Roadha Mihaaru
ސިޓީ ބަލިކޮށް ޔުނައިޓެޑަށް ހާއްސަ އުފަލެއް

ސިޓީ ބަލިކޮށް ޔުނައިޓެޑަށް ހާއްސަ އުފަލެއް

09 މާޗް 2020

މެންޗެސްޓާ (މާޗް 9) – ވާދަވެރި މެންޗެސްޓާ ސިޓީ 2-0 އިން ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑުން 10 އަހަރަށް ފަހު، އެއް ސީޒަނެއްގައި އެ ޓީމު އަތުން ލީގުގައި ދެ ފަހަރަށް މޮޅު ހޯދައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

މެންޗެސްޓާ (މާޗް 9) – ވާދަވެރި މެންޗެސްޓާ ސިޓީ 2-0 އިން ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑުން 10 އަހަރަށް ފަހު، އެއް ސީޒަނެއްގައި އެ ޓީމު އަތުން ލީގުގައި ދެ ފަހަރަށް މޮޅު ހޯދައިފި އެވެ.

މި ސީޒަނުގެ ލީގުގައި ސިޓީގެ ދަނޑުގައި ކުޅުނު މެޗުން ޔުނައިޓެޑް މޮޅުވީ 2-1 އިންނެވެ. އެންމެ ފަހުން ސިޓީގެ މައްޗަށް އެއް ސީޒަނެއްގެ ލީގުގައި ޔުނައިޓެޑުން ދެ މޮޅު ހޯދީ އެލެކްސް ފާގަސަންގެ ކޯޗުކަމުގައި 2009/2010 ގެ ސީޒަނުގަ އެވެ.

އަނެއްކޮޅުން ރޭގެ މޮޅާ އެކު ޔުނައިޓެޑް ވަނީ ހުރިހާ މުބާރާތެއް ހިމަނައިގެން ބަލިނުވެ ޖެހިޖެހިގެން 10 މެޗު (ހަތް މޮޅު، ތިން އެއްވަރު) ފުރިހަމަކޮށްފަ އެވެ. މިއީ ޔުނައިޓެޑުގެ ކޯޗުކަމާ އޮލެ ގުނަ ސޯލްޝެއާ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު ހަވާލުވެ ބަލިނުވެ ފުރަތަމަ 11 މެޗު ހަމަކުރި ފަހުން ޔުނައިޓެޑް ބަލިނުވެ ފުރިހަމަކުރި އެންމެ ދިގު ސިލްސިލާ އެވެ.

މި ސީޒަނުގެ ޔުރޮޕާ ލީގާއި އެފްއޭ ކަޕުގެ ތަށްޓަށް ވެސް އަމާޒު ހިފާފައިވާ ޔުނައިޓެޑަށް މި މޮޅާ އެކު ގަދަ ހަތަރެއްގެ އުއްމީދު މިވަނީ އާވެފަ އެވެ. އެ ޓީމު އޮތީ 45 ޕޮއިންޓާ އެކު ފަސް ވަނައިގަ އެވެ. ތާވަލުގެ ހަތަރު ވަނައިގައި 48 ޕޮއިންޓާ އެކު އޮތީ ރޭ އެވަޓަން އަތުން 4-0 އިން މޮޅުވި ޗެލްސީ އެވެ.

ސިޓީ އޮތީ 57 ޕޮއިންޓާ އެކު ދެ ވަނައިގަ އެވެ. މި މެޗުން ސިޓީ ބަލިވުމާ އެންމެ ބޮޑު އުފަލެއް ދެން ލިބުނީ އެއް ވަނައިގައި 82 ޕޮއިންޓާ އެކު އޮތް ލިވަޕޫލަށެވެ. އެ ޓީމު ބަލިވުމާ އެކު ލިވަޕޫލަށް ލީގު ކާމިޔާބުކުރަން ދެން ބޭނުންވާނީ އެންމެ ހަ ޕޮއިންޓެވެ.

އިއްތިހާދު ސްޓޭޑިއަމުގައި ކުޅުނު މި މެޗުގައި ޔުނައިޓެޑުން ލީޑު ނެގީ ފްރާންސް ފޯވާޑް އެންތަނީ މާޝިއާލް ޖެހި ގޯލުން 30 ވަނަ މިނެޓުގަ އެވެ. ހަނި މޮޅަކުން ޔުނައިޓެޑް ތިން ޕޮއިންޓް ހޯދުމާ ގާތުގައި އޮއްވާ އެ ޓީމުގެ ލީޑު ފުޅާކޮށްދިނީ އިތުރު ވަގުތުގެ ތެރޭގައި ސްކޮޓް މެކްޓޮމިނޭ އެވެ.

ޔުނައިޓެޑުގެ ކޯޗު ސޯލްޝެއާ ބުނީ މި މެޗުން އެންމެ ހިތްހަމަޖެހުނީ މޮޅުވާން ކުޅުންތެރިން ބޭނުންވެފައި ތިބި މިންވަރާއި އެކަމާ ކުރިމަތިލި ގޮތާއި އެކަމަށް ދިން ކޮމިޓްމަންޓާއި އަދި ސަޕޯޓަރުންނާއި ކުޅުންތެރިންނާ ދެމެދު އޮތް ގުޅުމާ މެދު ކަމަށެވެ.

"މިއީ ޑާބީ މެޗެއް. ސަޕޯޓަރުން ވަރަށް ގަޔާވޭ މިފަދަ މެޗުތަކަށް، ކުޅުންތެރިން ވެސް ގަޔާވޭ. ބުނެވިދާނެ މިއީ އެންމެ ތިން ޕޮއިންޓޭ. އެކަމަކު އަހަރެމެންގެ މިހުރި މައްސަލަތަކާ އެކު ސިޓީ ފަދަ ވަރުގަދަ ޓީމެއް ބަލިކުރެވުމަކީ ބޮޑު ކަމެއް،" ސޯލްޝެއާ ބުންޏެވެ.

ރޭ ޗެލްސީން އަމިއްލަ ދަނޑުގައި އެވަޓަން އަތުން ވެސް ހޯދީ އެހާމެ ފުރިހަމަ މޮޅެކެވެ. ޗެމްޕިއަންސް ލީގުގެ ޖާގަ ކަށަވަރުކުރުމަށް ހޯދި މި މުހިއްމު ތިން ޕޮއިންޓް ޗެލްސީ އަށް ހޯދައިދޭން ގޯލްތައް ޖެހީ މޭސަން މައުންޓް، ޕެޑްރޯ، ވިލިއަން އަދި އޮލިވިއޭ ޖިރޫ އެވެ. އެވަޓަންގެ ކޯޗު ކާލޯ އަންޗެލޮޓީ، އޭނާ ކުރިން ކޯޗުކޮށްދިން ޓީމުގެ ދަނޑަށް އައިސް އެ ޓީމު އަތުން ބަލިވުމާ އެކު މިވަނީ ތާވަލުގެ 12 ވަނަ އަށް ވެއްޓިފަ އެވެ. ލިބިފައިވަނީ 37 ޕޮއިންޓެވެ.