Roadha Mihaaru
ހާސްކަމެއް ނެތް، ކާޑާއި ބޭސް ހުސްނުވެ ލިބޭނެ: އަމްރު

ހާސްކަމެއް ނެތް، ކާޑުގެ ބާވަތްތަކާއި ބޭސް ހުސްނުވެ ލިބޭނެ: އެސްޓީއޯ

05 މާޗް 2020

ދުނިޔޭގައި މިހާރު ހަލުވިކަމާ އެކު ފެތުރެމުންދާ ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން، ރާއްޖެ އިން ކާޑުގެ ބާވަތްތައް ހުސްވެދާނެތީ، ރައްޔިތުން ހާސްވާނެ އެއްވެސް ހާލަތެއް ނެތް ކަމަށާއި ކާޑާއި ބޭހުގެ ބާވަތްތައް ހުސްނުވެ އެސްޓީއޯ އިން ލިބޭނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ދުނިޔޭގައި މިހާރު ހަލުވިކަމާ އެކު ފެތުރެމުންދާ ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން، ރާއްޖެ އިން ކާޑުގެ ބާވަތްތައް ހުސްވެދާނެތީ، ރައްޔިތުން ހާސްވާނެ އެއްވެސް ހާލަތެއް ނެތް ކަމަށާއި ކާޑާއި ބޭހުގެ ބާވަތްތައް ހުސްނުވެ އެސްޓީއޯ އިން ލިބޭނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

ކޮވިޑް-19 އަށް އެސްޓީއޯ އިން ވާ ތައްޔާރީތަކާ ގުޅޭ ގޮތުން، ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ، މަސައްކަތް ކުރަނީ އެންމެ ނުރައްކާތެރި ހާލަތުގައި ވެސް ރައްޔިތުންނަށް ބޭނުންވާ ތަކެތި ލިބޭނެ ގޮތްތަކަށް ބަލައިގެން ކަމަށެވެ. އަދި އެ ފަދަ ހާލަތަކަށް ވެސް އެސްޓީއޯ އޮތީ ތައްޔާރަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮރޯނާވައިރަސް އަކީ ރާއްޖެ އަށް ވެސް އަންނާނެ ރޯގާއެއް ކަމަށް ބަލައިގެން ކަންކަން ކުރައްވަމުން ގެންދަވާ ކަމަށާއި ބޭނުންވާ ވަރަށް ކާޑު ބާވަތްތައް ވެސް އެސްޓީއޯގައި އެބަހުރި ކަމަށް އަމްރު ވިދާޅުވި އެވެ.

"އަދި އެކަމަކު ކޮންމެ ގެ އަކީ ކާޑު ގުދަނަކަށް ހަގީގަތުގައި ހަދާކަށް ޖެހޭ ވަގުތެއް ނޫން މިއީ. އަޅުގަނޑުމެން މިހާރު ވެސް ކާ ގޮތަށް ކާ ކަމަށް ވަނީ ނަމަ އެއްވެސް ކަހަލަ މައްސަލައެއް ދިމަލެއް ނުވާނެ،" އޭނާ ވިދާޅުވި އެވެ.

އަމްރު އެހެން ވިދާޅުވިއިރު، ކޮރޯނާވައިރަސްއާ ގުޅިގެން ކުރިމަތިވެދާނެ ހާލަތަކަށްޓަކައި، ހުސްނުވާ މިންވަރަށް ކާޑު ގެނައުމަށް ގޮވާލައި މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާ އަށް ކުއްލި މައްސަލައެއް ވެސް ހުށަހެޅުއްވި އެވެ.

"އަދި އެކަމަކު ކޮންމެ ގެ އަކީ ކާޑު ގުދަނަކަށް ހަގީގަތުގައި ހަދާކަށް ޖެހޭ ވަގުތެއް ނޫން މިއީ. އަޅުގަނޑުމެން މިހާރު ވެސް ކާ ގޮތަށް ކާ ކަމަށް ވަނީ ނަމަ އެއްވެސް ކަހަލަ މައްސަލައެއް ދިމަލެއް ނުވާނެ،" އަމްރު

އިދިކޮޅު މެމްބަރެއްގެ ގޮތުގައި މަޖިލީހުގައި ތަމްސީލް ކުރައްވާ ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފްގެ އެ ކުއްލި މައްސަލަ މުޅި ގައުމުގެ ސަމާލުކަމަށް އައިސްފައި ވަނިކޮށް، އެސްޓީއޯގެ އެމްޑީ އަމްރު މިއަދު ބޭއްވެވި ނިއުސް ބްރީފިންގައި ވިދާޅުވީ، ކޮވިޑް-19 ބަލީގެ މީހަކު މާލެ އިން ނުވަތަ އަތޮޅު ތެރެއިން ފެނުނަސް އެސްޓީއޯ އިން ކާޑު ވިއްކުން ހުއްޓައެއް ނުލާނެ ކަމަށެވެ. އެހެންވެ، އެ ހާލަތުގައި ވެސް މިހާރެކޭ އެއް އުސޫލަކުން އަތޮޅުތަކަށް ކާޑު ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮވިޑް-19 އާ ގުޅިގެން އިއްޔެ ސޯޝަލް މީޑިއާގައި ފެތުރުނު ވާހަކަތަކާ އެކު، ކާޑުގެ ބާވަތްތައް އާދަޔާ ހިލާފަށް އިތުރަށް މީހުން ގަނެފައިވާ ކަމަށް އެސްޓީއޯ އިން ބުނެ އެވެ.

އަމްރު ވިދާޅުވީ، މާސްކާއި ސެނިޓައިޒާ ވެސް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބޭނުންވާ ވަރަށް އެބަހުރި ކަމަށެވެ.

ސިއްހީ ދާއިރާގެ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުން މާސްކް އަޅަން ޖެހެނީ ބަލި ޖެހޭ މީހުން ކަމަށް ވާއިރު، ބަލި ނުޖެހޭ މީހުން ހުރިހާ މާސްކެއް އަޅައިފި ނަމަ ނުވަތަ ބޮޑު ސްޓޮކެއް ގެންގޮސް ފުރެންދެން ގޭގައި ބަހައްޓައިފި ނަމަ، މައްސަލަތަކެއް ކުރިމަތިވުން އެކަށީގެންވާ ކަމަށް އަމްރު ވިދާޅުވި އެވެ.

އެސްޓީއޯ އިން އަންނަނީ ސެނިޓައިޒާ އާއި މާސްކު ބޭނުންވާ ވަރަށް ބަލައިގެން އެތެރެ ކުރަމުންނެވެ.

މީގެ އިތުރުން ރޯގާއެއް ޖެހިއްޖެ ހާލަތެއްގައި ވެސް ބޭހާއި ކާޑުގެ ބާވަތްތައް ފޯރުކޮށްދިނުމުގައި އެއްވެސް ދަތިކަމެއް ކުރިމަތި ނުވާނެ ގޮތަށް އެސްޓީއޯ އިން ވަނީ ކަންކަން ރާވައިފަ އެވެ. އެ ކުންފުނިން ބުނީ، އިންޑިޔާ އިން ލިމިޓް ކޮށްފައިވާ ބޭސްތައް އެހެން ދިމަދިމާލުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ

ކޮވިޑް-19 ބަލި 95،000 މީހުންނަށް ޖެހިފައިވާ އިރު 3،200 މީހުން ވަނީ މަރުވެފަ އެވެ.