25 ފެބުރުއަރީ 2020
އޭނާގެ ކިބައިން ނާސާ އެދުނީ ހަނދަށް ގެންގޮސްދޭށެވެ. އެކަން އޭނާ ކޮށްދެއްވި އެވެ.
އޭނާގެ ކިބައިން ނާސާ އެދުނީ ހަނދަށް ގެންގޮސްދޭށެވެ. އެކަން އޭނާ ކޮށްދެއްވި އެވެ.
އާދައިގެ ފަންސުރެއް ބޭނުންކުރައްވައިގެން އޭނާ ހެއްދެވި ހިސާބުން ނާސާގެ ސައިންސްވެރިންނަށް ވަރަށް ރަނގަޅު ފުރުސަތުތަކެއް ހޯއްދަވައިދެއްވި އެވެ. ހަނދުގައި ފުރަތަމަ ފައިތިލަ ބީއްސާލި އިންސާނާއަށް ނީލް އާމްސްޓްރޯންގް ހަދައިދިން އެޕޯލޯ 11 ގެ އުޅަނދު ،1969 ގައި، ހަނދަށް ވާސިލްވާށާއި އެނބުރި އަންނާނެ ދުވަހާއި ވަގުތު، ކަނޑައެޅުނީ، ކެތެރިން ޖޯންސަންގެ ތޫނުފިލި ސިކުނޑިން ފުރިހަމަކުރެއްވި ހިސާބު އިލްމުންނެވެ.
އޭނާގެ އެ ހިސާބުގައި ކުޑަކުޑަ ގޯހެއް ހެދުނަސް އެޕޯލޯގެ އުޅަނދާއި އޭގެ ފަޅުވެރިންނަށް ނުރައްކާތަކާ ކުރިމަތިވީހެވެ. ނާސާ އިން އިންސާނުން ހަނދަށް ގެންގޮސް، ދުނިޔޭގެ ޖައްވީ ވާދަވެރިކަމުގައި އޭރުގެ އަނެއް ބާރު، ރޫސީވިލާތް ބަލިކޮށްލުމުގެ ކުރިން ވެސް ކެތެރިން ވަނީ، ޖައްވަށް އިންސާނުން ފޮނުވުމުގެ މަސައްކަތުގައި ނާސާއަށް ވަރަށް ބޮޑު އެހީތެރިކަމެއް ހިސާބު އިލްމުގެ ތެރެއިން ހޯއްދަވައިދެއްވައިފަ އެވެ. އެގޮތުން ޖައްވުގައި ދުނިޔެ ވަށައި ފުރަތަމަ ބުރެއް ފުރިހަމަކުރި ޖޯން ގްލެންގެ ދަތުރަށް ވެސް އޭނާގެ ކަލްކިއުލޭޝަން އަކީ ވަރަށް ބޮޑު އެހީއެކެވެ.
ނާސާގެ ސައިންސްވެރިންގެ ތެރެއިން ފުރަތަމަ ޖާގަ ހޯއްދެވި ކަޅު ނަސްލުގެ އަންހެން ބޭޅުންގެ ފެށުމަކީ ކެތެރިންނެވެ.
އޭނާ އިއްޔެ ވަނީ އުމުރުން 101 އަހަރުގައި އަވަހާރަވެފަ އެވެ.
އޭނާގެ އިލްމުވެރިކަމުން ނާސާ އާއި އެ އެޖެންސީ އުފެއްދުމުގެ ކުރިން އެމެރިކާ އިން ޖައްވީ ހަރަކާތްތައް ކުރިއަށް ގެންދިޔަ އިދާރާގެ އެތައް މަސައްކަތަކަށް ފަހި މަގުތަކެއް ފެނުނު ނަމަވެސް ނާސާގައި އޭނާ ހޭދަކުރެއްވި ދިގު މުއްދަތުގައި ކެތެރިންގެ ނަން ވެސް އެނގުނީ މަދު ބަޔަކަށެވެ.
