Roadha Mihaaru
މުދާ އެތެރެކުރުމުގައި ދައްޗެއް ނެތް: ވިޔަފާރިވެރިން

ވިޔަފާރިވެރިން ބުނަނީ މުދާ އެތެރެކުރުމުގައި އެއްވެސް ދައްޗެއް ނެތް ކަމަށް

09 މާޗް 2020

އެކި ގައުމުތަކުގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން، ކާބޯތަކެއްޗާއި އާންމުކޮށް ގެންނަ މުދާ އެތެރެ ކުރުމުގަ އާއި ލިބުމުގައި އެއްވެސް ދައްޗެއް ކަމަށާއި ބޭރުގެ ސަޕްލަޔަރުންގެ ފަރާތުން ވެސް ރާއްޖޭގައި އިމްޕޯޓު ކުރާ މީހުންނަށް އުނދަގުލެއް ކުރިމަތިނުވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އެކި ގައުމުތަކުގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން، ކާބޯތަކެއްޗާއި އާންމުކޮށް ގެންނަ މުދާ އެތެރެ ކުރުމުގަ އާއި ލިބުމުގައި އެއްވެސް ދައްޗެއް ކަމަށާއި ބޭރުގެ ސަޕްލަޔަރުންގެ ފަރާތުން ވެސް ރާއްޖޭގައި އިމްޕޯޓު ކުރާ މީހުންނަށް އުނދަގުލެއް ކުރިމަތިނުވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް މިއަދު ވިދާޅުވެއްޖެ އެވެ.

ކަސްޓަމްސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ފައްޔާޒާ އެކު، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރުގެ އިތުރުން، ރާއްޖެ އަށް އެކި ބާވަތްތަކުގެ މުދާ އެތެރެކުރާ އިސް ބައެއް ވިޔަފާރިވެރިން ވެސް ބައިވެރިވި އެވެ.

އެ ބައްދަލުވުމުގައި ފައްޔާޒު ވިދާޅުވީ، ތަކެތި ގެންނަ ސަޕްލައި ޗެއިންތަކަށް ބުރޫ ނާރާ ކަމަށާއި ހުރިހާ އިމްޕޯޓަރުން ވެސް އެކަން ޔަގީން ކޮށްދޭ ކަމަށެވެ.

"މިހާރު ހުރި ހުރިހާ ސަޕްލައި ޗެއިންތައް ބަރާބަރަށް މަސައްކަތް ކުރޭ. އޯޑަރުތައް ހުރީ ކުރެވިފައި. ސްޓޮކްގައި އެއްޗެހި އެބަހުރި. އަންނަމުންދާ އެއްޗެހި އެބަ އާދޭ. އެ ހުރިހާ ކަމެއް އެބަ ކުރިއަށްދޭ،" އޭނާ ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވި ގޮތުގައި، ކުރިއަށް އޮތީ ރޯދަ މަސް ކަމަށް ވުމުން، އެ މަހަށް ހާއްސަ ކޮށްގެން ވެސް ގެންނަން ޖެހޭ ތަކެތި ގެނައުމުގެ މަސައްކަތް އެއްވެސް މައްސަލައެއް ދިމާނުވެ ކުރިއަށް އެބަގެންދެ އެވެ.

ރާއްޖެ އަށް މުދާ އެތެރެކުރުމުގައި އެއްވެސް ދައްޗެއް ކުރިމަތި ނުވާ ކަމަށް އެސްޓީއޯ އިން ވެސް މީގެ ކުރިން ބުނެފައި ވެ އެވެ.

އެސްޓީއޯ އަކީ އާންމުކޮށް ކެއުމަށް ބޭނުންކުރާ ސާމާނާއި ގޭތެރެއަށް ބޭނުންވާ ގިނަ ބާވަތުގެ ތަކެތި އެތެރެ ކުރާ ސަރުކާރުގެ ކުންފުންޏެވެ. އެސްޓީއޯ އިން ބުނީ ރޯދަ މަހާ ދިމާކޮށް ގެންނަ ސްޓޮކްތައް ވެސް އެއްވެސް މައްސަލައެެއް ދިމާ ނުވެ އަންނާނެ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން، އާންމުން ޕެނިކްވެ، ގޭގޭގައި އެއްފަހަރާ ތަކެތި ސްޓޮކް ކުރަން ފެށުމުން، ރަށްރަށުން ކާޑުގެ ބާވަތްތައް ލިބުމުގައި މިދިޔަ ދެ ތިން ދުވަހު ދަތިތަކާ ކުރިމަތިވި އެވެ.

