Roadha Mihaaru
ގަތަރާ ގުޅުން ކަނޑާލީ އެރި ފޯރިއެއްގައި: ޝާހިދު

ގަތަރާ ގުޅުން ކަނޑާލީ އެރި ފޯރިއެއްގައި، ގުޅުން ބަދަހިކުރަން މަސައްކަތް ކުރަން: ޝާހިދު

31 ޖުލައި 2019

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި، ގަތާރާ އެކު އޮތް ގުޅުން ކަނޑާލީ އޭރު އެރި "ފޯރިއެއްގައި" ކަމަށާއި އެ ގައުމާ އެކީގައި އަލުން ގުޅުން ގާއިމް ކުރުމަށް ދިރާސާތައް ކުރަމުން އަންނަ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރައްޔިތުންގެ މަޖިލީހުގައި މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި، ގަތާރާ އެކު އޮތް ގުޅުން ކަނޑާލީ އޭރު އެރި "ފޯރިއެއްގައި" ކަމަށާއި އެ ގައުމާ އެކީގައި އަލުން ގުޅުން ގާއިމް ކުރުމަށް ދިރާސާތައް ކުރަމުން އަންނަ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރައްޔިތުންގެ މަޖިލީހުގައި މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖެ އާއި ގަތަރާ އަލުން ގުޅުން ގާއިމް ކުރުމަކީ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. އެކަމަކު، މި ސަރުކާރަށް އަށް މަސް ވީ އިރު ވެސް އަދި އެކަމެއް ނުކުރެވެ އެވެ.

ގަތަރާ އަލުން ގުޅުން ބަދަހި ކުރުމުގެ މަސައްކަތް ކުރިއަށް ދޭތޯ އާއި އެ ގައުމާ ގުޅުން ބަދަހި ކުރުމަކީ މި ސަރުކާރުގެ ހާރިޖީ ސިޔާސަތުގައި ހިމެނޭ ކަމެއްތޯ ބެލުމަށް ކާށިދޫ ދާއިރާގެ އަމިއްލަ މެމްބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ޝާހިދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެންނެވި އިރު، ރާއްޖެ އޮތީ ބޭރުގެ ގައުމުތަކާ ބިކަވެ، ބާކީވެ، އެކަހެރިވެފައި ކަމަށެވެ.

ރާއްޖެ އަށް އޮތް އިހްތިރާމް ގެއްލި، ގަދަރު ކެނޑިފައި އޮއްވައި މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދިނީ ރާއްޖެ އަލުން ބައިނަލްއަގްވާމީ ދާއިރާގައި ސާބިތުވެ، ރާއްޖެ އަށް ހައްގު ޝަރަފާއި އިހްތިރާމް ހޯދުން ކަމަށް އޭނާ ވިދާޅުވި އެވެ. މި ސަރުކާރަކީ އިސްލާމީ ގައުމުތަކާ އެހެނިހެން ގައުމުތަކާ ވެސް ސިޔާސީ ގުޅުމާއި އިގްތިސާދީ ގުޅުން ގާއިމުކޮށް ކުރިއަށް ގެންދާނެ ބައެއް ކަމަށް ޝާހިދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ރިޔާސަތުގައި. --- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ރިޔާސަތުގައި. --- ފޮޓޯ: މަޖިލިސް

