Roadha Mihaaru
މިނިމަމް ވޭޖާ ގުޅިގެން ވޭޖް އެޑްވައިޒަރީ ބޯޑާ ބައްދަލުކުރަނީ

ކުޑަ އުޖޫރައާ މެދު ގޮތެއް ނިންމަން، އިގުތިސޯދީ ކޮމިޓީން ވޭޖް އެޑްވައިޒަރީ ބޯޑާ ބައްދަލުކުރަނީ

03 މާޗް 2020

މިނިމަމް ވޭޖް ނުވަތަ އެންމެ ކުޑަ އުޖޫރަ ދޭނެ އުސޫލެއް ކަނޑައެޅުމާ ބެހޭ ގޮތުން ސަރުކާރުން ތައްޔާރު ކޮށްފައިވާ ރިޕޯޓާ ގުޅިގެން ވޭޖް އެޑްވައިޒަރީ ބޯޑާ ބައްދަލު ކުރަން ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީން މިއަދު ނިންމައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މިނިމަމް ވޭޖް ނުވަތަ އެންމެ ކުޑަ އުޖޫރަ ދޭނެ އުސޫލެއް ކަނޑައެޅުމާ ބެހޭ ގޮތުން ސަރުކާރުން ތައްޔާރު ކޮށްފައިވާ ރިޕޯޓާ ގުޅިގެން ވޭޖް އެޑްވައިޒަރީ ބޯޑާ ބައްދަލު ކުރަން ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީން މިއަދު ނިންމައިފި އެވެ.

ރާއްޖޭގައި މިނިމަމް ވޭޖުގެ ގޮތުގައި 6،400ރ. ހަމަޖެއްސުމަށް މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލަށް ހުށަޙެޅުމާ ގުޅިގެން އޭނާ ވަނީ އެކަމުގައި އެންމެ ފަހުގެ ގޮތް ނިންމަން ރައްޔިތުންގެ މަޖިލީހުގެ ލަފައަަކަށް އެދިވަޑައިގެންފަ އެވެ. އެހެންވެ، މަޖިލީހުގެ އިގްތިސޯދީ ކޮމިޓީން މިހާރު އަންނަނީ މިނިމަމް ވޭޖާ ގުޅޭ ގޮތުން ދިރާސާ ކުރަން ފަށައިފަ އެވެ.

މިއަދު އޮތް އިގްތިސާދީ ކޮމިޓީގެ ބައްދަލުވުމުގައި، އެޑްވައިޒަރީ ކޮމިޓީއާ ބައްދަލު ކުރުމަށް ހުށަހެޅުއްވި ދުވާފަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިސްމާއިލް އަހުމަދު ވިދާޅުވީ، މިނިމަމް ވޭޖާ ގުޅޭ ގޮތުން ހުށަހަޅާފައިވާ ރިޕޯޓުން ވަރަށް ގިނަ މައުލޫމާތުތަކެއް އެނގޭ ކަމަށެވެ. އެގޮތުން، އެ ރިޕޯޓު އެކުލަވާލައިފައި ވަނީ ވޭޖް އެޑްވައިޒަރީ ބޯޑާއި އިންޓަނޭޝަނަލް ލޭބާ އޮގަނައިޒޭޝަން (އައިއެލްއޯ) އާއި ޓޫރިސްޓް ރިސޯޓުތަކާއި ކޮންސްޓްރަކްޝަން ދާއިރާ އާއި ކުދި ވިޔަފާރިތަކާ އެކު ވެސް މަޝްވަރާ ކޮށްފައި ކަމަަށް އޭނާ ވިދާޅުވި އެވެ. އެހެން ކަމުން ކޮމިޓީ އަށް އިތުރު ބަޔަކު ގެންގޮސް މިކަން ދިރާސާ ކުރުމުގެ ބޭނުމެއް ނުވިސްނޭ ކަމަށް އިސްމާއިލް ވިދާޅުވި އެވެ.

"ހުރިހާ ތަނަކާ މަޝްވަރާކޮށް، އެކުލަވައިލާފައިވާ ރިޕޯޓެއް މަޖިލީހަށް މިހާރު ހުށަހަޅާފައި މި އޮތީ. މިއީ މަޝްވަރާއެއް ނުކޮށް މޭޒެއް ކައިރީ ތިބެ، ނޫނީ މަދު ބައެއްގެ މެދުގައި ގޮތް ނިންމާފައި އޮތް ރިޕޯޓެއް ނޫން މިއީ،" އޭނާ ވިދާޅުވި އެވެ.

އިސްމާއިލް ވިދާޅުވި ގޮތުގައި، ކުދި ވިޔަފާރިތަކުގެ މިނިމަމް ވޭޖެއްގެ ގޮތުގައި 6،400ރ. ކަނޑައަޅައިފި ނަމަ އެ ކުންފުނިތަކަށް ލިބޭނެ ގެއްލުންތައް ވެސް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ. އެފަދަ ކުދި ވިޔަފާރިތަކަށް މިނިމަމް ވޭޖުގެ ގޮތުގައި 4،000ރ. އާއި 4،900ރ. ގެ އަދަދެއް ކަނޑައެޅުމަކީ އެކަށީގެންވާ އުޖޫރައެއްގެ ގޮތުގައި އެފަދަ ވިޔަފާރިތަކުން ފާހަގަކޮށްފައި އޮތް ކަމަށް އޭނާ ވިދާޅުވި އެވެ..

