Roadha Mihaaru

އަލީ ވަހީދުގެ އުއްމީދީ ވާހަކަތައް: ޓޫރިޒަމް ނަގާ ކޮޅަށް ޖެހޭނެ

09 މާޗް 2020

ޗައިނާގެ ޝެންހާއީގައި ޓްރާންސިޓް ކުރިއިރު، ޗައިނާ އިން އަންނަ އެއްވެސް މީހަކަށް ރާއްޖެ އެތެރެނުވެވޭ ގޮތަށް ސަރުކާރުން އެޅި ފިޔަވަޅު، މެކްސިކޯގެ އެ ދެމަފިރިންނަކަށް ނޭނގެ އެވެ. އެމީހުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފޭބުމާ އެކު، އެންގީ އެތެރެނުވެވޭނެ ކަމަށެވެ. އެއީ ރާއްޖޭގައި ހަނީމޫން ހޭދަކުރަން ދެމަފިރިން ދުށް ހުވަފެން ފުނޑުފުނޑުވެ، ކުރި ބޮޑު ހޭދަ ބޭކާރުވުމެވެ. އެމީހުން އާދޭސްކުރީ، ރާއްޖޭގެ ޑިޓެންޝަންގައި ދެ ދުވަހު ބައިތިއްބާފައި ނަމަވެސް ޗުއްޓީގެ ބާކީ ދުވަސްތައް ރާއްޖޭގެ ރީތި މާހައުލުގައި ހޭދަކުރުމުގެ ފުރުސަތަކަށެވެ.

މޫސާ ލަތީފް މޫސާ ލަތީފް އަދި އަހުމަދު ހަމްދޫން

ޗައިނާގެ ޝެންހާއީގައި ޓްރާންސިޓް ކުރިއިރު، ޗައިނާ އިން އަންނަ އެއްވެސް މީހަކަށް ރާއްޖެ އެތެރެނުވެވޭ ގޮތަށް ސަރުކާރުން އެޅި ފިޔަވަޅު، މެކްސިކޯގެ އެ ދެމަފިރިންނަކަށް ނޭނގެ އެވެ. އެމީހުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފޭބުމާ އެކު، އެންގީ އެތެރެނުވެވޭނެ ކަމަށެވެ. އެއީ ރާއްޖޭގައި ހަނީމޫން ހޭދަކުރަން ދެމަފިރިން ދުށް ހުވަފެން ފުނޑުފުނޑުވެ، ކުރި ބޮޑު ހޭދަ ބޭކާރުވުމެވެ. އެމީހުން އާދޭސްކުރީ، ރާއްޖޭގެ ޑިޓެންޝަންގައި ދެ ދުވަހު ބައިތިއްބާފައި ނަމަވެސް ޗުއްޓީގެ ބާކީ ދުވަސްތައް ރާއްޖޭގެ ރީތި މާހައުލުގައި ހޭދަކުރުމުގެ ފުރުސަތަކަށެވެ.

ރޭގަނޑު ދަންވަރު 1 ޖެހިއިރު، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، އެމީހުންނާ އެއާޕޯޓްގައި ބައްދަލުކުރެއްވި އެވެ. އަދި ގޮތްތަކެއް ހަމަޖައްސަވައި ދެއްވި އެވެ. އެ މީހުން ފުރުވައިލީ ސްރީ ލަންކާއަށެވެ. ދެ ދުވަސް ކޮށްފައި އެނބުރި ރާއްޖެ އައިއިރު، ޓުއަރިޒަމް މިނިސްޓްރީ އާއި ޓުއަރިޒަމް ދާއިރާގެ ފަރާތްތައް ގުޅިގެން ދެމަފިރިންނަށް ހޯދައިދިނީ ފައިވް ސްޓާ ރިސޯޓެއްގެ މާހައުލެވެ.

އެ މީހުންގެ އެ ތަޖުރިބާ މިއަދު ވަނީ ރާއްޖޭގެ ޓޫރިޒަމްގެ ބޮޑު އިޝްތިހާރަކަށް ވެފަ އެވެ. އަދި ކުރިއަށް މި އޮތް ދުވަސްތަކުގައި އެ ވީޑިއޯއިން ރާއްޖޭގެ ޓޫރިޒަމަށް މުހިންމު އެހީތެރިކަމެއް ވެސް ލިބިދާނެ އެވެ.

