Roadha Mihaaru
ރާއީ ވިދާޅުވާ ގޮތުން އަދާލަތަށް ހައްގީ އެންމެ ވަޒީރެއް

ރާއީ ވިދާޅުވާ ގޮތުން އަދާލަތު ޕާޓީ އަށް ހައްގުވަނީ އެންމެ ވަޒީރެއް

03 މާޗް 2020

މި ސަރުކާރު ހިންގާ ކޯލިޝަނުން އަދާލަތު ޕާޓީ އަށް ހައްގުވާ މިންވަރަކީ އެންމެ ވަޒީރެއް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ރާއީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް މިއަދު ރައްދު ދެއްވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

މި ސަރުކާރު ހިންގާ ކޯލިޝަނުން އަދާލަތު ޕާޓީ އަށް ހައްގުވާ މިންވަރަކީ އެންމެ ވަޒީރެއް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ރާއީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް މިއަދު ރައްދު ދެއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޭނާ މިހެން ވިދާޅުވީ، އަދާލަތު ޕާޓީ އަށް ހައްގުވާ މިންވަރު ލިބެންޖެހޭ ކަމަށް، އެ ޕާޓީގެ ރައީސް އިމްރާން ރާއްޖެ ޓީވީގައި ރޭ ވިދާޅުވެފައި ވަނިކޮށެވެ.

އަދާލަތު ޕާޓީގެ ސްލޮޓެއްގައި ޖެންޑާ މިނިސްޓަރު ކަމަށް އައްޔަންކުރެއްވި ޝިދާތާ ޝަރީފް މިދިޔަ މަހު އިސްތިއުފާ ދެއްވުމާ ގުޅިގެން، މިހާރު އެ ޕާޓީ ތަމްސީލު ކުރާ މިނިސްޓަރަކަށް ސަރުކާރުގައި ހުންނެވީ އިމްރާނާއި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އެކަންޏެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ސަރުކާރުގެ ފަރާތުން ވެލިދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު ހުށަހެޅުއްވި، މަތީ ތައުލީމުގެ ބިލްގެ ބަހުސްގައި ރާއީ ވިދާޅުވީ، ސަރުކާރު ގެނައީ އެމްޑީޕީން ކަމަށާއި އެ ޕާޓީގެ މެމްބަރުންނަށް ހައްގުވާ މިންވަރު އަދިވެސް ނުލިބޭ ކަމަށެވެ. އަދާލަތު ޕާޓީގެ ނަން ވިދާޅުނުވެ، އެ ޕާޓީ އަށާއި އިމްރާނަށް ރައްދު ދެއްވަމުން ރާއީ ވިދާޅުވީ "ބައި ހަމަނުވާ ޕާޓީއެއްގެ ވަޒީރަކު" ހައްގު މިންވަރުނުލިބެއޭ ވިދާޅުވުމުން އެއީ ޖޯކެއް ކަމަށެވެ.

"ހައްގު މިންވަރަކީ އެންމެ ވަޒީރެއް. އެ ވަޒީރުކަން އަޅުގަނޑުމެން އޮންނާނީ ދީފައި،" އިމްރާނާއި އަދާލަތު ޕާޓީ އަށް އިޝާރާތް ކުރައްވައި ރާއީ ވިދާޅުވި އެވެ.

ރާއީ، މިދިޔަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކާމިޔާބު ކުރެއްވީ، އަދާލަތު ޕާޓީގެ ޓިކެޓްގައި މަކުނުދޫ ދާއިރާ އަށް ނުކުންނެވި އެ ދާއިރާގެ އޭރުގެ ވެސް މެމްބަރު އަނާރާ ނައީމް ބަލިކުރެއްވުމަށް ފަހު އެވެ.

ރާއީ ވިދާޅުވި ގޮތުގައި، މި ސަރުކާރު ހިންގާ ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީ އަށް ވެސް ހައްގުވާ މިންވަރު ލިބުނު ކަމަށް އެ ޕާޓީގެ ލީޑަޝިޕާއި މެމްބަރުން ގަބޫލެއް ނުކުރެ އެވެ. އެހެންވީމާ އެމްޑީޕީ ގާތުގައި ހައްގު މިންވަރޭ ކިޔައިގެން ވާހަކަ ނުދެއްކޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހައްގު މިންވަރަކީ އެންމެ ވަޒީރެއް. އެ ވަޒީރުކަން އަޅުގަނޑުމެން އޮންނާނީ ދީފައި،" ރާއީ

"މި ސަރުކާރުގެ ވަޒީރަކު އަރާ މިކަހަލަ ވާހަަކަ ދެއްކުމަކީ ނުހަނު ހުތުރު ވެރިކަމެއް،" މި ސަރުކާރު ވެރިކަމަށް ގެނައުމަށް އެންމެ ބުރަކޮށް މަސައްކަތް ކުރެއްވި އެއް ލީޑަރު އިމްރާނަށް އަމާޒު ކުރައްވައި ރާއީ ވިދާޅުވި އެވެ.

ސަރުކާރުގައި މިހާރު ތިއްބެވީ އަދާލަތު ޕާޓީގެ އެންމެ ދެ ވަޒީރުންކަން ފާހަގަ ކުރައްވަމުން، ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި އިމްރާން ރޭ ވިދާޅުވީ އުފެދުނު ބޮޑު ނުތަނަވަސްކަމެއްގެ ތެރެއިން ޝިދާތާ އިސްތިއުފާ ދެއްވި ނަމަވެސް، އޭގެ ހުރިހާ ޒިންމާ އޭނާގެ ބޮލުގައި ނޭޅުއްވޭނެ ކަމަށެވެ. އެގޮތުން ޝިދާތާގެ އިހުމާލު ނުހިމެނޭ ދެކަމެއް އޭނާގެ ބޮލުގައި އެޅުއްވުނު ކަމަށް ވިދާޅުވި އެވެ.

އިމްރާން ވިދާޅުވި ގޮތުގައި މަގާމަށް މީހަކު އައްޔަން ކުރެއްވުމުގެ ކުރިން އެކަމާ ގުޅޭގޮތުން ރައީސް އޭނާއާ މަޝްވަރާ ކުރެއްވި އެވެ. އަދި އަދާލަތަށް ކޯލިޝަންގެ ތެރެއިން ހައްގުވާ މިންވަރު ހޯދައިދިނުމަށް ގޮތްތަކެއް ރާއްވަވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި ކަމަށް އިމްރާން ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރައީސް އެގޮތަށް ކަންތައް ކުރައްވާނެ. އަދި އެކަމަށް ވަގުތުކޮޅެއް ނަގާނެ ކަމަށް ވެސް ބެލެވޭ،" އޭނާ ވިދާޅުވި އެވެ.

އިމްރާން، ރޭ ދެއްކެވި ވާހަކަތަކާ ގުޅިގެން، އެއް އިރެއްގައި އޭނާގެ އެންމެ ގާތް ބޭފުޅެއްގެ ގޮތުގައި ހުންނެވި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، އަދާލަތު ޕާޓީ އަށް ވުރެ އެމްޑީޕީ އިސްކުރައްވައި އިމްރާން ގޯސް ފިޔަވަޅުތަކެއް އަޅުއްވާފައިވާ ކަމަށެވެ.