Roadha Mihaaru
ކޮލަމް ށަވިޔަނި: ކުއްލިއަކަށް މި އައީ ކޮން ރޯޅިއެއް؟

ކޮލަމް ށަވިޔަނި: ކުއްލިއަކަށް މި އައީ ކޮން ރޯޅިއެއް؟

08 އޮކްޓޯބަރ 2016

ކާޑުގެ ބާވަތްތަކުގެ އަގު ބޮޑުކުރުމާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ މެމްބަރުން ފާޅުގައި ވާހަކަ ދައްކަވަން ފެއްޓެވީމާ އެކަން ފާހަގަކުރެވުނެވެ. ހާއްސަކޮށް، ދެ ބައިވެފައި އޮތް ޕާޓީގެ، ސަރުކާރު ފަޅީގައި ތިއްބެވި ބައެއް މެމްބަރުންނެވެ. ރައްޔިތުންނަށް ޖެހޭނެ ދަތި ހާލާ ދޭތެރޭ ހަމްދަރުދީވެ ކަންބޮޑުވެގެން ނުދައްކާ ވާހަކައެއް ނެތެވެ. އެކަމަކު މާ ލަސްތަކެއް ނުވެ ދެން ކިޔަން ޖެހުނީ އޭގެ ތެރެއިން ބައެއް މެމްބަރުން އެ ވިސްނުން އަނބުރާ ގެންދެވިކަމުގެ ޚަބަރެވެ.

އާސިޔަތު މުހައްމަދު ސައީދު އާސިޔަތު މުހައްމަދު ސައީދު

ކާޑުގެ ބާވަތްތަކުގެ އަގު ބޮޑުކުރުމާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ މެމްބަރުން ފާޅުގައި ވާހަކަ ދައްކަވަން ފެއްޓެވީމާ އެކަން ފާހަގަކުރެވުނެވެ. ހާއްސަކޮށް، ދެ ބައިވެފައި އޮތް ޕާޓީގެ، ސަރުކާރު ފަޅީގައި ތިއްބެވި ބައެއް މެމްބަރުންނެވެ. ރައްޔިތުންނަށް ޖެހޭނެ ދަތި ހާލާ ދޭތެރޭ ހަމްދަރުދީވެ ކަންބޮޑުވެގެން ނުދައްކާ ވާހަކައެއް ނެތެވެ. އެކަމަކު މާ ލަސްތަކެއް ނުވެ ދެން ކިޔަން ޖެހުނީ އޭގެ ތެރެއިން ބައެއް މެމްބަރުން އެ ވިސްނުން އަނބުރާ ގެންދެވިކަމުގެ ޚަބަރެވެ.

"ރައީސް [އަބްދުﷲ ޔާމީން] އެކަމަށް ތާއީދުކަން އެނގުނީމަ" ކުއްލިއަކަށް ދިމާ އިދިކޮޅަށް ވިސްނުން ބަދަލުވެގެން ދިޔަ ގޮތުން ގައިމު ވެސް އަޅުގަނޑު ހައިރާންވި އެވެ. މިއީ ސިޔާސީ ދާއިރާގައި އާއްމުކޮށް ކަން ހިނގާ އުސޫލު ކަމަށް ވެދާނެ އެވެ. އެކަމަކު މި ގޮތަށް ނަފްސު "ވިއްކާލަން" އެހާ ފަސޭހައީ ކިހިނެއް ކަމެއް، ސިޔާސީ ކުޅިވަރުތައް ތަހައްމަލްކުރުމުގެ ގާބިލްކަމެއް ނެތް އަޅުގަނޑަކަށް ދުވަހަކު ވެސް ނުވިސްނޭނެ އެވެ.