ކޮރޯނާވައިރަސްގެ ހިޔަނި ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށް އެޅި، އިގުތިސާދަށް ގޮންޖެހުންތަކެއް ކުރިމަތިވެފައި އޮތަސް، ޓޫރިޒަމް މިނިސްޓަރާއި މުޅި ސަރުކާރުގެ އުއްމީދު މައްޗެވެ: މެކްސިކޯގެ ދެމަފިރިން ފަދައިން މުޅި އުމުރުގައި ރާއްޖޭގެ ރީތިކަން ދެކިލަން ބޭނުން އެތައް މިލިއަން ބަޔަކު ތިބިކަމާ މެދު ޝައްކެއް ނެތެވެ. އެހެންކަމުން މިއަދުގެ މި ގޮންޖެހުން، ކުރިއަށް އޮތް ޓޫރިޒަމް ސީޒަން އަންނައިރު ވަރަށް އުފާވެރި މަންޒަރަކަށް ބަދަލުކޮށްލެވިދާނެކަން، އަލީ ވަހީދު ގަބޫލުކުރައްވަ އެވެ.

ކޮވިޑް-19 އާ ގުޅޭ މައުލޫމާތު ދިނުމަށް ކުރިން ބޭއްވި ނިއުސް ބްރީފިންއެއްގައި މިނިސްޓަރު އަލީ ވަހީދު ވާހަކަ ދައްކަވާއިރު، ހެލްތު މިނިސްޓަރު އަމީން އަޑުއައްސަވަނީ.---ފޮޓޯ: މިހާރު

ކޮވިޑް-19 އާ ގުޅޭ މައުލޫމާތު ދިނުމަށް ކުރިން ބޭއްވި ނިއުސް ބްރީފިންއެއްގައި މިނިސްޓަރު އަލީ ވަހީދު ވާހަކަ ދައްކަވާއިރު، ހެލްތު މިނިސްޓަރު އަމީން އަޑުއައްސަވަނީ.---ފޮޓޯ: މިހާރު

ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ޗައިނާއަށް ރާއްޖޭގެ ދޮރު ބަންދުކުރީ ޖެނުއަރީ 31 ގަ އެވެ. އޭގެ ފަހުން ފެބްރުއަރީ މަހު ރާއްޖޭގެ ޓުރިސްޓް އެނދުތައް އެންމެ ގިނައިން ފުރާލަދިނީ އިޓަލީގެ ޓޫރިސްޓުންނެވެ. އެކަމަކު ޗައިނާގެ ބަދަލުގައި ކޮރޯނާވައިރަސް މިހާރު އެންމެ ބޮޑަށް ފެތުރެމުން ދަނީ އިޓަލީގައި ކަމުން، އެ ގައުމުން ވެސް ރާއްޖެއަށް މީހުން ނާދެވޭ ގޮތަށް ސަރުކާރުން ވަނީ ހަމަޖައްސައިފަ އެވެ.

މިއީ ރާއްޖޭގެ އިގުތިސާދުގެ 75 ޕަސެންޓް ހިއްސާކުރާ ޓޫރިޒަމް އިންޑަސްޓްރީއަށް އަރާނެ ބޮޑު ލޮޅުމެކެވެ. ޖެނުއަރީ އާއި ފެބްރުއަރީގައި ޓޫރިޒަމްގެ ކުރިއެރުން ސުމަކަށް ނުދިޔަސް މި މަހުން ފެށިގެން އެ މަންޒަރު ބަދުވާނެ އެވެ. އެކަމަކު މިނިސްޓަރު ވިދާޅުވި ގޮތުގައި، ޗައިނާގެ ހާލަތު ރަނގަޅު ވަމުން އައުމާއި އިޓަލީން ވެސް ކޮރޯނާވައިރަސް ކޮންޓްރޯލް ކުރާނެ ކަމުގެ ޔަގީންކަން އޮތުމުން، ސެޕްޓެމްބަރަށް ކުރިމަތިލާ އިރު ރާއްޖޭގެ ޓޫރިޒަމަށް ދިރުން އަންނާނެ މިންވަރަށް ސަރުކާރުން މަސައްކަތްކުރާނެ އެވެ.

"އާ ސީޒަން ފެށެންވާއިރަށް އިރާދަކުރެއްވިޔާ ރިބައުންޑް ކުރެވޭނެ. އޭރަށް ވާއިރަށް [ޓޫރިޒަމް] ހިއްލައިލެވޭ ވަރަށް މަސައްކަތް ކުރާނަން،" އަލީ ވަހީދު ވިދާޅުވި އެވެ.