ރާއްޖެ އަށް އިހްތިރާމް ކުރާ އުސޫލުތައް ބަލައިގަންނަ އަދި ބައިނަލްއަގްވާމީ އުސޫލުތަކާ އެއްގޮތަށް ރާއްޖެ ސިޔާސީ ގުޅުން ގާއިމުކޮށް އެކުވެރިކަމުގެ ގުޅުންތައް ބަދަހިކުރަމުން ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސިޔާސީ ގުޅުން ކަނޑާލުމަކީ ބައިނަލްއަގުވާމީ ދާއިރާގައި ޑިޕްލޮމެޓިކް އުސޫލަށް ބަލާއިރު، ދޭދޭ ގައުމުތަކުގެ ދޭތެރޭގައި އެންމެ ފަހުގެ މަރުހަލާގައި ކުރާ ކަންކަން. ދެ ގައުމު ދޭތެރޭގައި ހަނގުރާމަ ހިނގާ އިރު ވެސް ސިޔާސީ ގުޅުން ކަނޑައިނުލާ. އެއީ ސަބަބުތަކެއް އޮވެގެން. އެއީ ސިޔާސީ ގުޅުން ކަމުގައި ވިޔަސް، އެހެނިހެން ގުޅުމެއް ކަމުގައި ވިޔަސް، ކަނޑާލުމުން އެ އަޅާ ވޭން މާ ބޮޑުވާނެ،" ޝާހިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދެ ގައުމެއްގެ ދޭތެރޭގައި އޮތް ގުޅުމެއް ކަނޑައިލުމަށް ފަހު އަލުން އާރާސްތުކޮށް ލުޔެއް ހޯދަން ވަގުތު ނަގާނެ އެވެ. އަދި އެކަމުގައި ތަސައްލީއެއް ހޯދަން ކިތަންމެ ހިތް އެދުނަސް، އެކަމަށް ވަގުތު ނަގާ ދޭން ޖެހޭ ފަރުވާ ނުހަނު ބޮޑު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އިސްލާމީ، އުހުތްވަތްތެރި ގައުމުތަކަކާ މެދުގައި އަޅުގަނޑުމެން މިވަނީ ގުޅުން ކަނޑާލާފައި. އެ އަރާ ފޯރީގައި. ޒީލަގަނޑުގެ ތެރޭގައި ބުރިކޮށްލީމަ، ކަނޑާލީމަ، ދެން ވާނެ ގޮތް މިއޮތީ ފެންނަން. މި ސަރުކާރުން ކުރަން ޖެހިފައި އޮތް ކަމަކީ އަލުން އެ ގުޅުން ބަދަހި ކުރުން. ގަތަރާ އެކީގައެއް ނޫން، ހުރިހާ ގައުމަކާ އެކީގައި ވެސް އެ މަސައްކަތް ކުރަމުން ގެންދާނަން،" ޝާހިދު ވިދާޅުވި އެވެ.

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މިއަދު މަޖިލިހުގައި ވާހަކަ ދައްކަވަނީ. --- ފޮޓޯ: މަޖިލިސް

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މިއަދު މަޖިލިހުގައި ވާހަކަ ދައްކަވަނީ. --- ފޮޓޯ: މަޖިލިސް

ބޭރުގެ ގައުމުތަކާ ގުޅުން ގާއިމު ކުރާ އިރު، ސަރުކާރުގެ ދިވެހި ރައްޔިތުންގެ މަސްލަހަތަށް އިސްކަން ދެއްވާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ. އަދި އަބަދުވެސް އެންމެ ފުރަތަމަ އިސްކަމެއް ދޭނީ ދޭދޭ ގައުމުތަކާ މެދުގައި އޮންނަ ގުޅުމުގައި ރައްޔިތުންނަށް ފައިދާ ހުރި ގޮތަކީ ކޮބައިތޯ ބެލުން ކަމަށް ވިދާޅުވި އެވެ.

"އެކަން ކުރުމުގައި މި ސަރުކާރު އެއްވެސް މިންވަރަކަށް ފަހަތަކަށް ނުޖެހޭނަން،" ޝާހިދު ވިދާޅުވި އެވެ.

ޔާމީންގެ ސަރުކާރުން ގަތަރާ އެކު ސިޔާސީ ގުޅުން ކަނޑާލީ ޓެރަރިޒަމަށް ވާގިވެރިވާ ކަމުގެ ތުހުމަތު އެ ގައުމަށް ސައުދީ އަރަބިއްޔާ އާއި ގަލްފުގެ އެހެން ބައެއް ގައުމުތަކުން ކޮށް ގަތަރު އެކަހެރިކޮށްލުމާ އެކު އެވެ.

އެކަމަކު، ކުރީގެ ސަރުކާރުން ބުނެފައި ވަނީ ގަތަރާ އެކު އޮންނަ ސިޔާސީ ގުޅުން ދިވެހިރާއްޖެ އިން ކަނޑާލީ ވަކި ގައުމެއްގެ ނުފޫޒާ ހެދި ނޫން ކަމަށާއި އެ ނިންމުމުން ދިވެހި ރައްޔިތުންނަށް އެއްވެސް ގެއްލުމެއް ނުލިބޭނެ ކަމަށެވެ. މެއި 26، 1984 ގައި ގަތަރާ އެކު ގާއިމް ކުރި ސިޔާސީ ގުޅުން ކުއްލި ގޮތަކަށް ކަނޑާލަން ނިންމީ ގިނަ ބަޔަކު ތުހުމަތުކުރާ ގޮތުގައި، ރާއްޖެއާ އެކު ގާތް ގުޅުމެއް ބާއްވާ ސައޫދީ އަަރަބިއްޔާގެ ނުފޫޒުންނެވެ.