މިހާ ތަފްސީލު ރިޕޯޓެއް ދިރާސާ ކުރުމުގައި، މި ރިޕޯޓު އެކުލަވައިލި ޓީމާ އެކު މަޝްވަރާތައް ކުރުން މުހިއްމު ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ބައްދަލުވުމަށް ފަހު، އިތުރު ބައެއްގެ ފަރާތުން މައުލޫމާތު ބޭނުން ނަމަ އެކަން ވެސް ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

"ހުރިހާ ތަނަކާ މަޝްވަރާކޮށް، އެކުލަވައިލާފައިވާ ރިޕޯޓެއް މަޖިލީހަށް މިހާރު ހުށަހަޅާފައި މި އޮތީ. މިއީ މަޝްވަރާއެއް ނުކޮށް މޭޒެއް ކައިރީ ތިބެ، ނޫނީ މަދު ބައެއްގެ މެދުގައި ގޮތް ނިންމާފައި އޮތް ރިޕޯޓެއް ނޫން މިއީ،" ދުވާފަރު މެމްބަރު އިސްމާއިލް

މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވީ، ހުރިހާ ދާއިރާތަކަށް އެއް މިންގަނޑަކުން އެންމެ ކުޑަ އުޖޫރަ ކަނޑަނޭޅެނީ، ސްކިލްޑް އަދި އަން-ސްކިލްޑް މަސައްކަތްތެރިން، މަސައްކަތުގެ މާހައުލުގައި އުޅޭތީ ކަމަށާއި މިކަން ކުރަނީ ގައުމުގެ އުފެއްދުންތެރިކަން އިތުރު ކުރަން ކަމަށެވެ.

"މިސާލަކަށް ސްޓޫޑެންޓެއް އެއްގަޑި ދެ ގަޑި އިރު ލައިބްރަރީއެއްގައި މަސައްކަތް ކުރަނީ. އޭނާ ދެ ތިން ގަޑިއިރަށް މަސައްކަތް ކުރީމާ، އެނގެން ބޭނުންވާނެ ކިހާވަރެއްތޯ ލިބޭނީ. ނުވަތަ ވަޑިއެއް. އޭނަ ބޭނުންވާނީ، އޭނާ ކުރާ މަސައްކަތަކުން ލިބެނީ ކިހާ ވަރެއްތޯ،" ބޮންޑޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ރިޕޯޓުގައި ކަނޑައަޅާފައިވާ އެންމެ ކުޑަ އުޖޫރައަށް ވުރެ ގިނައިން މިހާރު ވެސް ގިނަ ވިޔަފާރިތަކާއި ކުންފުނިތަކުން ވެސް އުޖޫރަ ދެ އެވެ. އެހެންކަމުން، މިގޮތަށް އުޖޫރަ ކަނޑައެޅުމުން، އިންޑަސްޓްރީތަކަށް ގެއްލުމެއް ނުވާނެ ކަމަށް ވިދާޅުވި އެވެ.

މާވަށު ދާއިރާގެ މެމްބަރު އަދި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ވިދާޅުވީ، އިންޑަސްޓްރީތަކުން މިހާރު ވެސް ބޮޑު އުޖޫރައެއްދޭ ނަމަ، މިނިމަން ވޭޖުގެ ގޮތުގައި އަދަދެއް ކަނޑައެޅުމުގެ ބޭނުމެއް ނެތް ކަމަށެވެ.

މިލަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ރިޒާ ވިދާޅުވީ، އިމާރާތް ކުރުމުގެ ދާއިރާގައި މަސައްކަތް ކުރާ ކޮންމެ މީހަކަށް ވެސް އެވްރެޖުކޮށް 15،000ރ. ވަރު ލިބޭނެ ކަމަށެވެ. ނަމަވެސް، އެހެން ދާއިރާތައް ކަމުގައިވާ ރިސޯޓުތަކުގެ މުވައްޒަފުން 15 އަހަރު ވަންދެން މަސައްކަތް ކުރި ނަމަވެސް، މުސާރައިގެ ގޮތުގައި 180 ޑޮލަރާއި 250 ޑޮލަރާ ދެމެދު ލިބޭ ކަމަށް ވިދާޅުވި އެވެ،

"10 އަހަރު 15 އަހަރު ވާ އިރު އެ މީހެއްގެ މުސާރަ އަށް އިތުރުވަނީ 50 ވަރަކަށް ޑޮލަރު. އޭގެ މާނަ އަކީ 300 ޑޮލަރު ވެސް ހަމައެއް ނުވެއޭ. 5،000ރ. ވެސް ނުލިބެއޭ. އެހެންވީމާ އެ ބޭފުޅުންނަށް އެބަޖެހޭ ގޮތްތައް ހޯއްދަވައި ދެއްވަން،" އަލީ ރިޒާ ވިދާޅުވި އެވެ.

އިކޮނޮމިކް މިނިސްޓަރަށް މިނިމަމް ވޭޖް ބޯޑުން ލަފާ ދީފައި ވަނީ މިނިމަމް ވޭޖްގެ ގޮތުގައި 6،400ރ. ކަނޑައެޅުމަށެވެ. އައިއެލްއޯ އިން ލަފާ ދިނީ ރާއްޖޭގެ މިނިމަމް ވޭޖަކީ 6،000ރ. އާއި 6،500ރ. އާ ދެމެދުގެ އަދަދެއް ކަނޑައެޅުމަށެވެ.