"އިގުތިސާދުގެ އިންޖީނު ނިންވައެއް ނުލެވޭނެ. އަޅުގަނޑުމެންގެ މަސައްކަތަކީ އެ އިންޖީނު ބާރަށް ޖެއްސުން،" އަލީ ވަހީދު

މިދިޔަ އަހަރު ރާއްޖެ އަށް އައީ 1.7 މިލިއަން ޓޫރިސްޓުން ކަމަށް ވާއިރު، މިނިސްޓަރު އަލީ ވަހީދުގެ އަޒުމަކީ އެ އަދަދު މި އަހަރު ވެސް އިތުރު ކުރުމެވެ. ކޮރޯނާވައިރަހާ އެކު، ކިތަންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވިޔަސް އޭނާގެ އަޒުމް ވަރަށް ވަރުގަދަ އެވެ. ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާ އެކު ކުރިއަށް ގެންދާ މަޝްވަރާއާ އެކު، ކޮރޯނާވައިރަހުން ސަލާމަތްވާ މިންވަރަކުން ގޮތްތަކެއް ހޯއްދަވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އޭގެ ތެރޭގައި އިތުރު މަންޒިލްތަކަށް ކުރާ އަމާޒު ވެސް ހިމެނެ އެވެ.

ޓޫރިޒަމް މިނިސްޓްރީގައި އިންނަވައިގެން "މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުގައި މިނިސްޓަރު ވަނީ ރާއްޖޭގެ ޓޫރިޒަމްގެ ޑިމާންޑް އޮތް މިންވަރު، އިޓަލީގެ ތަޖުރިބާ އިން ވެސް ހިއްސާކުރައްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އިޓަލީން މީހުން އަައުން މަނާކުރުމުން، ބައެއް ޓޫރިސްޓުން އެދެމުން އަންނަނީ ސިއްހީ ސެޓްފިކެޓް ހިފައިގެން، ޗާޓަ ފްލައިޓްތަކުގައި ރާއްޖެ އައުމުގެ ހުއްދަ އަށެވެ.

މިނިސްޓަރު އަލީ ވަހީދު: ކޮވިޑް-19 ގެ އަސަރު ރާއްޖޭގެ އިގްތިސާދަށް ކުރި ނަމަވެސް މިދިޔަ އަހަރަށް ވުރެ އިތުރަށް ރާއްޖެ އަށް ޓޫރިސްޓުން ގެނައުމަކީ އޭނާގެ އަޒުމެއް.---ފޮޓޯ: މިހާރު

މިނިސްޓަރު އަލީ ވަހީދު: ކޮވިޑް-19 ގެ އަސަރު ރާއްޖޭގެ އިގްތިސާދަށް ކުރި ނަމަވެސް މިދިޔަ އަހަރަށް ވުރެ އިތުރަށް ރާއްޖެ އަށް ޓޫރިސްޓުން ގެނައުމަކީ އޭނާގެ އަޒުމެއް.---ފޮޓޯ: މިހާރު

"ރާއްޖެއިން މިކަމަށް ވި ތައްޔާރީތައް އެމީހުންނަށް އެނގޭ. އަނެއްކާ ރާއްޖެ [އުފެދިފައި] މި އޮތީ ކަރަންޓީން ކުރަން ޖެހުނަސް ގުދުރަތީ ގޮތުން ވެސް [ފަސޭހަވާނެ ގޮތަށް]،" އަލީ ވަހީދު ވިދާޅުވި އެވެ.

"އެމީހުން ދެކޭ ގޮތުގައި އެންމެ ރައްކާތެރި ތަނަކީ ވެސް ރާއްޖެ. [އެހެންކަމުން] ފަތުރުވެރިން އަންނާނެ ކަމާ ދޭތެރޭ ޝައްކެއް ނެތް."