މި އުޅެނީ ހަނޑޫ، ހަކުރު، ފުށުގެ ސަބްސިޑީ ކަނޑާލީމާ ރުޅި އައި ވާހަކަ ދައްކާކަށް ނޫނެވެ. އެކަން ކުރި ގޮތާއި އެއާ ވިދިގެން ދެން މި ފެންނަ މަންޒަރުތަކުން ހައިރާންވެގެންނެވެ.

ކާޑުގެ ސަބްސިޑީ ކަނޑާލަން އުޅޭތީ ޑިމާންޑް ބޮޑުވި ދަނޑިވަޅުގައި މާލޭގެ ފިހާރަައެއްގައި ވިއްކަން ބަހައްޓާފައި ހުރި ހަނޑޫތަކެއް: ކާޑުގެ އަގާ އެކު އެހެން ހުރިހާ އަގުތަކެއް ވެސް ދަނީ އުފުލެމުން. ފޮޓޯ: ހުސެއިން ޝަޔާހު /މިހާރު

ކާޑުގެ ސަބްސިޑީ ކަނޑާލަން އުޅޭތީ ޑިމާންޑް ބޮޑުވި ދަނޑިވަޅުގައި މާލޭގެ ފިހާރަައެއްގައި ވިއްކަން ބަހައްޓާފައި ހުރި ހަނޑޫތަކެއް: ކާޑުގެ އަގާ އެކު އެހެން ހުރިހާ އަގުތަކެއް ވެސް ދަނީ އުފުލެމުން. ފޮޓޯ: ހުސެއިން ޝަޔާހު /މިހާރު

އެއް ކަމެއް ފާހަގަކޮށް ނިންމާލަމާ ހިނގާށެވެ! ދައުލަތުން އެއްވެސް ބާވަތެއްގެ ސަބްސިޑީއެއް ދޭން ޖެހޭނީ އެ ހައްގުވާ، އެއާ ނުލާ ނޫނީ ނޫޅެވޭ ފަދަ މަޖުބޫރީ ހާލަތްތައް ކުރިމަތިވެފައިވާ މީހުންނަށެވެ. އެކަމަކު މިއީ އަލަށް ސަބްސިޑީއެއް ތައާރަފްކުރުމުގެ ފިޔަވަޅެއް ނޫނެވެ. އަންޒަމާނުއްސުރެ ފީސަބީލިﷲ އަށް ދެމުން އައި އެއްޗެއް، މަޝްވަރާއެއް، ކުރިން އިއުއާލާންކުރުމެއް ނެތި، އަދި އޭގެ ސަބަބުން އާއްމު ދިރިއުޅުމަށް އަންނާނެ ލޮޅުން ކުޑަކުރާނެ މަގެއް ނުދައްކައި، 48 ގަޑި އިރަށް ވުރެ ކުރު ނޯޓިސްއެއް ދީފައި ކަނޑާލައި، ކާބޯތަކެތީގެ އެންމެ އާއްމު ތިން ބާވަތުގެ ކޮންޓްރޯލް އަގު ދެ ގުނަ އަށް ވުރެ ބޮޑުކޮށްލީ އެވެ! މިއީ ޑިމޮކްރެޓިކް ނިޒާމެއްގައި ވެރިކަންކުރަން އިންތިޚާބުކޮށްފައި އޮތް ސަރުކާރަކުން ކަންކަން ކުރަން ޖެހޭ ގޮތެއް ނޫނެވެ. ސަރުކާރުން ބަލާ ގޮތަކަށް ބަލާފައި ފަގީރުން ކަމަށް ކަނޑައަޅާ މީހުންނަށް ސަބްސިޑީ ދޭން ނިންމާފައި އޮތަސް، މިކަން މި ކުރީ ރަނގަޅަށޭ ބުނަން ހަގީގަތުގައި ދެއްކެން އޮތީ ކޮން ހުއްޖަތެއް ހެއްޔެވެ؟

