29 އޮކްޓޯބަރ 2019
ސިނަމާލެ ބްރިޖް ކައިރިން، އަޑި ޕާކް ސަރަހައްދުގައި މާލޭ ސިޓީ ކައުންސިލުން ހަދަމުންދާ ޕާކްގެ މަސައްކަތްތައް ކޮށްފައި ވަނީ ކޮރަޕްޝަންގެ ތެރެއިން ކަމަށާއި އެ ޖަރީމާ ފޮރުވުމަށް ލިޔެކިޔުމަށް މިހާރު ބަދަލު ގެންނަމުންދާ ކަމަށް އެ ކައުންސިލްގެ ބައެއް މެމްބަރުން މިރޭ ވިދާޅުވެއްޖެ އެވެ.
ސިނަމާލެ ބްރިޖް ކައިރިން، އަޑި ޕާކް ސަރަހައްދުގައި މާލޭ ސިޓީ ކައުންސިލުން ހަދަމުންދާ ޕާކްގެ މަސައްކަތްތައް ކޮށްފައި ވަނީ ކޮރަޕްޝަންގެ ތެރެއިން ކަމަށާއި އެ ޖަރީމާ ފޮރުވުމަށް ލިޔެކިޔުމަށް މިހާރު ބަދަލު ގެންނަމުންދާ ކަމަށް އެ ކައުންސިލްގެ ބައެއް މެމްބަރުން މިރޭ ވިދާޅުވެއްޖެ އެވެ.
މާލޭގައި، މި ސަރުކާރުން ބޮޑު އިސްކަމެއް ދީގެން ހަދާ ޕާކްގައި އިމާރާތްކުރާ ފާހާނާބަރީގެ މަސައްކަތް އަމިން ކޮންސްޓްްރަކްޝަނުން ކުރަނީ އެއްވެސް އެއްބަސްވުމަކާ ނުލައި، ރަސްމީކޮށް އެ މަސައްކަތް ހަވާލު ވެސް ނުކުރަނީސް ކަމަށް ވިދާޅުވެ، ސިޓީ ކައުންސިލްގެ މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ފަޒީން ވަނީ މީޑިއާގެ ސަމާލުކަމަށް އެކަން ގެނެސްފަ އެވެ. އެ އިމާރާތުގެ އިތުރުން އެ ޕާކަށް ބޮޑެތި ހޭދަތަކެއް ސިޓީ ކައުންސިލުން ކޮށްފައި ވަނީ ކައުންސިލުން ފާސްނުކޮށް ކަމަށް އޭނާ ކުރިން ވިދާޅުވެފައި ވެ އެވެ.
އަންނަ މަހުގެ 11 ގައި ހުޅުވުމަށް ޕާކް ތަރައްގީކޮށް، މިހާރު ވަނީ ބޮޑު ބައެއް ނިންމައިފަ އެވެ. ހުސްބިމެއް ގޮތަށް އޮތް އެ ޕާކްގައި ގިނަ އަދަދެއްގެ ރުކާއި ގަހުގެ އިތުރުން ވިނަ އިންދައި ވަނީ ވަރަށް ބޮޑަށް ފެހި ކޮށްފަ އެވެ. އަދި އިށީނދެ ތިބުމަށް ގޮނޑިތަކެއް ވަނީ ބަހައްޓައިފަ އެވެ.
މާލޭ ސިޓީ ކައުންސިލްގެ ކޮރަޕްޝަނާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް، ސިޓީ ކައުންސިލްގެ އާއްމު ހިދުމަތްތަކާ ބެހޭ އޮފީހުގައި އެ ކައުންސިލްގެ މެމްބަރު އަހުމަދު ޒަމީރާ އެކު ނޫސްވެރިންނާ މިރޭ ވާހަކަ ދައްކަވަމުން ފަޒީން ވިދާޅުވީ، ޕާކްގެ މަސައްކަތްތައް އެކި ފަރާތްތަކާ ހަވާލުކޮށްގެން ނިންމަމުން ދަނީ ކައުންސިލުން ފާސް ކުރުމެއް ނެތި ކަމަށެވެ. އަދި އެ މަސައްކަތްތައް ހަވާލުކޮށް ނިންމާފައިވަނީ ބިޑް ކޮމިޓީ އަށް ހުށަނާޅާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ފައިސާ ހޯދަން ފިނޭންސް އަށް ސިޓީ ފޮނުވީމާ، އެ ކޮޅުން ޖަވާބުދެނީ ބިޑް ކޮމިޓީ އަށް ހުށަހަޅައިގެން އެ ޕްރޮޖެކްޓްތައް ހިންގަން. އެކަމަކު، ފިނޭންސް އަށް ސިޓީ ފޮނުވާއިރު މި އޮށްނަނީ އެ މަސައްކަތް ބަޔަކާ ހަވާލުކޮށްފައި،" ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮންނަ ކައުންސިލްގެ މެމްބަރު ވިދާޅުވި އެވެ.
