Roadha Mihaaru
ޔޫސަބަލް ރިޒާވުގައި 300 މިލިއަން ޑޮލަރު އެބަހުރި

ޔޫސަބަލް ރިޒާވުގައި 300 މިލިއަން ޑޮލަރު އެބަހުރި: ފައްޔާޒު

13 ޖޫން 2022

ރާއްޖޭގެ ޔޫސަބަލް ރިޒާވުގައި ހުރީ ކިހާވަރެއް ކަން އެމްއެމްއޭއިން އާންމުކޮށްފައިވާ އެންމެފަހުގެ ޑޭޓާތަކުން ސާފުކޮށް އެނގެން އެބަހުރި ކަމަށާއި މި ވަގުތު ޔޫސަބަލް ރިޒާވް ނުވަތަ އަތްލެވޭ ގޮތަށް 300 މިލިއަން ޑޮލަރު އެބަހުރި ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރާއްޖޭގެ ޔޫސަބަލް ރިޒާވުގައި ހުރީ ކިހާވަރެއް ކަން އެމްއެމްއޭއިން އާންމުކޮށްފައިވާ އެންމެފަހުގެ ޑޭޓާތަކުން ސާފުކޮށް އެނގެން އެބަހުރި ކަމަށާއި މި ވަގުތު ޔޫސަބަލް ރިޒާވް ނުވަތަ އަތްލެވޭ ގޮތަށް 300 މިލިއަން ޑޮލަރު އެބަހުރި ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.

ޔޫސަބަލް ރިޒާވުގައި ހުންނަ ފައިސާގެ އަދަދު ވަކިން އާންމުކުރުން 2018 ވަނަ އަހަރުން ފެށިގެން މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ވަނީ ހުއްޓާލައިފަ އެވެ. އެ މައުލޫމާތު ވަކިން އާންމުކުރުން އެ އަހަރުން ފެށިގެން ހުއްޓާލީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ކަނޑައެޅި އާ މިންގަނޑާ ފެއްތުމުގެ ގޮތުން ކަމަށް އެމްއެމްއޭއިން ބުނެ އެވެ.

އެކަމަކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންމެފަހުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ޔޫސަބަލް ރިޒާވަކީ މިހާރު އާންމުކުރާ މައުލޫމާތެއް ނޫން ކަމަށް ވިދާޅުވުމުން، އާންމުންގެ ބޮޑު ފާޑުކިޔުމެއް ސަރުކާރަށާއި އެމްއެމްއޭ އަށް ވެސް އަމާޒުވި އެވެ. އަދި ރާއްޖޭގެ އިގުތިސާދު ނުރައްކާތެރި ފައްތަރެއްގައި އޮތް ކަމަށް ބުނާ މި ދަނޑިވަޅުގައި އެމްއެމްއޭ ހިމޭނުން އޮންނާތީ ވެސް އާންމުން ފާޑުކިޔެވެ.

ދައުލަތުގެ ދަރަނި މެނޭޖުކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މާއްލިއްޔަތު ކޮމެޓީން، ފިނޭންސް މިނިސްޓްރީ އާއި އެމްއެމްއޭ އަދި އިކޮނޮމިކް މިނިސްޓްރީއާ އެކު މިއަދު ބޭއްވި ބައްދަލުވުމުގައި ފައްޔާޒު ވިދާޅުވީ އެމްއެމްއޭ އަކީ ކުޅޭކުޅޭ ތަނެއް ނޫން ކަމަށާއި ބަޔަކު ސިޔާސީ ބޭނުމަކަށް އެއްޗެއް ބުނެލާއިރަށް އެ އިދާރާ އިން ބަޔާން ނެރެން ވެއްޖެ ނަމަ، އެކަމުން މުޅި އިގްތިސާދަށް ނުބައި އަސަރެއް ކުރާނެ ކަމަށެވެ.

"އެހެންވެ، އަޅުގަނޑަށް ރަނގަޅު އެމްއެމްއޭ އިން އެ ގެންގުޅޭ އުސޫލު،" ފައްޔާޒު ވިދާޅުވި އެވެ.

އެމްއެމްއޭއިން "އިންޓަވީން" ކުރަންޖެހޭ ހާލަތެއް ނެތް: ގަވަރުނަރު

އެކަމާ ގުޅޭ ގޮތުން މެމްބަރުން ކުރެއްވި ސުވާލުތަކަކަށް ޖަވާބު ދެއްވަމުން އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ، އެމްއެމްއޭ އިން "އިންޓަވީން" ކުރާނީ މާކެޓަށް ވަރަށް ބޮޑު ގޮންޖެހުމެއް އަންނަ ނަމަ އެއަށް ކަމަށާއި ރާއްޖޭގައި އަދި އެފަދަ ހާލަތެއް ނެތް ކަމަށެވެ.

