Roadha Mihaaru
ކަންކަން ނުފެންނަ ކަމަށް ހެދި ނަމަ ރަނގަޅުވީސް: ޝިފާ

ބައެއް ކަންކަން ނުފެންނަ ކަމަށް ހެދި ނަމަ ރަނގަޅުވީސް: ޝިފާ

22 ފެބުރުއަރީ 2020

ކޮރަޕްޝަން ހުއްޓުވުމަށް މަސައްކަތް ކުރުމަކީ ބިރުވެރިކަމެއް ކަމަށާއި ބައެއް ކަންކަން ނުފެންނަ ކަމަށް ހަދައިގެން ހުރި ނަމަ ރަނގަޅުވީސް ކަމަށް މާލޭ މޭޔަރު ޝިފާ މުހައްމަދު އިއްޔެ ވިދާޅުވެއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ކޮރަޕްޝަން ހުއްޓުވުމަށް މަސައްކަތް ކުރުމަކީ ބިރުވެރިކަމެއް ކަމަށާއި ބައެއް ކަންކަން ނުފެންނަ ކަމަށް ހަދައިގެން ހުރި ނަމަ ރަނގަޅުވީސް ކަމަށް މާލޭ މޭޔަރު ޝިފާ މުހައްމަދު އިއްޔެ ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި، ތިން ވަނަ ދައުރަކަށް މާލޭގެ މޭޔަރުކަން ކުރެއްވުމަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވައި ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވެވަޑައިގެންނެވ ޝިފާ ވިދާޅުވީ، މާލޭގެ އާއްމު ފާހާނާތައް މުޑުދާރުވެ، މައްސަލަ ބޮޑުވުމާއި މާރުކޭޓު ގޮޅި ސަޕްލަޔަރުނަށް ބައްޓަން ކުރުމުން އެކަން ހުއްޓުވުން ފަދަ ކަންކަން ނުފެންނަ ކަމަށް ހަދައިގެން ހުރި ނަމަ ރަނގަޅުވީސް ކަމަށެވެ.

ޕްރައިމަރީގައި ޝިފާއާ ވާދަކުރައްވައި، ކުރި ހޯއްދެވީ އެމްޑީޕީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރެވެ. އެކަމަކު ޕްރައިމަރީއާ މެދު ޝިފާ ފަހުން ވަނީ ސުވާލު އުފައްދަވައިފަ އެވެ. އަދި ސަރުކާރާއި އެމްޑީޕީއާ ގުޅުން ހުރި ބައެއް ކަންކަމުގައި އޭނާ ގެންދަވަނީ އޭގެ ފަހުން ހިޔާލު ތަފާތުވާކަން އެކިއެކި ފޯރަމްތަކުގައި ހާމަކުރައްވަމުންނެވެ.

މި ފަހުން މާލޭ ސިޓީ ކައުންސިލްގެ ތެރޭގައި އެންމެ ބޮޑު ހިޔާލުތަފާތުވުމެއް އުފެދުނީ ދަތުރުވެރިންގެ މާރުކޭޓްގައި ގޮޅި ދޫކުރާނެ ގޮތާއި ހަދާނެ ގޮޅީގެ އަދަދާ މެދު އެވެ. އަދި އެކަމުގައި ބައެއް ކައުންސިލަރުން، ޝިފާގެ މައްޗަށް ތުހުމަތުތަކެއް ވެސް ކުރެއްވި އެވެ.

ކައުންސިލުން އެންމެ ފުރަތަމަ ފާސްކުރީ، ދަތުރުވެރިންގެ މާރުކޭޓްގައި 117 ގޮޅި ހެދުމަށެވެ. އެކަމަކު ފަހުން އެ އަދަދު 193 އަށް ބަދަލުކުރަން ޝިފާ ހުށަހެޅުއްވި އެވެ. އެ ހުށަހެޅުން ކައުންސިލުން ފާސް ނުވުމުން ވެސް އެގޮތަށް ބަދަލު ކުރެއްވުމަށް މޭޔަރު މަސައްކަތް ކުރެއްވި ކަމަށް ބުނެ ބައެއް މެމްބަރުން ތުހުމަތު ކުރެއްވި އެވެ.

ޝިފާގެ ލީޑަޝިޕްގައި މާލޭ ސިޓީ ކައުންސިލަށް އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވެ، އެތައް ބައެއްގެ ނުރުހުން ލިބުނު އެއް ކަމަކީ ވެސް ދަތުރުވެރިންގެ މާރުކޭޓު މަރާމާތަށް ބަންދު ކުރުމަށް ފަހު، އެތައް މަހެއް ވީއިރު ވެސް ގޮޅިތައް އަލުން ދޫކުރާނެ ގޮތަކާ މެދު އެއްބަސް ނުވެވުނު މައްސަލައިގަ އެވެ. މިކަމުގައި މާލޭ ސިޓީ ކައުންސިލަށް ގޮތެއް ހޯދައި ނުދެވުމުން، އެއްޗެހި ވިއްކާ މީހުން ވިޔަފާރި ހިންގަނީ ބާޒާރުމަތީގެ ސަރަހައްދުން މަގުމަތީގައި ގޮނޑި އާއި މޭޒު ޖަހައިގެން ތިބެ އެވެ.

ސިޓީ ކައުންސިލުން މިހާރު ބުނަނީ އަންނަ އޭޕްރީލް މަހު ފަށާ މި އަހަރުގެ ރޯދަ މަހުގެ ކުރިން މާރުކޭޓުގެ ގޮޅިތައް ދޫކުރެވޭނެ ކަމަށެވެ.

ލޮނުޒިޔާރަތް ކޮޅުގައި ސިޓީ ކައުންސިލުން ޕާކް ތަރައްގީ ކުރުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ވެސް ޝިފާގެ މައްޗަށް ތުހުމަތު ކުރެއްވި އެވެ. ކައުންސިލްގެ ބައެއް މެމްބަރުން ތުހުމަތު ކުރެއްވި ގޮތުގައި، އަޑި ޕާކްގައި ފާހާނާ ބަރިއެއް ހެދުމުގެ މަސައްކަތް އަމީން ކޮންސްޓްްރަކްޝަނުން ކުރީ އެއްވެސް އެއްބަސްވުމަކާ ނުލައި، ރަސްމީކޮށް އެ މަސައްކަތް ހަވާލު ވެސް ނުކުރަނީހެވެ.

އެކަމަކު ޝިފާގެ މައްޗަށް ކުރި ކޮރަޕްޝަންގެ ތުހުމަތުތައް އޭނާ ވަނީ ދޮގު ކުރައްވައިފަ އެވެ.