Roadha Mihaaru
ރާއްޖެ އަށް އީޔޫން ތިން މިލިއަން ޔޫރޯ ދެނީ

ކޮވިޑް-19: ރާއްޖޭގެ މަސައްކަތް ފާހަގަކޮށް އީޔޫން ތިން މިލިއަން ޔޫރޯ ދެނީ

09 އެޕްރީލް 2020

އެކި ގައުމުތަކުގައި ކޮވިޑް-19 ފެތުރެން ފެށުމާ އެކު، ރާއްޖޭން ފިޔަވަޅު އެޅި ގޮތަށް ތައުރީފުކޮށް، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ރާއްޖެ އަށް ތިން މިލިއަން ޔޫރޯގެ އެހީއެއް ދޭން ނިންމައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އެކި ގައުމުތަކުގައި ކޮވިޑް-19 ފެތުރެން ފެށުމާ އެކު، ރާއްޖޭން ފިޔަވަޅު އެޅި ގޮތަށް ތައުރީފުކޮށް، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ރާއްޖެ އަށް ތިން މިލިއަން ޔޫރޯގެ އެހީއެއް ދޭން ނިންމައިފި އެވެ.

އެ ޖަމާއަތުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖޭގެ ސިއްހީ ނިޒާމަށް އެހީތެރިވުމަށް އެއް މިލިއަން ޔޫރޯ އަދި ޓޫރިޒަމް އިންޑަސްޓްރީ އަށް ދެ މިލިޔަން ޔޫރޯ ދޭން ނިންމާފައިވާ ކަމަށެވެ.

ކޮވިޑް-19 ފެތުރެން ފެށުމުން ރާއްޖޭން މަސައްކަތް ކުރި ގޮތަށް ތައުރީފު ކުރަމުން އެ ބަޔާނުގައިި ބުނީ ރާއްޖޭން އަޅާފައި ވަނީ އޭގެ ފައިދާތަކެއް ކުރާ އަދި ދެފުށް ފެންނަ ފިޔަވަޅުތަކެއް ކަމަށާއި އެ ކަމަށް އީޔޫގެ މެމްބަރު ގައުމުތަކުން މަރުހަބާ ކިޔާ ކަމަށެވެ. އަދި ރާއްޖޭގައި ތިބި އެ ގައުމުތަކުގެ ރައްޔިތުން އަނބުރާ ގެންދިއުމަށް ގައުމުތަކާ ގުޅިގެން ރާއްޖޭން ކުރި މަސައްކަތް ޝުކުރުވެރިކަމާ އެކު ފާހަގަކުރާ ކަމަށް ވެސް އީޔޫން ބުނެ އެވެ.

އެ ޖަމާއަތުން ބުނިގޮތުގައި، ރާއްޖެ އަށް އެހީ ވަނީ މިހާރު ކުރިމަަތިވެފައިވާ ކާރިސާގެ އަސަރުތައް ކުޑަކުރުމަށާއި މި ބަލިމަޑުކަމާ ކުރިމަތިލާން ތައްްޔާރުވެފައިވާ މިންވަރު އިތުރު ކުރުމަށް ގައުމުތަކަށް ވަމުން އަންނަ އެހީގައި ތެރޭގައި ހިމެނޭ ކަމެއްގެ ގޮތުގަ އެވެ.

"ޔޫރަޕުން ދޭ އެއްބާރުލުމަކީ ހުސް ބަސްތަކެއް ނޫން. އެއީ ގުޅިގެން މަސައްކަތްކޮށް، ޔޫރަޕުން ދޭ ފައިސާގެ އެހީން ރާއްޖޭގެ ހެލްތު ސެކްޓާ އާއި ޓޫރިޒަމަށް ފައިދާ ކޮށްދިނުމަށް ގުޅިގެން މަސައްކަތް ކުރުން،" ސަފީރު ޑެނިސް ޗައިބީ

"ދިވެހިރާއްޖެ އަށް މަދަދު ކުރުމަށްޓަކައި ސިއްހީ ދާއިރާ އަށް އެއް މިލިއަން ޔޫރޯ އަދި ޓޫރިޒަމް އިންޑަސްޓްރީ އަށް ދެ މިލިއަން ޔޫރޯ އީޔޫ އިން ފޯރުކޮށްދޭނެ އެވެ. އެއީ ކުދި އޮޕަރޭޓަރުންނާއި އެ ފަރާތްތަކުގެ މުވައްޒަފުން ވެސް ހިމެނޭ ގޮތުންނެވެ،" އީޔޫގެ ބަޔާނުގައި ވެ އެވެ.

އީޔޫން ރާއްޖެ އާއި ސްރީ ލަންކާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑެނިސް ޗައިބީ ވިދާޅުވީ، މި ހުތޫރަތްތެރި ވަގުތަކީ އީޔޫ އާއި ރާއްޖޭން ގުޅިގެން މަސައްކަތް ކުރުމުގެ މުހިއްމުކަން މީގެ ކުރިން ދުވަހަކު ވެސް ނުވާ ވަރަށް މުހިއްމު ވެފައިވާ ދަނޑިވަޅެއް ކަމަށެވެ.

"ޔޫރަޕުން ދޭ އެއްބާރުލުމަކީ ހުސް ބަސްތަކެއް ނޫން. އެއީ ގުޅިގެން މަސައްކަތްކޮށް، ޔޫރަޕުން ދޭ ފައިސާގެ އެހީން ރާއްޖޭގެ ހެލްތު ސެކްޓާ އާއި ޓޫރިޒަމަށް ފައިދާ ކޮށްދިނުމަށް ގުޅިގެން މަސައްކަތް ކުރުން،" އޭނާ ވިދާޅުވި ކަމަށް އީޔޫގެ ބަޔާނުގައި ވެ އެވެ.

ކޮވިޑް-19 ފެތުރުން ހުއްޓުވަން އެކި ގައުމުތަކުން އެޅި ފިޔަވަޅުތަކާ އެކު، އެއާލައިންތަކުގެ ދަތުރުތައް ހުއްޓުނުއިރު، ޔޫރަޕްގެ ގިނަ އަދަދެއްގެ ޓޫރިސްޓުން ރާއްޖޭގައި ތިއްބެވެ. އެކަމަކު، އޭގެ ތެރެއިން ގިނަ މީހުން މިހާރު ވަނީ އަނބުރާ އެ ގައުމުތަކަށް ގެންގޮސްފަ އެވެ.