Roadha Mihaaru
ރާއްޖޭގައި ތިބެގެން މިހާރު ޝެންގެން ވިސާ ނެގޭނެ

ޖަރުމަނާއި ޗެކް ރިޕަބްލިކަށް ދާން ބޭނުންވާ ދިވެހިންނަށް ރާއްޖޭގައި ތިބެގެން މިހާރު ވިސާ ލިބޭނެ

02 މާޗް 2020

ޖަރުމަނާއި ޗެކް ރިޕަބްލިކަށް ދާން ބޭނުންވާ ދިވެހިންނަށް ރާއްޖޭގައި ތިބެގެން ވިސާ ނެގޭނެ އިންތިޒާމު މިއަދު ހަމަޖައްސައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ޖަރުމަނާއި ޗެކް ރިޕަބްލިކަށް ދާން ބޭނުންވާ ދިވެހިންނަށް ރާއްޖޭގައި ތިބެގެން ވިސާ ނެގޭނެ އިންތިޒާމު މިއަދު ހަމަޖައްސައިފި އެވެ.

މިކަން އިއުލާން ކުރެއްވީ ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި، މިނިސްޓަރު އަބްދުﷲ ޝާހިދާއި ޖަރުމަނުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖޯން ރޯޑް އާއި ޗެކް ރިޕަބްލިކުން ކަނޑައަޅާފައިވާ ސަފީރު މިލާން ހަވަރްކާ އެވެ.

ޖަރުމަނަށް ދާ ދިވެހިން ވިސާ ނެގުމަށްޓަކައި މީގެ ކުރިން ދާން ޖެހެނީ ސްރީ ލަންކާ އަށެވެ. ޗެކް ރިޕަބްލިކަށް ދާން ބޭނުންވާ ދިވެހިންނަށް ވިސާ ދޫކުރަމުން އައީ އިންޑިއާގެ ނިއު ދިއްލީންނެވެ.

ޖަރުމަނާއި ޗެކް ރިޕަބްލިކަށް ދާން ބޭނުންވާ ދިވެހިންނަށް ޚާއްސަ ވިސާ އޮފީހެއް ވެސް ފޮރިން މިނިސްޓްރީގައި މިއަދު ވަނީ ގާއިމްކޮށްފަ އެވެ.

ވިސާ ފެސިލިޓޭޝަން ސާވިސަސް ގްލޯބަލް ގްލޯބަލް (ވީއެފްއެސް) އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވީ، ޔޫރަޕްގެ އެހެން ގައުމުތަކަށް ދާން ބޭނުންވާ ދިވެހިންނަށް ރާއްޖޭގައި ތިބެގެން ވެސް ވިސާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ޝައުގުވެރިކަން އެ ގައުމުތަކުން ފާޅުކޮށްފައިވާ ކަމަށެވެ.

ޝާހިދު ވިދާޅުވި ގޮތުގައި، އޭނާގެ އުންމީދަކީ ޔޫރަޕްގެ އެހެން ހައުމުތަކަށް ވެސް ދިވެހިންނަށް އޮން އެރައިވަލް ވިސާ ލިބޭނެ ދުވަހެއް ހަމަޖެހުމެވެ.

ފޮރިން މިނިސްޓްރީން މިއަދު ކުރި ޓްވީޓެއް

"އަޅުގަނޑުމެންގެ ލަނޑުދަނޑި އަކީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން ދިވެހި ޕާސްޕޯޓު ހިއްޕަވައިގެން ޔޫރަޕްގެ އިއްތިހާދުގެ ގައުމުތަކަށް ދިޔައީމާ އޮން އެރައިވަލް ވިސާ ޖެހޭނެ ފުރުސަތު ހޯދައިދިނުން،" މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ.

"އަޅުގަނޑު މިތަނުގައި ހުންނަން ވަރަށް އުފާވޭ. އަޅުގަނޑު ދަންނަ ގިނަ މޫނުތަކެއް މިތަނުން އެބަފެނޭ. އަޅުގަނޑަށް ހީވަނީ އަޅުގަނޑަށް މި ހުރެވެނީ އަޅުގަނޑުގެ އެކުވެރިންގެ ގާތު ހެން. އެކުވެރިންނަށް، އެކަކު އަނެކަކު ފަސޭހައިން ފެންނާނެ ގޮތް ހަމަޖެއްސުން މުހިއްމު،" - ޖަރުމަނުގެ ސަފީރު
ވީއެފްއެސް ގްލޯބަލްގެ އޮފީހެއް ރާއްޖޭގައި ހުޅުވުމުގެ ރަސްމިއްޔާތުގައި ޖަރުމަނުން ރާއްޖެ އަށް ކަނޑައަޅާފައިވާ ސަފީރު ޖޯން ރޯޑް (ކ) މިއަދު ވާހަކަ ދައްކަވަނީ.--- ފޮޓޯ: ނިޝާން އަލީ/ މިހާރު

ވީއެފްއެސް ގްލޯބަލްގެ އޮފީހެއް ރާއްޖޭގައި ހުޅުވުމުގެ ރަސްމިއްޔާތުގައި ޖަރުމަނުން ރާއްޖެ އަށް ކަނޑައަޅާފައިވާ ސަފީރު ޖޯން ރޯޑް (ކ) މިއަދު ވާހަކަ ދައްކަވަނީ.--- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޝެންގެން ވީސާ ނެގުމުން، ޔޫރަަޕްގައި ހިމެނޭ 26 ގައުމަށް ވެސް އިތުރު ވިސާއަކާ ނުލައި ދަތުރުކުރެވޭނެ އެވެ. ނަމަވެސް ޖަރުމަން ނުވަތަ ޗެކް ރިޕަބްލިކަށް ދިއުމަށް ޝެންގެން ވިސާ ނަގައިފި ނަމަ، ޔޫރަޕަށް އެތެރެވާން ޖެހޭނީ އެ ވިސާ ނެގި ގައުމަކުން ނެވެ. ނުވަތަ ޔޫރަޕަށް ކުރާ ދަތުރުގެ އެންމެ ގިނަ މުއްދަތު ހޭދަކުރަން ޖެހޭނީ ޖަރުމަނުގައި ނުވަތަ ޗެކް ރިޕަބްލިކްގަ އެވެ.