ކޮރޯނާވައިރަސް އަށް ހަގީގަތުގައި ދުނިޔެ ވެސް ތައްޔާރެއް ނޫނެވެ. އެހެންކަމުން އެމެރިކާ ފަދަ ތަރައްގީގެ ހުރިހާ ކަމެއް ފުރިހަމަ ގައުމުތައް ވެސް މިއަދު ގެންދަނީ، ކުރިން ނަމަ ހީވެސް ނުކުރެވޭ ފަދަ، ފިޔަވަޅުތައް އަޅަމުންނެވެ. އެ ފިޔަވަޅުތަކުގެ ސަބަބުން ވައިރަސް ކޮންޓްރޯލްކުރެވޭނެ ކަމުގެ ޔަގީންކަން، ސިއްހީ ދާއިރާގެ ތަޖުރިބާކާރުންނަށް އެބަ އޮތެވެ. ޗައިނާއިން ދުނިޔެއަށް ދައްކައިދިނީ އެ ނަތީޖާ އެވެ.

އަލީ ވަހީދު ވިދާޅުވި ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވުންތައް ނިންމަވަމުން ގެންދަވަނީ ޓޫރިޒަމް ދާއިރާގެ ފަރާތްތަކުގެ ހިޔާލު ވެސް ހޯއްދަވައިގެންނެވެ.

މާލެ އައި ޓޫރިސްޓުންތަކެއް ޖުމްހޫރީ މައިދާން ކައިރީގައި މަޑުކޮށްލައިގެން.--- ފޮޓޯ: ހުސެއިން ވަހީދު /މިހާރު

މާލެ އައި ޓޫރިސްޓުންތަކެއް ޖުމްހޫރީ މައިދާން ކައިރީގައި މަޑުކޮށްލައިގެން.--- ފޮޓޯ: ހުސެއިން ވަހީދު /މިހާރު

"ދުވަހުން ދުވަހަށް ހުރިހާ ސްޓޭކްހޯލްޑަރުންނާއި އެޖެންސީތަކާއި އެމްއެމްޕީއާރުސީއާ ބައްދަލުކުރަމުން ދިޔައީ. ނިންމި ނިންމުންތަކުގައި ތަފާތު ހިޔާލުތައް ޝެއާވެގެން،" އޭނާ ވިދާޅުވި އެވެ.

އެހެންކަމުން އޭނާ ސިފަކުރެއްވި ގޮތުގައި ސަރުކާރުން އަޅަމުން ގެންދިޔަ ފިޔަވަޅުތަކަކީ "މަތިން ތިރިއަށް" ވުރެ "ތިރިން މައްޗަށް" އަމާޒުވި ކަންކަމެވެ. މިހާރުގެ ހާލަތާއި އެއިން ސަލާމަތްވާން ޖެހޭ ގޮތުގެ މިސާލު ދައްކަވަމުން ދެން އޭނާ ވިދާޅުވީ "މިއީ ހޮޅި ލަމުން ދާ ރާޅެއްގެ ތެރޭގައި ސާފްކުރުން [ރާޅާ އެޅުން] ކަހަލަ ކަމެއް" ކަމަށެވެ.

"މަޑުޖައްސައިފިއްޔާ ހޮޅިލާނެ،" އަލީ ވަހީދު ވިދާޅުވި އެވެ.

އެކަމަކު ފުރަތަމަ ދުވަހުން ފެށިގެން ރާއްޖެއިން ފިޔަވަޅު އަޅަމުން އަންނަނީ ވަރަށް ރަނގަޅަށް ކަމާއި ސައުތު އޭޝިއާ އިން ކޮރޯނާވައިރަސް އަށް އެންމެ ބޮޑަށް ތައްޔާރުވެފައި އޮތީ ރާއްޖެކަން އޭނާ ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖެ އިން ތައްޔާރުވެފައި އޮތީ އެންމެ ގޯސް ހާލަތަށް ދިޔަސް އެކަމަށް "މާތް ﷲގެ ވާގިފުޅާ އެކު ކުރިމަތިލެވޭ ވަރަށެ"ވެ. އެއީ ރައީސްގެ އިރުޝާދުގެ ދަށުން އަދި ސަރުކާރުގެ މިނިސްޓްރީތައް ގުޅިގެން ކުރެވުނު މަސައްކަތެއް ކަމަށް ވެސް ވިދާޅުވި އެވެ.

"އިގުތިސާދުގެ އިންޖީނު ނިންވައެއް ނުލެވޭނެ. އަޅުގަނޑުމެންގެ މަސައްކަތަކީ އެ އިންޖީނު ބާރަށް ޖެއްސުން،" އަލީ ވަހީދު ވިދާޅުވި އެވެ.

"ރައްޔިތުންނާއި އެންމެންގެ އެއްބާރުލުން ބޭނުންވޭ. ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުންތަކަށް އެއްބާރުލުން ދިނުން އެދެން."