ބޭރުގެ ޖަމާއަތްތަކުން ލަފާ ދީފައި އޮތީމައޭ، ބޭރުގެ އެހީ ލިބޭނެ ގޮތެއް ނެތި މަޖުބޫރުވީއޭ ސަރުކާރުން ފަހުން ބުންޏަސް، އެތައް ބައިވަރު ސަބަބުތަކަކާ ހެދި، އެކަން ގަބޫލުކުރަން ދައްޗެވެ. މިހާރު، ހާއްސަކޮށް ސަރުކާރުގެ މަޖިލިސް މެމްބަރުންގެ ފަރާތުން، ފެންނަނީ ސަރުކާރުން ބޮޑު ސިިންގާ "ގުރުބާނީއެއް" ވެގެން ވަރަށް އިޚްލާސްތެރި ނިޔަތެއްގައި ފިޔަވަޅެއް އެޅީކަން ދައްކަން އުޅޭ މަންޒަރެވެ. ރައްޔިތުންގެ ނުރުހުމާ ކުރިމަތިލާން ޖެހި ސިޔާސީ ގޮތުން ގެއްލުން ވިޔަސް ސަރުކާރުން އިސްކަންދެނީ އިގްތިސޯދު ރަނގަޅުކުރަންކަން އާއްމުންނަށް ވިސްނައިދޭން މަސައްކަތްކުރާ ތަނެވެ. އެއާއެކު، ސަރުކާރަށް "އެހެން ގޮތެއް ނެތިގެން" އަޅަން "މަޖުބޫރުވި" މި ފިޔަވަޅާ ހެދި އާއްމުންނަށް ލިބޭ ގެއްލުން ކުޑަކުރަން އެންމެން ފޫގަޅާލައިފި އެވެ.

އެންމެ ގިނައިން ބޭނުންކުރާ ކާބޯތަކެތީގެ ބާވަތްތަކުގެ އަގު މި ވަރަށް އުފުލުނީމާ އެހެން ހުރިހާ އަގުތަކެއް ވެސް މައްޗަށް ދާނެކަން ސަރުކާރުގެ އިސް ވެރިންނަށް ނޭނގޭނެ ކަމަށް ގަބޫލުކުރާނީ ކިހިނެއް ހެއްޔެވެ؟ މިއީ ކުއްލިއަކަށް ކާޑުގެ އަގު ބޮޑުކޮށްފައި، ހަރު ހަނޑޫ ކައިގެން އުޅޭ ފަގީރު މީހާ އަށް ފައިސާކޮޅެއް ދިނީމާ ފަރުޖެހޭ ކަހަލަ އާދައިގެ ކަމެއް ނޫންކަން އެ ބޭފުޅުންނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ އެވެ.

ކާޑުގެ އަގު ހެޔޮކުރަން އެސްޓީއޯ އާއި ސަރުކާރުން މަޝްވަރާކުރަނީ އެވެ. ރައްޔިތުންގެ މަޖިލީހުގައި މި މައްސަލައިގެ ވަރުގަދަ ބަހުސެއް ކޮށް ކަމާ ބެހޭ ވަޒީރުންނާއި އޮފީސްތަކުގެ ވެރިން ކޮމިޓީ އަށް ހާޒިރުކުރަނީ އެވެ. ހެޔޮ ނިޔަތުގައި ކުރާ މަސައްކަތްތަކަކަށް ވެދާނެ އެވެ. އާއްމުން ހިތްހަމަޖެހޭ ފަދަ ނަތީޖާއެއް ދާދި އަވަހަށް ފެނުން ވެސް އެކަށީގެންވެ އެވެ. އެކަމަކު އަޅުގަނޑު އެ ގޮތަށް ގަބޫލުކުރާ ހިތެއް ނެތެވެ.