ޖަރުމަނުގެ ސަފީރު ޖޯން ރޯޑް، މިއަދުގެ ރަސްމިއްޔާތުގައި ވިދާޅުވީ ރާއްޖެ އާއި ޖަރުމަނަކީ ވަރަށް އެކުވެރި ގުޅުމެއް އޮންނަ ދެ ގައުމު ކަމަށެވެ.

ވީއެފްއެސް ގްލޯބަލްގެ އޮފީހެއް ރާއްޖޭގައި ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވި ބައެއް މީހުން -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ވީއެފްއެސް ގްލޯބަލްގެ އޮފީހެއް ރާއްޖޭގައި ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވި ބައެއް މީހުން -- ފޮޓޯ: ނިޝާން އަލީ/ މިހާރު

"އަޅުގަނޑު މި ތަނުގައި ހުންނަން ވަރަށް އުފާވޭ، އަޅުގަނޑު ދަންނަ ގިނަ މޫނުތަކެއް މި ތަނުން އެބަ ފެނޭ. އަޅުގަނޑަށް ހީވަނީ އަޅުގަނޑަށް މި ހުރެވެނީ އަޅުގަނޑުގެ އެކުވެރިންގެ ކައިރީގައި ހެން. އެކުވެރިންނަށް، އެކަކު އަނެކަކު ފަސޭހައިން ފެންނާނެ ގޮތް ހަމަޖެއްސުން މުހިއްމު،" އޭނާ ވިދާޅުވި އެވެ.

ސަފީރު ވިދާޅުވި ގޮތުގައި، ދަތުރުފަތުރު ކުރުމުގައި ކުރިމަތިވާ ގޮންޖެހުންތައް މަދުކުރުމަކީ ވަރަށް ބޮޑު ލުއިފަސޭހަ އެކެވެ. އޭގެ ހެއްކެއްގެ ގޮތުގައި އޭނާ ދެއްކެވީ، ޖަރުމަނުގައި ކޮންމެ އަހަރަކު ބާއްވާ އައިޓީބީ ފެއާ އެވެ.

އެ ފެއާ އަށް ދާން ބޭނުންވާ ދިވެހިންނަށް ޝެންގެން ވިސާ ދޫކުރުމަށްޓަކައި ކޮންމެ އަހަރަކު ވެސް ޚާއްސަ ކްލިނިކެއް ހުޅުވަ އެވެ. ޖަރުމަނުގެ ސަފީރު ވިދާޅުވީ، ވިސާ ހޯދުމުގެ ފަސޭހަކަން އެ ކްލިނިކުން ފެންނާނެ ކަމަށެވެ.

މިދިޔަ އަހަރު 400 ދިވެހިން ޝެންގެން ވީސާ ހޯދި އިރު، މި އަހަރުގެ ފުރަތަމަ ދެ މަހުގައި 200 އަށް ވުރެ ގިނަ މީހުން ޖަރުމަނު ޝެންގެން ވީސާ އަށް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ދުނިޔޭގައި މިހާރު ފެތުރެމުން އަންނަ ނުރައްކާތެރި ކޮވިޑް 19 ގެ ސަބަބުން މި އަހަރުގެ އައިޓީބީ ފެއާ ކެންސަލް ކުރި ނަމަވެސް، އެ ފެއާއާ ގުޅުވައިގެން މިދިޔަ ޖެނުއަރީ މަހު ރާއްޖޭގައި ހާއްސަ ވިސާ ކްލިނިކެއް ހުޅުވި އެވެ.

ޗެކް ރިޕަބްލިކުން ރާއްޖެ އަށް ކަނޑައަޅާފައިވާ ސަފީރު މިލާން ހަވަރްކާ ވިދާޅުވީ، ވީއެފްއެސް ގްލޯބަލްގެ އޮފީހެއް ރާއްޖޭގައި ގާއިމްކުރީ، މިނިސްޓަރު ޝާހިދު އެކަމަށް ކުރެއްވި މަސައްކަތުގެ ސަބަބުން ކަމަށެވެ.

އޭނާ ވިދާޅުވީ، ދިވެހިން ޔޫރަޕަށް ދަތުރުކުރުމުގައި ދިމާވާ ގޮންޖެހުންތައް، އީޔޫގައި ބާއްވާ އެކި ބައްދަލުވުންތަކުގައި ޝާހިދު ހިއްސާ ކުރައްވާ ކަމަށެވެ. އަދި ދިވެހިންނަށަށް ވިސާގެ ލުއިފަސޭހަކަން ހޯދައި ދިނުމަށްޓަކައި މިނިސްޓަރު ޝާހިދު ކުރެއްވި މަސައްކަތްތަކަށް ޗެކް ރިޕަބްލިކްގެ ސަފީރު ޝުކުރު އަދާކުރެއްވި އެވެ.