ހަފްތާގައި،" ފަޒީލް ވިދާޅުވި އެވެ.

އޭނާގެ އެ ވާހަކައާ ގުޅޭ ގޮތުން އާދިލްއާ "މިހާރު"ން ސުވާލު ކުރުމުން އޭނާ ވިދާޅުވީ އެއްބަސްވުމުގެ ޓާމްސްތަކާ ދޭތެރޭ އޭރު މަޝްވަރާކުރީ ކޮންމެހެން ޓްރާންސިޝަން ޕީރިއަޑް ވީމާ ނޫން ކަމަށެވެ. ނަމަވެސް އެއްބަސްވުމެއްގައި ސޮއިކުރާ ހިސާބަށް އޭރު މަޝްވަރާތައް ގެންދެވިފައި އޮތުމުން އެގޮތަށް ވާހަކަ ދައްކަވާފައި ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އޭރު އެ މަޝްވަރާތައް ކޮށް، ޑްރާފްޓްތައް ބަދަލުކޮށް، އެ މަސައްކަތް ކުރާތާ 11 މަސް ދުވަސް ވެއްޖެ. އެހެންވީމާ ކުރަން ފަށާފައި އޮތް މަސައްކަތެއް ނިންމުމުގެ ގޮތުން އަޅުގަނޑު ހުންނާނީ ވާހަކަ ދައްކާފައި،" އާދިލް ވިދާޅުވި އެވެ.

އާ ސީޕްލޭން ޓާމިނަލް ޓީއެމްއޭއަށް ކުއްޔަށް ދިނުމާ ބެހޭ މަސައްކަތްތައް، ޓްރާންސިޝަން ޕީރިއަޑްގައި އޮތް ގޮތުގެ ކުރު ޚުލާސާއެއް ދެއްވަން ޔައުގޫބު އެދިވަޑައިގެންނެވި އެވެ. އެގޮތަށް އެދިވަޑައިގެންނެވުމުން، ޔައުގޫބު އެ އިޝާރަތްކުރައްވާ މުއްދަތު އިތުރަށް ސާފުކުރައްވަން ފަޒީލް ސުވާލު ކުރެއްވި އެވެ. ތަފްސީލް ދެއްވީ އެ މައުލޫމާތާ އެކުގަ އެވެ.

"ތިޔަ ވިދާޅުވީ 23 ސެޕްޓެމްބަރު 2018 ގެ ފަހުން ދެން 17 ނޮވެމްބަރު 2018 އަށް ދެއްތޯ؟ އޭރު އަޅުގަނޑުމެން ދިޔައީ ހަމައެކަނި ޓީއެމްއޭއާ އެކު ޑްރާފްޓް އެގްރިމެންޓެއް އޭގެ ކުރިން ވެސް ހިއްސާކޮށް ޓާމްސްތަކަށް، ރެންޓަލް ފިގާ ފިޔަވާ ދެން ހުރި ޓާމްސްތަކަށް ދެ ފަރާތުން އެއްބަސްވެވޭނެ ފްރޭސިން [އިބާރާތްކުރާނެ ގޮތްތަކާ ބެހޭ] ގޮތުން މަޝްވަރާ ކުރަމުން،" އޭނާ ވިދާޅުވި އެވެ.

ފަޒީލް ވިދާޅުވި ގޮތުގައި އެ މަސައްކަތް ކުރީ އޮކްޓޯބަރު މަހުގެ މެދަކާ ހިސާބަށެވެ. އެއްބަސްވުމުގައި ސޮއިކުރަން އާދިލް އެންމެ ފަހުން ވާހަކަ ދެއްކެވީ ނޮވެމްބަރު މަހުގެ ފުރަތަމަ ހަފްތާގައި ޓީއެމްއޭއާ އެކު އޮތް ބައްދަލުވުމެއްގައި ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު އެއީ އެގްރިމެންޓާ ބެހޭ މަޝްވަރާ ބައްދަލުވުމެއް ކަމެއް ނުވަތަ ޓީއެމްއޭ އާއި އެމްއޭސީއެލްއާ ދެމެދު ބޭއްވި އެހެން ބައްދަލުވުމެއްކަން ކަނޑައެޅޭހާ ތަފްސީލުކޮށް ފަޒީލް ވާހަކައެއް ނުދައްކަވަ އެވެ.

ކޮމިޓީގައި ފަޒީލް ދެއްކެވި ވާހަކައިގެ ޚުލާސާ އަކީ ޓީއެމްއޭއަށް ޓާމިނަލް ދިނުމާ މެދު ހުރިހާ މަޝްވަރާތަކެއް ވެސް ކުރީ އެމްއޭސީއެލްގެ ބޯޑާ މަޝްވަރާކޮށް، ބޯޑުގެ ލަފަޔާ އެކުގައި ކަމެވެ. ބޯޑުގައި ކުރި މަޝްވަރާތަކާ ގުޅޭ ގޮތުން ކޮމްޕެނީ ސެކްރެޓަރީ ފޮނުއްވި މެއިލްތައް ވެސް ބައްދަލުވުމުގައި ފަޒީލް ވިދާޅުވި އެވެ. އޭގެ އިތުރުން އޭނާ ވަޑައިގެން ބޯޑަށް ހުށަހެޅުއްވި ޕްރެޒެންޓޭޝަނެއްގެ ތަފްސީލް ވެސް ދެއްވި އެވެ.

އެކަމަކު އެމްއޭސީއެލްގެ ބޯޑުގެ މެމްބަރުން ކޮމިޓީގެ ބައްދަލުވުމުގައި ވިދާޅުވީ ޓީއެމްއޭއާ ކުރި މަޝްވަރާގެ މައުލޫމާތު އެނގިވަޑައިގަތީ ވެސް އޮޑިޓް ރިޕޯޓުން ކަމަށެވެ. އަދި ޓީއެމްއޭއަށް އާ ޓާމިނަލުން ޖާގަ ދޭނެ މިންވަރާއި މުއްދަތާއި އަގާ ބެހޭ ގޮތުން ބޯޑުގައި މަޝްވަރާކޮށްފައި ނުވާ ކަމަށް ވެސް، ބޯޑުގެ ދެ މެމްބަރުން ކަމަށްވާ ޑރ. އިބްރާޙިމް މަހްފޫޒް އާއި ފާތުމަތު މުއާޒާ ވިދާޅުވި އެވެ.