Roadha Mihaaru
އެސްޓީއޯ އާއި އެމްއެންޔޫ ގުޅިގެން ރޭޑިއޮލޮޖީ ކޯހެއް

އެސްޓީއޯ އާއި އެމްއެންޔޫ ގުޅިގެން ރޭޑިއޮލޮޖީ ކޯހެއް

05 އެޕްރީލް 2021

އެސްޓީއޯ އާއި ގައުމީ ޔުނިވާސިޓީ ގުޅިގެން ރޭޑިއޮލޮޖީގެ ޑިޕްލޮމާ ކޯހެއް މިއަދު ތައާރަފުކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އެސްޓީއޯ އާއި ގައުމީ ޔުނިވާސިޓީ ގުޅިގެން ރޭޑިއޮލޮޖީގެ ޑިޕްލޮމާ ކޯހެއް މިއަދު ތައާރަފުކޮށްފި އެވެ.

ފުރަތަމަ ބެޗުގައި 20 ޖާގަ އަށް ހުޅުވައިލާފައިވާ މި ކޯހަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ މަހު ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ.

މި ކޯސް ފެށުމަށް ބޭނުންވާ ލެބޯޓްރީ އާއި ތަމްރީނު މަރުކަޒު ވެސް އެސްޓީއޯއިން ވަނީ ޖެނެރަލް އިލެކްޓްރޯނިކެ ހެލްތު ކެއާއާ ގުޅިގެން ހަދައިފަ އެވެ. މި ސެންޓަރު ހުންނާނީ އެސްޓީއޯގެ ޓްރެއިނިން އިންސްޓިޓިއުޓްގެ ތެރޭގަ އެވެ.

ރޭޑިއޮލޮޖީ ކޯސް ފެށުމަށް ހަދާފައިވާ ޓްރެއިނިން ސެންޓަރުގެ ބައެއް-- ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

ރޭޑިއޮލޮޖީ ކޯސް ފެށުމަށް ހަދާފައިވާ ޓްރެއިނިން ސެންޓަރުގެ ބައެއް-- ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

ކޯސް ރަސްމީކޮށް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ ރޭޑިއޮލޮޖީ ދާއިރާއަކީ ދިވެހިން މަދު ދާއިރާއަކަށް ވުމުން މި ކޯހުގެ ސަބަބުން އެކަން ބަދަލުވާނެ ކަމަށެވެ. މި ކޯހުގެ ސަބަބުން ދިވެހިންނަށް އިތުރު ވަޒީފާގެ ފުރުސަތުތައް ހުޅުވި ބިދޭސީން މިހާރު އަދާކުރާ ވަޒީފާތައް ދިވެހިންނަށް ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ދިވެހިން ދޭ ހިދުމަތާ އެއްވަރަށް ބޭރު މީހުންނަށް ހިދުމަތް ނުދެވޭނެ. އެ އޯގާތެރިކަމާއި އަޅާލުން ނުދެވިދާނެ. އެހެންކަމުން މި ކޯހުގެ ސަބބަުން މި ދާއިރާ އަށް ދިވެހިން ތައާރަފުވެ ހިދުމަތުގެ ފެންވަރު ރަނގަޅު ވާނެ،" ނަސީމް ވިދާޅުވި އެވެ.

ހެލްތު މިނިސްޓަރު ނަސީމް ރޭދިއޮލޮޖީ ކޯހާ ބެހޭ ގޮތުން ވާހަކަ ދައްކަވަނީ-- ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

ހެލްތު މިނިސްޓަރު ނަސީމް ރޭދިއޮލޮޖީ ކޯހާ ބެހޭ ގޮތުން ވާހަކަ ދައްކަވަނީ-- ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވިގޮތުގައި، ރޭޑިއޮލޮޖީ ދާއިރާއިން ދިވެހި ޒުވާނުން ކުރިއެރުވުމަށް ފުރުސަތު ދިނުމަކީ މުހިންމު ކަމެއް ކަށެވެ. އެހެންކަމުން މި ކޯހުގެ ފުރަތަމަ ބެޗުގައި ބައިވެރިވާ ހުރިހާ ކުދިންގެ ފީ ދައްކާނީ އިޖުތިމާއީ ޒިންމާގެ ދަށުން އެސްޓީއޯއިން ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ ޓެކްނިކަލް މަސައްކަތަކަށްވެފައި މުސާރަ ރަނގަޅު ދާއިރާއަކަށް ވުމުން ފުރުސަތު ލިބިއްޖެ ނަމަ ދިވެހިން މި ދާއިރާ އަށް ޝައުގުވެރިވާނެ. ކުރިއަށް އޮތްތާނގައި މި ދާއިރާއިން ގިނަ ދިވެހިން ފެނުމަކީ އަޅުގަނޑުގެ އުއްމީދެއް" އަމްރު ވިދާޅުވި އެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަމްރު ރޭޑިއޮލޮޖީ ކޯހާ ބެހޭގޮތުން މައުލޫމާތު ދެއްވަނީ-- ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަމްރު ރޭޑިއޮލޮޖީ ކޯހާ ބެހޭގޮތުން މައުލޫމާތު ދެއްވަނީ-- ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. މުހައްމަދު ޝަރީފު ވިދާޅުވީ އެ ޔުނިވާސިޓިން މި ކޯސް ކުރިއަށްގެންދާނީ އެންމެ ހަރުދަނާކޮށް ކަމަށެވެ. އަދި މި ކޯސް ނިންމާ ދަރިވަރުން ވެގެންދާނީ ދާއިރާގައި ފުންނާބު އުސް ބަޔަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ގައުމީ ޔުނިވާސިޓީން މިހާރުވެސް އަންނަނީ ސިއްހި ދާއިރާއިން 30 ކޯހެއް ހިންގަމުންނެވެ. މީގެ ތެރޭގައި ނާސިން އާއި ޑޮކްޓަރީ ކޯސް އަދި ފާމަސީ ފަދަ ދާއިރާތައް ހިމެނެ އެވެ.