ކެތެރިންއަކީ އެ ޒަމާނުގައި ފިރިހެނުންނަށް ވެސް ދޫކުރެއްވުމެއް ނެތި އިލްމީ ގޮތުން ކުރިއެރުން ހޯއްދެވި މަދު އަންހެނުންގެ ތެރެއިން އެއް ބޭފުޅެވެ. އަންހެނުންގެ ހައްގުތަކުގެ ހަރަކާތްތައް ފެށުމުގެ ކުރިން، އޭނާ އާއި އޭނާ ފަދަ އަންހެން އެހެން ސައިންސްވެރިން އުޅުއްވީ، ފިރިހެން މަޝްހޫރު ސައިންސްވެރިން ވެސް ދުވަސްތައް ހޭދަކުރެއްވި މާހައުލުގަ އެވެ. އެކަމަކު އަންހެން ސައިންސްވެރިންގެ މަތީ ފެންވަރުގެ އިލްމީ ހޯދުންތަކާ އެކު ވެސް އެ ބޭފުޅުންގެ ނަމެއް، އަޑެއް ނީވެ އެވެ.
ކެތެރެއިންއަކީ އޭގެ ތެރެއިން ވެސް ފާހަގަކޮށްލެވޭ ބޭފުޅެކެވެ. އޭނާގެ ނަން އޭރު މަޝްހޫރުނުވީ، ނުވަތަ އޭނާގެ މަސައްކަތްތައް "ސިއްރެއް"ގެ ގޮތުގައި އޮތީ، ހަމައެކަނި އަންހެން އިލްމުވެރިޔަކަށް ވާތީއެއް ނޫނެވެ. ކަަޅު ނަސްލުގެ ބޭފުޅަކަށް ވުމަކީ ވެސް އޭގެ ސަބަބެއް ކަމަށް، ބައެއް މީހުން ގަބޫލުކުރެ އެވެ.
ކެތެރިންއަށް ޕްރެޒިޑެންޝަލް މެޑަލް އޮފް ފްރީޑަމް 2015 ވަނަ އަހަރު ރައީސް އޮބާމާ ދެއްވަނީ. --ފޮޓޯ:ރޮއިޓާސް
އެކަމަކު އޭނާގެ މުސްކުޅި އުމުރުގައި ކެތެރެއިން ވެވަޑައިގަތީ މަޝްހޫރު ބޭފުޅަކަށެވެ. ނާސާއަށް އޭނާ ކޮށްދެއްވި އަގުހުރި މަސައްކަތްތަކުގެ ވާހަކަ މުޅި ދުނިޔެއަށް ހާމަވި އެވެ. އޭނާ އާއި ނާސާގެ އިލްމުވެރިންގެ ތެރޭގައި އޭރު މަސައްކަތްކުރެއްވި އަންހެން އެހެން ބައެއް ސައިންސްވެރިންގެ ވާހަކަ ކިޔައިދޭ ހޮލީވުޑް ފިލްމު "ހިޑްން ފިގާސް" ބިނާކޮށްފައި އޮތީ އެ ބޭފުޅުންގެ ހަޔާތަށެވެ.
އޮސްކާ އެވޯޑްގެ ބައެއް ބައިތަކުން ވާދަކުރިޔަސް އެއްވެސް އެވޯޑެއް އެ ފިލްމަކަށް ނުލިބެ އެވެ. އެކަމަކު އެވޯޑް ހަފުލާގައި ފިލްމުގެ ތަރިންނާ އެކު އޭރު އުމުރުން 98 އަހަރުގެ ކެތެއިން ސްޓޭޖަށް އަރައިވަޑައިގަތުމުން، އެންމެން ކޮޅަށް ތެދުވެ، އަތްތިލަބަނޑި ޖެއްސެވެ.
ފިލްމުގެ މައި ޝަހުސިއްޔަތުތަކަކީ ނާސާގައި މަސައްކަތްކުރެއްވި ކަޅު ނަސްލުގެ އަންހެން ސައިންސްވެރިންނަށް ވިޔަސް، ފިލްމު ނެރުނު އިރު ދުނިޔޭގައި ހުންނެވި ހަމައެކަނި ބޭފުޅަކީ ކެތެރިންނެވެ.
އެމެރިކާގެ ސަރުކާރުން ދޭ އެންމެ މަތީ ޝަރަފު ކަމަށްވާ ޕްރެޒިޑެންޝަލް މެޑެލް އޮފް ފްރީޑަމް، އޭރުގެ ރައީސް ބަރަކް އޮބާމާ އޭނާއަށް އަރުވަމުން ވިދާޅުވީ "މިއީ، އޭރު އޭނާގެ ޖިންސާއި ނަސްލަށް ބަލާއިރު ކުރެވިދާނެ ކަމަށް އާންމުންގެ ވިސްނުމުގައި އޮތް މިންވަރު ފަހަނަޅައި ގޮސް، އިންސާނާއަށް ވާސިލްވެވޭނެ ކަންކަމުގެ ސަރަހަައްދު ވެސް ބޮޑުކޮށްދެއްވި" ބޭފުޅެއް ކަމަށެވެ.
