Roadha Mihaaru
މިނިމަމްވޭޖަށް 10،000ރ. ކަނޑައަޅަން ހުށަހަޅައިފި

މިނިމަމް ވޭޖުގެ ގޮތުގައި 10،000ރ. ކަނޑައަޅަން ޝިޔާމް ހުށަހަޅުއްވައިފި

03 މާޗް 2020

އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި 10،000ރ. ކަނޑައެޅުމަށް ނައިފަރު ދާއިރާގެ މެމްބަރު އަދި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ރައްޔިތުންގެ މަޖިލީހުގެ އިގުތިސޯދީ ކޮމިޓީ އަށް މިއަދު ހުށަހަޅުއްވައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި 10،000ރ. ކަނޑައެޅުމަށް ނައިފަރު ދާއިރާގެ މެމްބަރު އަދި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ރައްޔިތުންގެ މަޖިލީހުގެ އިގުތިސޯދީ ކޮމިޓީ އަށް މިއަދު ހުށަހަޅުއްވައިފި އެވެ.

ރާއްޖޭގައި މިނިމަމް ވޭޖުގެ ގޮތުގައި 6،400ރ. ހަމަޖެއްސުމަށް މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުން ވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލަށް ލަފާ ދީފަ އެވެ. ނަމަވެސް އޭނާ ބޭނުންވަނީ ރައްޔިތުންގެ މަޖިލީހުގެ ލަފާގެ މަތިން އެކަމުގައި އެންމެ ފަހުގެ ގޮތް ނިންމެވުމަށެވެ. އެ މައްސަލައިގައި މަޖިލީހުގެ ލަފައަކަށް ފައްޔާޒް އެދިވަޑައިގަތުމާ ގުޅިގެން، އިގުތިސޯދީ ކޮމިޓީން މިހާރު އަންނަނީ މިނިމަމް ވޭޖާ ގުޅޭ ގޮތުން ދިރާސާ ކުރަން ފަށައިފަ އެވެ.

މިނިމަމް ވޭޖާ ގުޅޭ ގޮތުން މިއަދު ބޭއްވި އިގުތިސާދީ ކޮމިޓީގެ ބައްދަލުވުމުގައި އިދިކޮޅު މެމްބަރު ޝިޔާމް ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގަތުމަށް ކުރެއްވި ކެމްޕެއިނަށް ދަމާފައި ހުރި ބެނާތަކުގައި، އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 10،000ރ. ދޭނެ ވާހަކަ ބުނެފައި އޮތް ކަމަށެވެ. އެހެންވެ، އެކަން އެގޮތަށް ކުރުމަށް އޭނާ ހުށަހެޅުއްވި އެވެ.

"އަޅުގަނޑު މި އުޅެނީ ސަރުކާރުގެ ވައުދެއް ފުއްދައި ދިނުމަށްޓަކައި އެހީތެރިވާން. އަޅުގަނޑުމެން ކީއްވެގެންތޯ ސެކްޓޯރަލް ޑިފަރެންސަސް [ދާއިރާތަކުގެ ތަފާތު] ތައް މި ކަމުގައި ގެންގުޅެންވީ. އެކި ސެކްޓާތަކަށް އެކި ވަރު ދޭންވީ. ދާއިރާތައް ތަފާތު ކުރުމުގެ ވިސްނުން ގެންގުޅެންވީ. އެހެންވީމާ ސަރުކާރުން ވައުދުވި ގޮތަށް، އަޅުގަނޑު ހުށަހަޅަން ހުރިހާ ސެކްޓާތަކަށް 10،000ރ. މިނިމަމް ވޭޖެއްގެ ގޮތުގައި ކަނޑައަޅަން. އޭރުން ކަންނޭނގޭ ސަރުކާރުގެ ވައުދު ފުއްދޭނީ،" އޭނާ ވިދާޅުވި އެވެ.

ޝިޔާމްގެ މި ހުށަހެޅުއްވުމަށް މާވަށު ދާއިރާގެ މެމްބަރު އަދި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދުގެ ތާއީދު ލިބިވަޑައިގަތެވެ.

ނަމަވެސް، ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ އަޣުލަބިއްޔަތު އޮންނަ އިގުތިސޯދީ ކޮމިޓީގެ ތާއީދެއް ޝިޔާމަކަށް ލިބިވަޑައެއް ނުގެންނެވި އެވެ.

ކޮމިޓީގައި ތިއްބަވާ އެމްޑީޕީގެ މެމްބަރުން ވިދާޅުވީ، މިނިމަމް ވޭޖާ ގުޅޭ ގޮތުން އިކޮނޮމިކް މިނިސްޓްރީން އެދިފައި ވަނީ ކޮމިޓީގެ ހިޔާލަކަށް ކަމަށާއި ޝިޔާމް ހުށަހެޅުއްވި ގޮތަށް އަގުތަކެއް ހުށަނޭޅުއްވޭނެ ކަމަށެވެ.