މާލިއްޔަތު ގަވާއިދު ކުރިން އޮތީ މަސައްކަތްތަކުގެ ތެރެއިން ނާޖާއިޒު ފައިދާ ނުހޯދޭނެ ގޮތަށެވެ. އެގޮތުން، 35،000ރ. އަށް ވުރެ ބޮޑު މަސައްކަތެއް ކުރާ ނަމަ ބަޔަކު ހޯދަން ޖެހެނީ އާއްމުކޮށް އިއުލާން ކޮށްގެން ވާދަވެރި މާހައުލެއްގެ ތެރެއިންނެވެ.
ލޮނުޒިޔާރަތްކޮޅުގައި ހަދާ ޕާކްގައި ކުރަމުންދާ އިމާރާތް: އެކަން ހަވާލު ކުރީ ބިޑް ނުކޮށް ކަމަށް ތުހުމަތު ކުރޭ-- ފޮޓޯ: މުހައްމަދު ފަޒީން
ފަޒީން ވިދާޅުވާ ގޮތުގައި، އެ މަސައްކަތްތަކާ ގުޅޭގޮތުން މާލޭގެ މޭޔަރު ޝިފާ މުހައްމަދާ ސުވާލު ކުރެއްވުމުން އެ ކަމަށް ބަޖެޓުން ހަރަދު ނުކުރާ ކަމަށް ކުރިން ވިދާޅުވި އެވެ. އަދި މި ފަހުން އެކަމާ ގުޅޭގޮތުން ސުވާލު ދެންނެވުމުން އެކަމަށް ހަ މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށާއި އިތުރަށް 16 މިލިއަން ރުފިޔާ ހޯދުމުގެ މަސައްކަތް ކުރަމުން ގެންދަވާ ކަމަށް ޝިފާއާ ހަވާލާ ދެއްވައި ފަޒީން ވިދާޅުވި އެވެ.
ކައުންސިލް މެމްބަރުންނަށް އެންގުމެއް ނެތި، ގަވައިދާ ހިލާފަށް ޕާކްގެ މަސައްކަތްތައް ކުރިއަށް ގެންދާތީ އެކަން މީޑިއާގެ ސަމާލުކަމަށް ގެނައުމުން، މިހާރު އެކަން ގަވައިދުގެ ތެރެއަށް ވެއްދުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެގޮތުން މިދިޔަ ބުރާސްފަތި ދުވަހު، ސިޓީ ކައުންސިލްގެ ބައްދަލުވުމެއް ބާއްވައި އެ މަސައްކަތް ކުރިއަށް ގެންދިއުމަށް ފާސްކުރަން ހުށަހެޅި ކަމަށް ފަޒީން ވިދާޅުވި އެވެ. ޖުމްލަ 12 މެމްބަރުން ތިއްބަވާ ކައުންސިލްގެ ކޯރަމް ނުލިބިގެން އެ ބައްދަލުވުން ކެންސަލް ކުރުމަށް ފަހު، އިތުރު މެމްބަރުންނަށް ގުޅައި ގެނެސް ބައްދަލުވުން ބާއްވާފައިވާ ކަމަށް ފަޒީން ވިދާޅުވި އެވެ.
"އެޖެންޑާ ފޮނުވާފައި މިއޮތީ 21 ވަނަ ބައްދަލުވުމަށް. އެ ބައްދަލުވުމަށް ކޯރަމް ހަމަނުވެގެން ކެންސަލް ކުރި ކަމުގެ ލިޔުން މި އޮތީ. އަނެއްކާ 21 ވަނަ ބައްދަލުވުމުގެ ނަމުގައި ބޭއްވި ބައްދަލުވުމުގެ ހާޒިރީ މި އޮތީ. ކެންސަލް ކޮށްފައި ދެން އަނބުރާ އެ ބައްދަލުވުމެއް ނުބޭއްވޭނެ ނޫންތޯ؟" ލިޔުންތައް ދައްކަވަމުން ފަޒީން ވިދާޅުވި އެވެ.
އޭނާ ވަނީ ކޯރަމް ހަމަނުވެގެން ބައްދަލުވުން ކެންސަލް ކުރިކަމުގެ ލިޔުމުގެ ކޮޕީ ނޫސްވެރިންނަށް ދައްކަވައިފަ އެވެ. އެ ރިޕޯޓް ބުނާގޮތުން ހާޒިރުވީ ހަތަރު މެމްބަރުންނެވެ. އަދި އެ ދުވަހު ބޭއްވި އިތުރު ބައްދަލުވުމެއްގެ ހާޒިރީ ވެސް ދެއްކެވި އެވެ. އެ ބުނާ ގޮތުން ހަ މެމްބަރުން ހާޒިރުވި އެވެ.
