Roadha Mihaaru
ކޮވިޑް-19:ވީމީޑިއާ ޚަބަރެއް އިސްލާހުކުރަން އަންގައިފި

ކޮވިޑް-19: ވީމީޑިއާގެ ޚަބަރެއްގެ ސުރުޚީ އިސްލާހު ކުރަން މީޑިއާ ކައުންސިލުން އަންގައިފި

10 މާޗް 2020

ކޮވިޑް-19 ބައްޔާ ގުޅޭ ގޮތުން ވީމީޑިއާގައި ޝާއިއު ކުރި ޚަބަރެއްގެ ސުރުޚީ އިސްލާހު ކުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން އަންގައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ކޮވިޑް-19 ބައްޔާ ގުޅޭ ގޮތުން ވީމީޑިއާގައި ޝާއިއު ކުރި ޚަބަރެއްގެ ސުރުޚީ އިސްލާހު ކުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން އަންގައިފި އެވެ.

ވީމީޑީއާގެ ސީއީއޯ މުހައްމަދު ޒަހީނަށް އެމްއެމްސީން އިއްޔެ ފޮނުވި ސިޓީއެއްގައި ބުނީ "ފޯކައިދޫ ރައްޔިތުން ބިރުވެރިކަމެއްގެ ތެރޭގައި" ނަމުގައި ލިޔެފައިވާ ޚަބަރުގެ ސުރުޚީ އިސްލާހު ކުރަން އަންގާ ކަމަށެވެ. އަދި އެ ކަމާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކުން ފަހުގެ މައުލޫމާތު ހޯދައި އާ ޚަބަރެއް ލިޔުމަށް ވެސް އެމްއެމްސީގެ ސިޓީގައި ވީމީޑިއާ އަށް އެންގި އެވެ.

މީޑިއާތަކުން ގެނެސްދޭ ޚަބަރުތައް އިސްލާހުކޮށް، ވަކި ގޮތަކަށް ލިޔުންތައް ލިޔަން އެންގުމަކީ މީޑިއާ ރެގިއުލޭޓަރީ ބޮޑީތަކުން ފަހަކަށް އައިސް ކުރަމުންދާ ކަމެއް ނޫނެވެ. އެކަމަކު، މިހާރު ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅޭ ޚަބަރުތައް ލިޔުމުގައި ސަމާލުވުމަށާއި ދޮގު ޚަބަރު ނުފެތުރުމަށް އެމްއެމްސީން ވަނީ މީޑިއާތަކަށް އަންގައިފަ އެވެ. އަދި މި ދަނޑިވަޅުގައި ބްރޯޑްކާސްޓަރުން ގެނެސްދޭ ޚަބަރާއި މައުލޫމާތު ވަރަށް ގާތުން މޮނިޓާ ކުރަމުން ގެންދާ ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ބުނެފައި ވެ އެވެ.

"ވީއޮންލައިން" ގައި މިދިޔަ އާދިއްތަ ދުވަހު ލިޔެފައިވާ ޚަބަރުގައި ބުނެފައިވަނީ ކުރެއްދޫ ރިސޯޓްގައި މަސައްކަތް ކުރާ ފޯކައިދޫގެ ދެ މުވައްޒަފަކު އެ ރަށުގައި ހުއްޓައި ގޭގައި އައިސޮލޭޝަންގައި މަޑުކުރަން އެންގުމުން އެ ރަށު ތެރޭގައި ބިރުވެރިކަން ފެތުރިފައިވާ ކަމަށެވެ.

"މިކަންތަކާ ގުޅިގެން ފޯކައިދޫ ސިފަވަނީ ފަޅު ރަށެއްގެ ގޮތުގައިކަމަށް މައުލޫމާތު ދިންމީހާ ބުންޏެވެ. އޭނާ ބުނީ އެރަށު ރައްޔިތުންގެ ކަންބޮޑުވުންތައް ވަނީ އިންތިހާއަށް ގޮސްފައި ކަމަށާއި، ބައެއް މީހުން ކާޑުގެ ބާވަތްތައްވެސް ގަނޑުކޮށް ގަނެ، އާންމު ރައްޔިތުން މިހާރު ތިބީ ވަރަށް ބޮޑު ހާސްކަމެއްގެ ތެރޭގައި ކަމަށެވެ.،" ޚަބަރުގައި ބެ އެވެ.

މީޑިއާތަކުން ގެނެސްދޭ ޚަބަރުތައް އިސްލާހުކޮށް، ވަކި ގޮތަކަށް ލިޔުންތައް ލިޔަން އެންގުމަކީ މީޑިއާ ރެގިއުލޭޓަރީ ބޮޑީތަކުން ފަހަކަށް އައިސް ކުރަމުންދާ ކަމެއް ނޫނެވެ. އެކަމަކު، މިހާރު ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅޭ ޚަބަރުތައް ލިޔުމުގައި ސަމާލުވުމަށާއި ދޮގު ޚަބަރު ނުފެތުރުމަށް އެމްއެމްސީން ވަނީ މީޑިއާތަކަށް އަންގައިފަ އެވެ. އަދި މި ދަނޑިވަޅުގައި ބްރޯޑްކާސްޓަރުން ގެނެސްދޭ ޚަބަރާއި މައުލޫމާތު ވަރަށް ގާތުން މޮނިޓާ ކުރަމުން ގެންދާ ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ބުނެފައި ވެ އެވެ.

އެމްއެމްސީން އާދިއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑް-19 އާ ބެހޭ ގޮތުން ދޮގު ޚަބަރު ފަތުރާ ނޫސްތަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ. މި ދަނޑިވަޅުގައި އެކަށީގެން ނުވާ މައުލޫމާތު ފަތުރާ ނަމަ އެ މައުލޫމާތެއް ފަތުރާ މީޑިއާއަކަށް އެކަން އަންގައި އަދި އެންގުންތަކާ އެއްގޮތަށް އަމަލު ނުކޮށްފި ނަމަ "ގާނޫނީ ފިޔަވަޅު އަޅާނެ" ކަމަށް ވަނީ ބުނެފަ އެވެ.

ޗައިނާގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފެތުރެން ފެށި ކޮވިޑް-19 ދުނިޔޭގެ އެކި ހިސާބުތަކަށް މިހާރު ފެތުރިފައި ވާއިރު އެންމެ ބޮޑު އެއް މައްސަލަ އަކީ ބައްޔާ ބެހޭ ގޮތުން ސައްހަ ނޫން މައުލޫމާތު ފެތުރުން ކަމަށް ސިއްހީ ތަޖުރިބާކާރުން ގެންދަނީ ބުނަމުންނެވެ. އެހެން ގައުމުތަކުގައި ވެސް އަންނަނީ ބައްޔާ ގުޅޭ ސައްހަ ނޫން މައުލޫމާތު ފެތުރުމާ ދެކޮޅަށް ފިޔަވަޅުތައް އަޅަމުންނެވެ.

މިހާތަނަށް އެ ބައްޔަށް ރާއްޖޭން ހަ ބިދޭސީއަކު ވަނީ ޕޮޒިޓިވް ވެފަ އެވެ. އޭގެ ތެރެއިން ހަތަރު މީހުންނަކީ ކުރެއްދޫ އައިލެންޑް ރިސޯޓުގެ ބައެކެވެ. އަނެއް ދެ މީހުންނަކީ ބަތަލާ ރިސޯޓްގެ ދެ މީހުންނެވެ.