އެކަމަކު، މިނިމަމް ވޭޖު ކަނޑައެޅުމާ ގުޅޭ ގޮތުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް، މަޖިލީހުގެ ލަފައަކަށް އެދިވަޑައިގަތުމުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވިދާޅުވީ، އިގުތިސޯދީ ކޮމިޓީން އަދަދެއް ކަނޑައަޅުއްވަން ޖެހޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

"އަޅުގަނޑު މި އުޅެނީ ސަރުކާރުގެ ވައުދެއް ފުއްދައި ދިނުމަށްޓަކައި އެހީތެރިވާން. އަޅުގަނޑުމެން ކީއްވެގެންތޯ ސެކްޓޯރަލް ޑިފަރެންސަސް [ދާއިރާތަކުގެ ތަފާތު] ތައް މި ކަމުގައި ގެންގުޅެންވީ. އެކި ސެކްޓާތަކަށް އެކި ވަރު ދޭންވީ. ދާއިރާތައް ތަފާތު ކުރުމުގެ ވިސްނުން ގެންގުޅެންވީ. އެހެންވީމާ ސަރުކާރުން ވައުދުވި ގޮތަށް، އަޅުގަނޑު ހުށަހަޅަން ހުރިހާ ސެކްޓާތަކަށް 10،000ރ. މިނިމަމް ވޭޖެއްގެ ގޮތުގައި ކަނޑައަޅަން. އޭރުން ކަންނޭނގޭ ސަރުކާރުގެ ވައުދު ފުއްދޭނީ،" ޝިޔާމް

ޝިޔާމް ހުށަހެޅުއްވި ހުށަހެޅުއްވުމާ ގުޅިގެން ދުވާފަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިސްމާއީލް އަހުމަދު ވިދާޅުވީ، މިނިމަމް ވޭޖުގެ ގޮތުގައި ހުރިހާ ސެކްޓަރަކުން 10،000ރ. ނެގުމަށް އެމްޑީޕީގެ ކެމްޕެއިންގައި ބުނެފައި ނުވާނެ ކަމަށެވެ. އަދި ޝިޔާމްގެ ވާހަކަ ދޮގުކުރެއްވި އެވެ.

އިގުތިސޯދީ ކޮމިޓީގެ މުގައްރިރު އަލިފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވީ، ގިނަ މެމްބަރުން އެދިވަޑައިގެންނެވި ގޮތަށް މިހާރު ނިންމާފައި ވަނީ މިނިމަމް ވޭޖާ ގުޅޭ ގޮތުން، ކަމާ ގުޅޭ ފަރާތްތަކާ މަޝްވަރާ ކުރަން ކަމަށެވެ. އެހެންވެ، އެ މަރުހަލާގައި މަސައްކަތް ނުކޮށް، ކުއްލިއަކަށް ވަކި ވަރެއް ކަނޑައެޅުމަކީ އެންމެ ރަނގަޅު ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންވީމާ ގިނަ މެމްބަރުން ވިދާޅުވި ގޮތަށް، އެ ހުށަހެޅުމަށް [ޝިޔާމްގެ ހުށަހެޅުން] ވޯޓަކަށް ނާހާނަން. އަދި މިނިމަމް ވޭޖުގެ މަސައްކަތްތައް ކުރިއަށްދާ ވަރަކުން އެ ހުށަހެޅުން އަލުން އިއްޒަތްތެރި މެމްބަރު [ޝިޔާމް] ހުށަހަޅައިފިއްޔާ ވޯޓައިގެން ކުރިއަށް ދާނަން،" މުގައްރިރު ވިދާޅުވި އެވެ.

ބިގޭ އެހެން ވިދާޅުވެ، ކޮމިޓީ ނިންމަވައިލެއްވުމުން ޝިޔާމް ވަނީ އިދިކޮޅު މެމްބަރުން ކޮމިޓީގައި ތިއްބެވުމުގެ ބޭނުމެއް ނެތް ކަމަށް ވިދާޅުވެ، ނުރުހުން ފާޅުކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ، މުގައްރިރު ކަންތައް ކުރެއްވީ ވަރަށް ގޯސްކޮށް ކަމަށާއި ހުށަހެޅުމަށް ތާއީދު ލިބިފައިވާ އިރު އެ އަށް ވޯޓަށް ނޭއްސެވުމަކީ މައްސަލައެއް ކަމަށެވެ.

"މިހާރު މުގައްރިރު ބޭނުންފުޅުވާ ގޮތަށް ތި ނިންމަވަނީ. އެހެންވީމާ އަޅުގަނޑުމެން މި ކޮމިޓީގައި ތިބުމުގެ ބޭނުމެއް ނެތެއް ނޫންތޯ. އެހެންވީމާ ނައިފަރު ދާއިރާގެ ރައްޔިތުންގެ އަޑު މި ކޮޓީން ކަނޑުވައިލުމަކީ ވަރަށް ބޮޑު މައްސަލައެއް،" ޝިޔާމް ވިދާޅުވި އެވެ.