Roadha Mihaaru
ޝާހިދު، ބްރޫނާއިގެ ރަސްގެފާނާ ބައްދަލުކުރައްވައިފި

ޝާހިދު، ބްރޫނާއިގެ ރަސްގެފާނާ ބައްދަލުކުރައްވައިފި

07 މާޗް 2020

ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ބްރޫނާއީގެ ރަސްގެފާނު ހަސަނުލް ބޮލްކިއާ މުއިއްޒުއްދީންގެ އަރިހަށް މިއަދު އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ބްރޫނާއީގެ ރަސްގެފާނު ހަސަނުލް ބޮލްކިއާ މުއިއްޒުއްދީންގެ އަރިހަށް މިއަދު އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ.

ޝާހިދު، ބްރޫނާއީ އަށް އިއްޔެ ފެއްޓެވި ދަތުރުގައި، އެ ގައުމުގެ ރަސްގެފާނާ އެކު ބޭއްވެވި ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ހެޔޮއެދުންތައް އެރުވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އަދި، ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމާ ގުޅޭ ގޮތުން ދެ ބޭފުޅުން ވާހަކަ ދެއްކެވި އެވެ. މީގެ އިތުރުން، ބްރޫނާއީގެ ސަރުކާރުން ރާއްޖެ އަށް ދޭ ސްކޮލާޝިޕްތަކަށްޓަކައި ޝުކުރު އަދާ ކުރައްވައި، އެ ސްކޮލާޝިޕްތަކުގެ ސަބަބުން ރާއްޖެ އަށް ލިބެމުންދާ ކުރިއެރުން ޝާހިދު ފާހަގަކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ވެ އެވެ

"މީގެ އިތުރުން، ބައިނަލްއަގްވާމީ ވަރަށް ގިނަ މައްސަލަތަކުގައި ރާއްޖެއާ ބްރޫނާއީގެ ވިސްނުން އެއްގޮތް ކަން ފާހަގަކުރައްވައި، މި ކަމުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ވެގެންދާނެ ކަން މިނިސްޓަ ޝާހިދު ފާހަގަކުރެއްވި އެވެ. އަދި އޯ.އައި.ސީގެ މެމްބަރު ގައުމުތަކާ އެކު އޮންނަ ސިޔާސީ އަދި އިގްތިސާދީ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ދިވެހި ސަރުކާރުން އިސްކަމެއް ދެއްވާ ކަމަށް ވެސް މިނިސްޓަ ޝާހިދު ފާހަގަކުރެއްވި އެވެ،" ބަޔާނުގައި ބުންޏެވެ.

އަދި ދެ ގައުމަކީ ވެސް ކޮމަންވެލްތުގެ މެމްބަރު ގަމުތައް ކަމަށް ވުމުން، ބައިނަލްއަގްވާމީ ދާއިރާތަކުގައި ގުޅިގެން މަސައްކަތް ކުރުމާ ގުޅޭ ގޮތުން ވެސް ރަސްގެފާނާ އެކު ޝާހިދު މަޝްވަރާ ކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.

ރާއްޖެ އާއި ބްރޫނާއީއާ ދެމެދު ސިޔާސީ ގުލުން ގާއިމްކުރީ މާޗް 31، 1984 ގަ އެވެ. އެކަމަކު، ދެ ގައުމުގެ ގުޅުމަށް ދޭންޖެހޭ މިންވަރަށް 1999 ވަނަ އަހަރުން ފެށިގެން އަޅައިނުލެވޭ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުންޏެވެ.

"އެ ގޮތުން މިދިޔަ 21 އަހަރުގެ ތެރޭގައި ދެ ގައުމުގެ މަތީ ލެވެލްގެ އެއްވެސް ބޭފުޅަކު އެއް ގައުމުން އަނެއް ގައުމަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެއް ނުވެ އެވެ،" ޝާހިދުގެ ދަތުރާ ގުޅުވައިގެން ފޮރިން މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ވެ އެވެ.

ބްރޫނާއީގެ މިނިވަންކަން ފާހަގަކުރުމަށް 1987 ގައި ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ބައިވެރިވެވަޑައިގަތެވެ. އަދި އިސްލާމީ މަރުކަޒު ބިނާކުރުމަށް ބްރޫނާއީން ތިން މިލިއަން ޑޮލަރުގެ އެހީއެއް ދީފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ބްރޫނާއީގައި މިހާރު ވެސް ރާއްޖޭގެ ފަސް ދަރިވަރަކު ކިޔަވަމުންދެ އެވެ.