ކެތެރެއިންގެ ހިދުމަތުގެ އަަގު ވަޒަންކުރުމުގެ ގޮތުން ނާސާއިން 2017 ގައި ވަނީ، އެ އެޖެންސީގެ ވަކި ސެންޓަރަކަށް އޭނާގެ ނަމުން ނަން ވެސް ދީފަ އެވެ.
"ކޮމްޕިއުޓާސް" މި ނަން ވެސް އަސްލު އުފެދުނީ ކެތެރެއިން އާއި އޭނާގެ އަންހެން އިލްމުވެރިންނަށް ނިސްބަތްކޮށެވެ. އެ ބޭފުޅުންގެ މަގާމަށް ނާސާގެ ތެރޭގައި ކިޔަމުން ގެންދިޔައީ "ކޮމްޕިއުޓާސް" އެވެ. އެކަމާ ގުޅުވައިގެން 2017 ގައި ވޮޝިންޓަން ޕޯސްޓް ނޫހުން ކެތެރެއިން ސިފަކުރީ "އެންމެ މަތީ ހައިސިއްޔަތު ލިބިފައިވާ ކޮމްޕިއުޓާސް"ގެ ގޮތުގަ އެވެ.
ކެތެރެއިންގެ އިލްމީ މަސައްކަތް ނާސާ އާއި ނާސާ އުފެއްދުމުގެ ކުރިން ޖަައްވީ ދިރާސާތަކަށް ހާއްސަކުރި އެޖެންސީގައި ކުރެއްވީ 1953 އިން 1986 އަށެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި އެ ދުވަސްވަރު "ކޮމްޕިއުޓަރުތައް ސްކާޓް ލި" އެވެ. މާނައަކީ "ކޮމްޕިއުޓާސް" އެ ނަން އޭރު ނިސްބަތްކުރީ، ނާސާގައި އުޅުއްވި އަންހެން ހިސާބު އިލްމުވެރިންނަށް ކަމެވެ.
އެ ބޭފުޅުން ހުރިހާ ހިސާބުތަކެއް ހައްދަވަމުން ގެންދެވީ އަތުންނެވެ. އެކަމަކު އެއިން އެއްވެސް ބޭފުޅަކު އެހެން ސައިންސްވެރިންނަށް ވުރެ މޮޅޭ ނުވަތަ މާ ގިނަ މަސައްކަތްކުރެއްވިއެކޭ ވިދާޅެއް ނުވެ އެވެ. ކެތެރެއިންގެ ފަހު އަހަރުތަކުގައި ދެއްވި އިންޓަވިއުތަކުގައި ވެސް ވިދާޅުވީ "ތިމަން ކުރީ ކުރަން ޖެހޭ މަސައްކަތެއް" ކަމަށެވެ.
"އަހަންނަކީ އެހެން މީހުންނަށް ވުރެ ވަކި މޮޅު މީހެއް ނޫން،" އެއް އިންޓަވިއުއެއްގައި ކެތެރިން ވިދާޅުވި އެވެ.
ހަތަރު ބެއިން ހިމެނުނު އާއިލާއަކަށް އުފަން ކެތެރެއިން އަކީ އެންމެ ކުޑައިރު ވެސް ހިސާބު އިލްމުގެ ކުއްޖެކެވެ. އޭނާގެ ކަމަކީ ގުނުމެވެ. މިސާލަކަށް ގޭގައި ބަހައްޓާފައި ހުރީ ކިިތައް ތަށިތޯ އެވެ. ފައްޅިއަށް ދާއިރު ކިތައް ފިޔަވަޅު އެޅުނުތޯ އެވެ. އަދި އުޑުގައި ބަބުޅަމުން ދަނީ ކިތައް ތަރިތޯ އެވެ.
"ހައި ސްކޫލަށް ވަދެ، އަލްޖިބްރާ އާއި ޖިއޮމެޓްރީ ކިޔަވާ ހިތުން ހުރެވެނީކީ ނޫން،" ދި އެސޯސިއޭޓެޑް ޕްރެސްއަށް 1999 ގައި ދެއްވި އިންޓަވިއުއެއްގައި ކެތެރިން ވިދާޅުވި އެވެ.