އެސްޓީއޯގެ އެމްޑީ އަމްރު ވިދާޅުވީ، އެ ކުންފުނިން ކާޑުގެ ބާވަތްތައް އަބަދުވެސް ގުދަންކޮށް، ރައްކާކޮށްފައި ހުނނަ ކަމަށެވެ. ކާޑު ގެނައުމުގައި ވެސް އެއްވެސް ދަތިކަމެއް ކުރިމަތި ނުވާ ކަމަށާއި ހުސްވަމުންދާ ވަރަކުން އަބަދުވެސް ސްޓޮކް އިތުރުކު ރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު، ބައެއް ރަށްރަށުގެ ދެ ތިން ގެއެއްގެ މީހުން ގުޅިގެން، ރަށަށް ގެންދާ ހުރިހާ ކާޑެއް ގަނެ، ރައްކާކުރުމުން ކާޑުގެ ބާވަތްތައް ހުސްވާ ހާލަތުގައި އެހެން މީހުންނަށް އެ ތަކެތި ލިބުމުގައި ދަތިތަކާ ކުރިމަތިވުމުގެ މައްސަލަތަކެއް މިދިޔަ ދެ ތިން ދުވަހަކު ކުރިމަތިވި ކަމަށް އޭނާ ވިދާޅުވި އެވެ.

"އަނެއްކާ ޖެހިގެން އަންނަ ދުވަހު މި ތަކެތި ގެންދެވެނީ. އެހެންވީމާ އެ ގޮތަށް ކަންތައް ނުކުރައްވާ. ބަރާބަރަށް ބޭނުންވާ ވަރަށް ކާޑު ގަންނަ ކަމަށް ވަނީ ނަމަ މައްސަލައެއް ދިމާ ނުވާނެ،" އަމްރު ވިދާޅުވި އެވެ.

އެސްޓީއޯގެ އެމްޑީ، ހުސައިން އަމްރު މިއަދުގެ ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަވަނީ-- ފޮޓޯ: އަހުމަދު އަވްޝަމް އިލްޔާސް/ މިހާރު

އެސްޓީއޯގެ އެމްޑީ، ހުސައިން އަމްރު މިއަދުގެ ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަވަނީ-- ފޮޓޯ: އަހުމަދު އަވްޝަމް އިލްޔާސް/ މިހާރު

އޭނާ ވިދާޅުވީ، މިފަދަ ދަނޑިވަޅުތަކުގައި އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދަން، ކާޑު އުފުލުމުގައި އުޅޭ ބައެއް މަޖޫރީން، އަމިއްލަ ފައިދާ ހާސިލު ކުރުމަށްޓަކައި މަސައްކަތް ކުރާ ކަމަށެވެ. އެފަދަ އަމަލުތައް ހިންގާ މީހުންނަށް މިހާރު ވެސް ނަސޭހަތް ދީފައިވާ ކަމަށާއި އެގޮތަށް ނާޖައިޒް ފައިދާ ހޯދަން މަސައްކަތް ކުރާ މީހުންނަށް ކުރިމަގުގައި ފިޔަވަޅު އަޅާނެ ކަމަށް އަމްރު ވިދާޅުވި އެވެ.

އިމްޕޯޓަރުންގެ ހާސްކަމެއް ނެތް، ތަކެތި ބަރާބަރަށް ލިބޭ

އައިސް ކުރި ގިނަ ބާވަތްތަކެއް ރާއްޖެ އެތެރެކުރާ ހެޕީ މާކެޓްގެ ޖެނެރަލް މެނޭޖަރު އަލީ އިހުސާން މިއަދުގެ ބައްދަލުވުމުގައި މީޑިއާ އަށް ވިދާޅުވީ، މި ވަގުތު މާކެޓް ޑިމާންޑާ އެއްވަރަށް ސްޓޮކް އެބަހުރި ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ގެންނަ ހުރި ބާވަތްތައް ވެސް އޯޑަރު ދެމުންދާ ކަމަށް ވިދާޅުވި އެވެ. މީގެ އިތުރުން، ރޯދަ މަހަށް އާންމުކޮށް ބޭނުންވާ ތަކެތި އެ ލިސްޓަށް އިތުރު ކުރަމުން އަންނަ ކަމަށް އިހުސާން ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ހާއްސަ ކަސްޓަމަރުންނަކީ ރީޓެއިލް ކުރާ ބޭފުޅުންނާއި ރީސަޕްލައި ކުރައްވާ ފަރާތްތައް. މި ބޭފުޅުންނަށް އަޅުގަނޑުމެން ދޭ އިލްތިމާސް. އަޅުގަނޑުމެން އަގު ކޮންޓްރޯލް ކުރާނަން. ސްޓޮކް އެވެއިލަބަލް ކުރާނަން. މިފަދަ ހާލަތެއްގައި ގައުމީ ވާޖިބާއި ފަރުދީ ޒިންމާ ވެސް ނެގުން މުހިއްމު،" ކުރީގެ ސިފައިންގެ އޮފިސަރު އިހްސާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީި ގޮތުގައި، ރީޓެއިލް ކުރާ މީހުން ވެސް، ކޮވިޑް-19 އާ ގުޅިގެން، އަގުތައް އިންތިހާ އަށް މަތި ނުކުރުމަކީ ވަރަށް ބޮޑު އެދުމެކެވެ. އަދި ހެޕީ މާކެޓުން ސަޕްލައި ކުރާ ބަޔަކު އަގުތައް ބޮޑު ކޮށްގެން ނާޖައިޒް ފައިދާ ހޯދާ ނަމަ، އެފަދަ ފަރާތްތަކަށް ތަކެތި ޑިސްޓްރިބިއުޓް ނުކުރާނެ ކަމަށް ވިދާޅުވި އެވެ.