މައާފްކުރައްވާށެވެ! މި ކަންކަމަށް އަޅުގަނޑު ބަލާނީ ޝައްކުގެ ނަޒަރުންނެވެ. ކާޑުގެ ސަބްސިޑީ ކަނޑާލުމާއި ދެން މި އަޅާ "ފިޔަވަޅުތަކުން" އަޅުގަނޑުގެ ހިތަށް އަންނަނީ ދެ ކަމެކެވެ. އެއް ކަމަކީ، ކަމެއް ދަތިކޮށްފައި، "ރައީސުލްޖުމްހޫރިއްޔާގެ ހެޔޮފޮޅުކަމުން"، އަނެއްކާވެސް ކުރިން އޮތް ގޮތަށް އެކަމެއް ބަދަލުކުރުމުގެ "ސަގާފަތެ"ވެ. ދެވަނަ ކަމަކީ ސަރުކާރުގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ރައްޔިތުންގެ ހައްގުގައި ކަމަށް ބުނެ ރައްޔިތުންގެ ހައްގުތައް ނިގުޅައިގަންނަ އިރު ރައްޔިތުންގެ އިހުސާސްތަކުގައި ކޮޅުފައިން ޖަހަން ޖެހިލުން ނުވާ ކަމެވެ. އަބުރު ރައްކާތެރިކުރުމުގެ ނަމުގައި އިހަކަށް ދުވަހު ގާނޫނެއް ފާސްކުރި އިރު ކުޅުނު ޑްރާމާ އާއި ކުރި ޖެއްސުން ގައިމުގެ ވެސް އަޅުގަނޑު އަދި ހަނދާނެއް ނުނެތެ އެވެ. ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭން އެއްބަސްވެފައި ދެން ފެނުނީ ކުރިން އޮތް ގޮތަށް ވުރެ ވެސް މާ ގޯސްކޮށް ބިލަށް ބަދަލު ގެނެސް އާއްމު ޚިޔާލަށް ހުޅުވާލި ފުރުސަތު ބަންދުކޮށް ލިބުނު ޚިޔާލުތައް ވެސް "ބާތިލް" ކުރި ތަނެވެ. ގާނޫނު ހަދާފައި އެ އޮތީ ހަމައެކަނި ސަރުކާރުން ނުވަތަ ސަރުކާރުގެ މެމްބަރުން ބޭނުންވި ގޮތަށެވެ.

ސަރުކާރުން ކުރާ ބޮޑެތި އެތައް ކަމަކުން ފެންނަނީ މި މަންޒަރެވެ. މާ ސިންގާ ފިޔަވަޅުތައް އަޅައި ކުއްލިއަކަށް އިއުލާންކޮށްލީމާ ސިއްސައިގެން ދިޔުން ނޫން ގޮތެއް ރައްޔިތުންނަކަށް ނެތެވެ. އާއްމުންގެ ޚިޔާލު ހުރި ގޮތް ބެލުމަކީ މުހިއްމު ކަމަކަށް ނުވާ ތާނގައި ދުރާލައި އެކަމެއްގެ ހިލަމެއް ކޮށްލުމެއް ވެސް ނޯވެ އެވެ. މިއީ ރައްޔިތުންގެ މަސްލަހަތުގައި އަދާކުރަން ޖެހޭ ޒިންމާއެއް ކަމަށް ގަބޫލު ނުކުރަންޏާ އެއީ ވެރިންގެ ބޮޑާކަމެވެ. ސަރުކާރުގެ ޚުދުމުޚުތާރުކަމެވެ.