އޮސްކާ ހަފުލާގައި، ފިލްމުގެ ތަރިންނާ އެކު ކެތެރިން ސްޓޭޖް މަތީގައި . --ފޮޓޯ:ރޮއިޓާސް
އެކަމަކު ކަޅު ނަސްލުގެ ކުއްޖަކަށް ވާތީ އޭރު، ދޮން ނަސްލުގެ ކުދިން ކިޔަވާ ސްކޫލެއްގައި އޭނާ އުޅުއްވުނީ ގްރޭޑް ހަޔަކާ ހަމައަށެވެ. އެހެންކަމުން އޭނާގެ ބައްޕަ އާއިލާއާ އެކު ދިރިއުޅުން ބަދަލުކުރީ އުފަން ސަރަހައްދާ 125 މޭލު ދުރަށެވެ.
ހައި ސްކޫލާއި ޔުނިވަސިޓީގައި ވެސް ކެތެރިން އަކީ މުޅިން ތަފާތު ބޭފުޅެކެވެ. އޭނާއަށް ކުރިމަތިވެވަޑައިގެންނެވި ހުރަސްތަކާ އެކު ވެސް، ސައިންސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރިއަށް ގެންދެވި އެވެ. އަދި ނާސާގައި ކިތައްމެ ބުރަކޮށް އުޅުއްވިޔަސް އޭނާގެ ޝަކުވާއެއް ނެތެވެ. އާންމުކޮށް ދުވާލަކު 16 ގަޑިއިރު މަސައްކަތްކުރެއްވި އެވެ. ބައެއް ދުވަސްދުވަހު ވަރުބަލިވެގެން، ކާރު ތެރޭގައި ވެސް އަވަހާރަފުޅު ލެއްޕެވެ އެވެ.
"އެއިން ކޮންމެ ދުވަހެއް ދެކެ ވެސް އަހަރެން އެހާ ލޯބިވޭ،" ކެތެރިން ވިދާޅުވެފައިވެ އެވެ.
"މަސައްކަތްކުރަން ދާހިތްނުވާ ދުވަހަކަށް އަހަރެން ހެއެއް ނުލަން."
ޖައްވުގައި ދުނިޔެ ވަށައި ބުރެއް ޖެހި އެމެރިކާގެ ފުރަތަމަ މީހާއަށް 1961 ގައި، ގްލެން ހަދައިދިން ދަތުރުގައި، މިސްރާބުގެ ބައި ފުރިހަމަކޮށްފައި ހުރީ އަސްލު ކޮމްޕިއުޓަރުގަ އެވެ. އެކަމަކު ކޮމްޕިއުޓަރަކީ ނާސާއަށް ވެސް އޭރު ވަރަށް ތަދު އެއްޗެކެވެ. އެހެންކަމުން ގްލެންއަށް އެއަށް އިތުބާރެއް ނުކުރެވެ އެވެ. ދަތުރުގެ ކުރިން ކެތެރިންގެ ކިބައިން ގްލެން އެދުނީ މެޝިނުން ދަައްކާ ހިސާބުތައް އަތުން ހަދައިގެން ޗެކްކޮށްދެއްވުމަށެވެ.
"އެ ނަންބަރުތައް ރަނގަޅޭ އޭނާ ބުނެފި ނަމަ، އަހަރެން މިހިރީ ނައްޓާލަން ތައްޔާރަށް،" ކެތެރިންނަށް ނިސްބަތްކޮށް ގްލެން ބުންޏެވެ.
ހަނދުން ގެނައި ހިރަފުސްތަކެއް ނީލަމުގައި ވިއްކާލަނީ
ހަނދުގައި ނެގި ފޮޓޯއެއް 7،700 ޑޮލަރަށް
ހަނދަށް ދާ އުޅަނދު އުފައްދަން ސްޕޭސް އެކްސް އަށް
ހަނދަށް ދިއުން: އެތައް ބަޔަކު މަރުވި މަޝްރޫއުއެއް
ދުނިޔޭގެ ތާރީޚު ބަދަލުކޮށްލި ތިން އެސްޓްރޮނޯޓުން
ދިވެހި ދިދަ ވެސް ހަނދަށް!
އެ ފިޔަވަޅުތައް ހަނދުގައި އަބަދަށް ހުރެދާނެތަ؟
ހާދަ ބޮޑު، ހާދަ އުފާވެރި، ހާދަ ތާރީޚީ ދުވަހެކޭ!
އޯޒޯންގެ ބާގަނޑު 2066 ގައި އެއްކޮށް ބެދޭނެ!
ޖައްވީ ކުނިގަނޑެއްގެ މައްސަލައިގައި ދައުވާކުރަނީ