ޔުނައިޓެޑް ފުޑް ސަޕްލަޔާސްގެ ވެރިފަރާތް އާތިފް ޝަކޫރު ވާހަކަދައްކަވަނީ-- ފޮޓޯ: އަހުމަދު އަވްޝަމް އިލްޔާސް/ މިހާރު

ޔުނައިޓެޑް ފުޑް ސަޕްލަޔާސްގެ ވެރިފަރާތް އާތިފް ޝަކޫރު ވާހަކަދައްކަވަނީ-- ފޮޓޯ: އަހުމަދު އަވްޝަމް އިލްޔާސް/ މިހާރު

ޔުނައިޓެޑް ފުޑް ސަޕްލަޔާސްގެ ވެރިފަރާތް އާތިފް ޝަކޫރު ވިދާޅުވީ، ދުނިޔޭގެ ބާޒާރުގައި ކުރިއާލައި އަގުތަކަށް އަންނަ ބަދަލުތައް ފެންނާނެ ކަމަށާއި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފެތުރު ކޮވިޑް-19 އާ ގުޅިގެން މިއަދާ ހަމައަށް ވެސް ކުކުޅާއި ބިހާއި ބީފް އާއި ކިރާއި ހަޑޫ ފަދަ ބާވަތްތަކުގެ ވެސް އަގުތައް އުފުލުމުގެ އެއްވެސް އިޝާރާތެއް ނުފެންނަ ކަމަށެވެ. އެހެން ކަމުން ކާބޯތަކެތި ގެނައުމުގައި އެއްވެސް ހާސްކަމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ރާއްޖެ އަށް އެތެރެ ކުރެވޭ އެއްޗެހި ހަމަ ރެގިއުލާކޮށް އާދޭ. ދެން ރޯދަ މަހަށް އަންނަ ކުޑަ ތަފާތެއް އޮންނާނެ. މިއާ އެކުގައި، ރަނގަޅު ގޮތުގައި އެންމެންނަށް ލިބޭ ގޮތަކަށް ކަންތައް ކުރެއްވުން އެދެން،" އާތިފް ވިދާޅުވި އެވެ.

ރާއްޖެ އަށް ކާބޯތަކެތީގެ ގިނަ ބާވަތްތަކެއް އެތެރެކުރާ ލިލީ އެންޓަޕްރައިޒަސްގެ ބިސްނަސް ޑިވެޕޮލްމެންޓް މެނޭޖަ ހުސައިން ފައިސަލް ވިދާޅުވީ، އޯޑަރުތައް ކުރިއެކޭ އެއްގޮތަށް ކުރިއަށް ގެންދާ އިރު، މިހާތަނަށް ވެސް އެއްވެސް ސަޕްލަޔަރެއްގެ ފަރާތުން ސްޓޮކް ނައުމުގެ މައްސަލައެއް ދިމާ ނުވާ ކަމަށެވެ.

"ހުރިހާ ޝިޕްމެންޓްތަކެއް ބަރާބަރަށް ލިބެމުން ދަނީ. އަޅުގަނޑުމެން ފަރާތުން ޔަގީންކަން ދެން މި ދަނޑިވަޅުގައި އެއްވެސް ޝޯޓޭޖެއް ނާންނާނެ،" އޭނާ ވިދާޅުވި އެވެ.

ފައިސަލް ވަނީ ތަކެތި ގަންނަ ފަރާތްތަކުން ހަރަދުތައް މެނޭޖު ކުރުމުގާއި އާންމު އުސޫލުން ކަންކަން ކުރިއަށް ގެންދިއުމަށް އެދިވަޑައިގެންފަ އެވެ.

މިއަދުގެ ޕްރެސް ކޮންޕަރެންސްގައި ބައިވެރިވި ހުރިހާ އިމްޕޯޓަރުން ވެސް ބުނީ ތަކެތި ގެނައުމުގައި އެއްވެސް ތާށިކަމެއް ނޫޅޭ ކަމަށެވެ. ބަޔެއް އިމްޕޯޓަރުން ބުނީ، މީގެ މަހެއްހާ ދުވަސް ކުރިން ބައެއް ބާވަތްތައް ހޯދުމުގައި ޗައިނާ އިން ލަސްތަކެއް ކުރިމަތިވި ނަމަވެސް މިހާރު އެ ބާވަތްތައް ތާރީޚަށް ލިބޭ ކަމަށެވެ.