"މާކެޓަށް އެ އަންނަ ކޮންމެ ގެއްލުމެއް ނުވަތަ ކޮންމެ ގުޑުމެއް، ކޮންމެ ބަހެއް، އެއަށް އެމްއެމްއޭ އިން ޖަވާބުދާރީވެފައި އެއްޗެއް ދަންނަވަން، އެއެއް ނޫން މާކެޓުގައި އަޅުގަނޑުމެން ކުރާ ކަމަކީ. އަޅުގަނޑުމެން ޕަބްލިޝްކުރަން ޑޭޓާ. އެ އޮތީ ހުރިހާ ޑޭޓާއެއް، އެންމެފަހު ޑޭޓާ ވެސް މިހާރު ހުންނާނީ ޕަބްލިޝްކޮށްފައި. އެ ޑޭޓާ އިން އެބަ ދައްކާ ސްޓެބިލިޓީ ހުންނާނެ ކަން ނުވަތަ ނޫން ކަން،" ގަވަރުނަރު ވިދާޅުވި އެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މާއްލިޔަތު ކޮމެޓީގެ ބައްދަލުވުން: ރާއްޖޭގެ ދަރަނި މެނޭޖުކުރަން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ކުރާ މަސައްކަތްތަކާ ގުޅޭ ގޮތުން ސުވާލުކުރި -- ފޮޓޯ: ނިޝާން އަލީ | މިހާރު

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މާއްލިޔަތު ކޮމެޓީގެ ބައްދަލުވުން: ރާއްޖޭގެ ދަރަނި މެނޭޖުކުރަން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ކުރާ މަސައްކަތްތަކާ ގުޅޭ ގޮތުން ސުވާލުކުރި -- ފޮޓޯ: ނިޝާން އަލީ | މިހާރު

އޭނާ ވިދާޅުވި ގޮތުގައި، ޔޫސަބަލް ރިޒާވު ވަކިން އާންމުކުރުން ހުއްޓާލީ އައިއެމްއެފުން އެގޮތަށް އިރުޝާދުދިނުުމުން ކަމަށާއި، އެކަމަކު، އެ އަދަދު ބަލަން ބޭނުން ނަމަ، އެމްއެމްއޭއިން އާންމުކޮށްފައިވާ ޑޭޓާތަކުން އެ އަދަދު މިހާރު ވެސް ހިސާބުކޮށްލެވިދާނެ ކަމަށެވެ.

"2018 ގައި އައިއެމްއެފުން އިރުޝާދު ދެނީ، [ޔޫސަބަލް ރިޒާވަކީ] އެ ބޭފުޅުން ވަރަށް ކުރީގައި ގެންގުޅުނު މެޝާއެއް ކަމަށް، މިހާރު އެ މެޝާ ދޫކޮށް އެކި ގައުމުތައް ކޮމްޕެއާކުރާއިރު، އެއީ ގެންގުޅޭ މެޝާއެއް ނޫން ކަމަށް. އަޅުގަނޑުމެން އާ މިންގަނޑަކަށް ދާށޭ، އެހެންވެ އެ މިންގަނޑާ އެއްގޮތަށް އެ އޮތީ ޑާޓާ ޕަބްލިޝްކޮށްފައި،" ގަވަރުނަރު ވިދާޅުވި އެވެ.

ގަވަރުނަރުގެ އެ ވާހަކަތަކަށް ބާރުދެއްވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ ޔޫސަބަލް ރިޒާވުގައި ހުރީ ކިހާވަރެއް ކަން، އެމްއެމްއޭ އިން އާންމުކޮށްފައި ޑޭޓާތަކުން އޭނާ ވެސް ބެއްލެވި ކަމަށެވެ.

"ޑޭޓާ އެ އޮތީ އަވައިލެބަލްކޮށް. އަޅުގަނޑު ބަލާލިން ޔޫސަބަލް ރިޒާވުގައި ހުރީ ކިހާވަރެއްތޯ. 300 އެއްހާ މިލިއަން ޑޮލަރު ޔޫސަބަލް ރިޒާވުގައި އެބަހުރި. ކޮންމެ ބޭފުޅަކަށް ވެސް އަމިއްލަ އަށް ކަލްކިއުލޭޓް ކޮށްލެވޭނެ އިނގޭތޯ،" މިނިސްޓަރު ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި އެ ތިން އިދާރާއިން ވެސް ވަނީ ރާއްޖޭގެ ރަސްމީ ރިޒާވް ހުސްވެ، ޑިފޯލްޓް ވެދާނެ ކަމަށް ބުނެ ދެއްކެވޭ ވާހަކަތައް ދޮގުކޮށްފަ އެވެ. އަދި ރާއްޖޭގެ އިގުތިސާދަށް މި ވަގުތު ބައެއް ގޮންޖެހުންތަކެއް ހުއްޓަސް، ދަރަނި ދެއްކުމުގެ ގާބިލުކަން ވެސް އެބަހުރި ކަން ފާހަގަކުރި އެވެ.

ރާއްޖޭގެ ރަސްމީ ރިޒާވްގައި މާޗް މަހުގެ ނިޔަލަށް ހުރީ 865 މިލިއަން ޑޮލަރު ކަމަށް ފިނޭންސް މިނިސްޓްރީން އާންމުކުރި އެންމެފަހުގެ ތަފާސްހިސާބުތަކުގައިވެ އެވެ. މި އަހަރުގެ ފުރަތަމަ ތިން މަހު ނެގި ދަރަންޏާ އެކު، ދައުލަތުގެ ދަރަނި 99 ބިލިއަން ރުފިޔާ އަށް އަރާނެ އެވެ.