ފަޒީން ވިދާޅުވި ގޮތުގައި، އެ ދުވަހު ފުރަތަމަ ބޭއްވި ބައްދަލުވުމުގެ ކޯރަމް ހަމަނުވެގެން ކެންސަލް ކުރިކަމުގެ ހާޒިރީ ރިޕޯޓް ފައިލުން ފަހުން ވަނީ ނަގައިފަ އެވެ. އެކަން ކުރި، ސިޓީ ކައުންސިލްގެ ލީގަލް އޮފިސަރާ ސުވާލު ދެންނެވުމުން އެކަން ކުރީ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފްގެ އެންގުމަށްކަމަށް ޖަވާބު ދެއްވި ކަމަށް ފަޒީން ވިދާޅުވި އެވެ.
ފަޒީން ވަނީ އެ މައްސަލައާ ގުޅިގެން، ލީގަލް އޮފިސާ އަލީ ނަސީރު ގާސިމާ، އޭނާ ސުވާލު ކުރެއްވި އޯޑިއޯ ވެސް ނޫސްވެރިންނާ ހިއްސާ ކުރައްވައިފަ އެވެ. އެ އޯޑިއޯ ގައި ލީގަލް އޮފިސަރު ވިދާޅުވަނީ އޭނާ އެ ލިޔުން ނެންގެވި ކަމަށާއި އިތުރު އެއްޗެއް އޮޅުން ފިލުއްވަން ބޭނުން ނަމަ މޭޔަރާ ސުވާލު ކުރެއްވުމަށެވެ.
ފަޒީން ވިދާޅުވި ގޮތުގައި ސިޓީ ކައުންސިލުން މީގެ ކުރިން ވެސް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކޮށްފައިވާ ކަންކަން ފަޅާއެރުމުން ލިޔެ ކިޔުން "ގެއްލުވާލާފައި" ވެ އެވެ. އެގޮތުން، ބިޑް ޑޮކިއުމެންޓްތަކެއް މަދުވި މައްސަލައިގައި އިދާރީ ފިޔަވަޅުތައް ވެސް އަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އިދާރީ ހިންގުމުގެ ބާރު އޮތް ބަޔަކަށް ޑޮކިއުމެންޓްތައް ބަދަލު ކުރުމަކީ ފަސޭހަ ކަމެއް. މީގެ ކުރިން ވެސް އެކަން ކޮށްފައި އެބަހުރި،" ފަޒީން ވިދާޅުވި އެވެ.
އޭރު އެކަންކަން ކަމާބެހޭ އިދާރާތަކަށް ހުށަނޭޅުއްވީ ކީއްވެގެންތޯ ސުވާލު ކުރުމުން ފަޒީން ވިދާޅުވީ، އެކަންކަން އިސްލާހު ކުރައްވާނެ ކަމަށް މޭޔަރު ވިދާޅުވި ކަމަށެވެ. ނަމަވެސް މިހާތަނަށް އެކަންކަން އިސްލާހު ކޮށްފައި ނުވާ ކަމަށް ވިދާޅުވި އެވެ.
މޭޔަރު ޝިފާ އަށް ނުގުޅޭތީ ސިޓީ ކައުންސިލްގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.
އެކަމާ ގުޅޭގޮތުން ކުރިން ޝިފާއާ ސުވާލު ކުރުމުން ވިދާޅުވީ "ފަޒީން ވަގު ބަދުނާމު ނާޅުވާ އެއްވެސް މުވައްޒަފަކު ކައުސިލްގައި ނެތް" ކަމަށެވެ.
އެއްބަސްވުމެއް ނެތި 2 މިލިއަން ރުފިޔާގެ މަސައްކަތެއް
އުޅެނީ އަގުވައްޓާލަން، ކޮރަޕްޝަނެއް ނުހިންގަން: ޝިފާ
ކަންކަން ނުފެންނަ ކަމަށް ހެދި ނަމަ ރަނގަޅުވީސް: ޝިފާ
ލޮނުޒިޔާރަތްކޮޅު ބަގީޗާ ހުޅުވޭނެ ދުވަހެއް ނޭނގެ!
އޭސީސީން މާލޭ ސިޓީ ކައުންސިލް އިދާރާ އަށް ވަދެއްޖެ
ބޭރުން ރުއް ގެނެސް ލޮނުޒިޔާރަތްކޮޅުގައި އިންދަނީ
އަކްރަމް ބަލިކޮށް މާލޭގެ އެމްޑީޕީގެ ރައީސްކަން ޝިފާއަށް
އާ ކައުންސިލަރުންނަށް ސިޓީ ކައުންސިލްގެ ތައާރަފެއް
މާލޭގެ މަގުތައް ހެދުމުގެ ދެވަނަ ފިޔަވަހި ފަށަނީ
މާލޭގެ އާ ޕާކަށް ވަންނަ މީހުންގެ ދަބަސް ޗެކު ކުރަނީ