Roadha Mihaaru
ކުލި ކޮންޓްރޯލްކުރުމަކީ ގަބޫލުކުރާކަމެއް ނޫން: ފައްޔާޒް

ކުލި ކޮންޓްރޯލް ކުރުމަކީ ގަބޫލުކުރާ ކަމެއް ނޫން: ފައްޔާޒު

05 މާޗް 2020

ކުލި ކޮންޓްރޯލް ކުރުމަކީ ގަބޫލުކުރާ ކަމެއް ނޫން ކަމަށާއި ޕްރޮޕަޓީ ރައިޓްސް އާއި އިންޑިވިޖުއަލް ރައިޓްސްއަށް ބަލާއިރު އެކަން ކުރުން ރަނގަޅު ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކުލި ކޮންޓްރޯލް ކުރުމަކީ ގަބޫލުކުރާ ކަމެއް ނޫން ކަމަށާއި ޕްރޮޕަޓީ ރައިޓްސް އާއި އިންޑިވިޖުއަލް ރައިޓްސްއަށް ބަލާއިރު އެކަން ކުރުން ރަނގަޅު ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާ ގުޅޭ ގޮތުން އާންމުންގެ ހިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ބައްދަލުވުމުގައި ފައްޔާޒު ވިދާޅުވީ އަމިއްލަ ފަރާތްތަކަށް ބޭނުންވާ ކުއްޔެއް ކަނޑައެޅުމުގެ ހައްގު އޮންނަންޖެހޭ ކަމަށާއި ނަމަވެސް ސަރުކާރުގެ އިމާރާތެއް ނަމަ އެ ތަންތަނުގެ ކުލި ކުޑަކުރަން އެއްބަސް ކަމަށެވެ.

"އަޅުގަނޑުގެ ގޭގައި އަޅުގަނޑު އަމިއްލައަށް 12 ޕަސެންޓް އިންޓްރެސްޓް ލޯނަށް ދައްކާ އިރު ސަރުކާރަކަށް ބުނެވިގެން ނުވާނެ ވަކި ކުއްޔެއްގައޭ ކުއްޔަށް ދޭން ޖެހެނީ،" އޭނާ ވިދާޅުވި އެވެ.

މިފަދަ ކަންކަމުގައި ވެސް އެކި ފަރާތްތަކުގެ ހިޔާލު ތަފާތުވާނެ ކަމަށާއި އެ ހިޔާލު ތަފާތުވުންތަކާ އެކު ވެސް މެދުމިންވަރެއްގައި އެންމެންގެ ހިޔާލު ޝާމިލުވާނެހެން ކަންކަން ނިންމުމަށް ސަރުކާރުން މަސައްކަތްކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެންމެ ކުޑަ އުޖޫރައާ އެންމެ ކުޑަ އުޖޫރައާ ގުޅިގެން ހިޔާލު ހޯދުމަށް ބޭއްވި ބައްދަލުވުމުގައި ބައެއް ފަރާތްތަކުން ވަނީ، އުޖޫރައެއް ކަނޑައަޅާ އިރު އެންމެ ފުރަތަމަ މާލޭގެ ކުލީގެ އަގު ކޮންޓްރޯލު ކުރުން މުހިއްމު ކަމަށް ބުނެ ވާހަކަދައްކައިފަ އެވެ. ކުއްޔާ ގުޅޭ ގޮތުން ފައްޔާޒު، އޭނާ ދެކޭ ގޮތް ހާމަކުރެއްވީ، އާންމުން ހުށަހެޅި ހިޔާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

މާލޭގައި އަތޮޅު ތެރޭގެ ގިނަ ބަޔަކު ދިރިއުޅޭ އިރު، ލިބޭ ހުރިހާ މުސާރައެއް ކުއްޔަށް ދޭން ޖެހުމުގެ ވާހަކައަކީ އެތައް ބަޔަކު ކުރަމުން އަންނަ ޝަކުވާއެކެވެ. މިދިޔަ ދުވަސްތަކުގައި މާލޭގެ ކުލީގެ މައްސަލަ އަށް އެއްވެސް ހައްލެއް ހޯދިފައެއް ނުވެ އެވެ.