Roadha Mihaaru
ފަހު ވަގުތު ޔުނައިޓެޑަށް މޮޅެއް، ޗެލްސީއަށް ޕޮއިންޓެއް

ފަހު ވަގުތު ޔުނައިޓެޑަށް މޮޅެއް، ޗެލްސީ އަށް ޕޮއިންޓެއް

27 ސެޕްޓެމްބަރ 2020

ލަންޑަން (ސެޕްޓެމްބަރު 27) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފަހު ވަގުތު މެންޗެސްޓާ ޔުނައިޓެޑުން 3-2 އިން ބްރައިޓަން އަތުން މޮޅުވިއިރު، ވެސްޓް ބްރޮމްއާ ފަހު ވަގުތު 3-3 އިން އެއްވަރުކޮށް ޗެލްސީ ބަލިނުވެ ސަލާމަތްވެއްޖެ އެވެ.

ލަންޑަން (ސެޕްޓެމްބަރު 27) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފަހު ވަގުތު މެންޗެސްޓާ ޔުނައިޓެޑުން 3-2 އިން ބްރައިޓަން އަތުން މޮޅުވިއިރު، ވެސްޓް ބްރޮމްއާ ފަހު ވަގުތު 3-3 އިން އެއްވަރުކޮށް ޗެލްސީ ބަލިނުވެ ސަލާމަތްވެއްޖެ އެވެ.

ބްރައިޓަން ދަނޑުގައި އިއްޔެ ކުޅުނު މެޗުގައި އެ ޓީމަށް ލީޑުނަގައިދިނީ ޕެނަލްޓީ އަކުން ނީލް މޯޕޭ އެވެ. އޭގެ ކުރިން ބްރައިޓަން ވަނީ ލަނޑެއް ޖެހުމާ ގާތަށް ޖެހިލައިފަ އެވެ. ލެއަންޑްރޯ ޓްރޮސާޑް ޖެހި ދެ ބޯޅަ އަކާއި އެޑަމް ވެބްސްޓާ ފޮނުވާލި ބޯޅައެއް އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. ޔުނައިޓެޑުން ފުރަތަމަ ހާފް ނިމުމުގެ ކުރިން އެއްވަރުކުރި ގޯލަކީ އެ ޓީމުގެ ކެޕްޓަން ލެވިސް ޑަންކް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން ޔުނައިޓެޑުން އަނެއްކާ ހާސްކޮށްލީ ބްރައިޓަންގެ ފޯވާޑް އާރޮން ކޮނޮލީ އަށް ޔުނައިޓެޑްގެ ޕައުލް ޕޮގްބާ ފައުލުކުރި ކަމަށް ބަލައި ޕެނަލްޓީއެއް ދިނުމުންނެވެ. އެކަމަކު ފަހުން ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ގެ އެހީ ހޯދުމަށް ފަހު ރެފްރީ ނިންމީ އެއީ ޕެނަލްޓީއެއް ނޫން ކަމަށެވެ.

ޔުނައިޓުން ލީޑުނެގީ މެޗުގެ 55 ވަނަ މިނިޓްގައި މާކަސް ރެޝްފޯޑް ޖެހި މޮޅު ގޯލުންނެވެ. އޭގެ ކުރިން އޭނާ ޖެހި ގޯލެއް ވަނީ އޮފްސައިޑްކަމަށް ނިންމައިފަ އެވެ. ބްރައިޓަން އިން ނަތީޖާ ހަމަހަމަކުރަން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ އިތުރު ވަގުުތުގެ ފަސް ވަނަ މިނިޓްގަ އެވެ. އެ ޓީމުގެ ގޯލު ޖެހީ ސޮލީ މާޗް އެވެ. މާޗަށް ކުރިން ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނު ނަމަވެސް ފަހު ވަގުތު މާޗް ވަނީ ލިބުނު ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