ސަބްސިޑީއަކީ ހަމައެކަނި ހައްގުވާ މީހުންނަށް އަމާޒުކޮށްގެން ދޭން ޖެހޭ އެއްޗަކަށް ވިޔަސް ކާޑުގެ އަގަށް މި ގެނައި ކުއްލި ބޮޑު ބަދަލަކީ ސީދާ އެ ނިޔަތުގައި އެޅި އިޚްލާސްތެރި ފިޔަވަޅެއް ކަމަށް ގަބޫލުކުރެވޭކަށް ނެތެވެ. އެހެން ނަމަ އެކަން ކުރާނީ ދުރާލައި މަޝްވަރާކޮށްގެން، ދެ ފުށް ފެންނަ ގޮތަށް އަދި އެއާ ވިދިގެން ދެން އާއްމުންނަށް ކުރިމަތިވާނެ ގެއްލުންތައް ކުޑަކުރުމުގެ ފިޔަވަޅުތަކަކާ އެކީގަ އެވެ. ތަކެތީގެ އަގުތައް އުފުލި ދިރިއުޅުމަށް ކުރާ ނޭދެވޭ އަސަރުތަކުން މިންޖުވާނެ މަގެއް މީހުންނަށް ދައްކައިދީފަ އެވެ.

އެންމެ ގިނައިން ބޭނުންކުރާ ކާބޯތަކެތީގެ ބާވަތްތަކުގެ އަގު މި ވަރަށް އުފުލުނީމާ އެހެން ހުރިހާ އަގުތަކެއް ވެސް މައްޗަށް ދާނެކަން ސަރުކާރުގެ އިސް ވެރިންނަށް ނޭނގޭނެ ކަމަށް ގަބޫލުކުރާނީ ކިހިނެއް ހެއްޔެވެ؟ މިއީ ކުއްލިއަކަށް ކާޑުގެ އަގު ބޮޑުކޮށްފައި، ހަރު ހަނޑޫ ކައިގެން އުޅޭ ފަގީރު މީހާ އަށް ފައިސާކޮޅެއް ދިނީމާ ފަރުޖެހޭ ކަހަލަ އާދައިގެ ކަމެއް ނޫންކަން އެ ބޭފުޅުންނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ އެވެ. ސައި ހޮޓަލުން ގަނެގެން ކާ މަސްރޮށިން ފެށިގެން ގޮސް ދިރިއުޅޭ ގޭގެ ކުއްޔާ ހަމައަށް ހުރިހާ އެއްޗެއްގެ އަގު މިހާރު ވެސް ބޮޑުވެއްޖެ އެވެ. ކާޑުގެ އަގާ ގުޅުން ހުއްޓަސް، ނެތަސް ކަން ހިނގަމުންދާ ގޮތަކީ އެއީ އެވެ. އެެހެންވީމާ، މިހާ ކުއްލި ގޮތަކަށް މި ވަރުގެ ބޮޑު ގެއްލުމެއް ސަރުކާރުން މި ދިނީ ހަމަ "އެހެން ގޮތެއް ނެތިގެން"ތޯ ވަރަށް ރަނގަޅަށް ސާފުވާން އެބަޖެހެ އެވެ.

މުޒާހަރާ އަށް ނުކުތީމާ ގެއަށް ފޮނުވާލައިގެން ނުވަތަ ހައްޔަރުކޮށް އަދަބު ދީގެން ޝުއޫރު ފާޅުކުރުން ހުއްޓުވާލެވިދާނެ އެވެ. ފާޑުކީމާ ކައުންސިލްތަކަށް ބިރުދައްކައި ހިމޭންކުރުވިދާނެ އެވެ. އެކަމަކު ސަރުކާރުން ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ކުރިޔަސް ހެވިފައި، އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލުކޮށްލައިގެން ތިބި ދުވަސް ފާއިތުވެއްޖެ އެވެ. ފަހަރުގައި ސަރުކާރުގެ ބައެއް މެމްބަރުންނަށް އެކަން އެނގިވަޑައިނުގަންނަވަނީ އެވެ. ބުއްދި ގަބޫލުކުރާ ގޮތާ ޚިލާފަށް ވިސްނުން ބަދަލުކޮށް އަދި ހަމަ އެ ގޮތަށް އާއްމުންނަށް ވިސްނައިދޭން މަސައްކަތް ފަށާ ވާހަކަ ދައްކަވާނީ އެހެންވެގެންތާ އެވެ!