ޔުނައިޓެޑް މޮޅުވީ މެޗުގެ ފަހު ވަގުތު ބްރޫނޯ ފެނާންޑޭސް ޖެހި ޕެނަލްޓީންނެވެ. މި ޕެނަލްޓީ އަކީ ޔުނައިޓެޑްގެ ހެރީ މެގުއާ ބޮލުން ޖެހި ބޯޅަ ބްރައިޓަންގެ މޯޕޭ އަތުގައި ޖެހުމުން ރެފްރީ ދިން ޕެނަލްޓީ އެކެވެ. މި ޕެނަލްޓީ ދިނީ މެޗުގެ ފަހު ކަށިގަނޑު ފުމުނު ފަހުންނެވެ. އެކަމަކު އަލުން ފަށައި ޕެނަލްޓީ ޖަހަންދިނީ ވީއޭއާރް އިން ބެލުމަށްފަހު އެވެ. ފެނާންޑޭސް ވަނީ ބްރައިޓަން ކީޕަރު މެޓް ރަޔާން އަށް ފުރުސަތެއް ނުދީ ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.

ރޭގެ މެޗުގައި ޗެލްސީގެ ތިއާގޯ ސިލްވާ ބޯޅަ ހިފައިގެން. -- ފޮޓޯ: އޭއެފްޕީ

ރޭގެ މެޗުގައި ޗެލްސީގެ ތިއާގޯ ސިލްވާ ބޯޅަ ހިފައިގެން. -- ފޮޓޯ: އޭއެފްޕީ

މި ފަހަރު އަލަށް ލީގަށް ޕްރޮމޯޓްވި ވެސްޓް ބްރޮމް އިން ވަނީ ރޭ 27 މިނިޓް ތެރޭ ޗެލްސީ ކޮޅަށް ތިން ގޯލު ޖަހައިފަ އެވެ. ފުރަތަމަ ގޯލު ޗެލްސީގެ މާކޮސް އަލޮންސޯ ހެދި ގޯހެއްގެ ފައިދާނަގައިގެން މެޗުގެ ހަތަރު ވަނަ މިނިޓްގައި ޖެހީ ކަލުމް ރޮބިންސަން އެވެ. މެޗުގެ 25 ވަނަ މިނިޓްގައި ރޮބިންސަން ދެ ވަނަ ގޯލު ޖެހީ ޗެލްސީގެ ފަހަތަށް ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ތިއާގޯ ސިލްވާ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެންނެވެ. މިއީ ލީގުގައި ސިލްވާ ކުޅުނު ފުރަތަމަ މެޗެވެ.

ވެސްޓް ބްރޮމްގެ ތިން ވަނަ ގޯލު ޖެހީ ޑިފެންޑަރު ކައިލް ބާޓްލީ އެވެ. ޗެލްސީ ޑިފެންސް ލައިނުގެ ތެރެއިން އައި ބޯޅަ ބާޓްލީ ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

ޗެލްސީން ދެ ވަނަ ހާފަށް ނުކުތީ މަޓެއޯ ކޮވަސިޗާއި އަލޮންސޯގެ ބަދަލުގައި ސެޒާ އަޒްޕްލިއަސެޓާ އަދި ކަލުމް ހަޑްސަން-އޮޑޯއި ކުޅެން އަރުވައިގެންނެވެ. ޗެލްސީގެ ފުރަތަމަ ގޯލު މެޗުގެ 55 ވަނަ މިނިޓްގައި އޭރިއާ ބޭރުން ޖެހި ޝޮޓަކުން ކާމިޔާބުކުރީ މޭސަން މައުންޓް އެވެ. އޮޑޯއި ޗެލްސީގެ ދެ ވަނަ ގޯލު ޖެހީ މެޗުގެ 70 ވަނަ މިނިޓްގައި ކައި ހާވަޓްޒް ދިން ބޯޅައަކުންނެވެ. އިތުރު ވަގުތުގައި ޗެލްސީ އަށް އެއްވަރުކޮށްދިނީ ޓެމީ އަބްރަހަމް އެވެ.

ލީގުގައި ރޭ އެވަޓަން އިން ވަނީ ރަށުން ބޭރުގައި ކްރިސްޓަލް ޕެލަސް އަތުން 2-1 އިން މޮޅުވެފަ އެވެ. ކާލޯ އަންޗެލޮޓީގެ ކޯޗުކަމުގައި ކުޅޭ އެވަޓަން އޮތީ ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ލީގުގެ އެއް ވަނައިގަ އެވެ.