Roadha Mihaaru
އެޕަލް ދެމިއޮތުމަށް ކުރެވެން އޮތީ ކޮން ކަމެއް؟

އެޕަލް ދެމިއޮތުމަށް ކުރެވެން އޮތީ ކޮން ކަމެއް؟

10 އޮކްޓޯބަރ 2016

ސްޓީވް ޖޮބްސް ނެތް ހަޔާތެއްގައި އެޕަލް ދެމިނޯންނާނެ ކަމަށް ބުނާ މީހުން ދައްކާނެ ހުއްޖަތެއް ނެތެވެ. ޖޮބްސް މަރުވި ފަހުން ފަސް އަހަރު ފާއިތުވެ ދިޔައިރު ވެސް އެޕަލްގެ މުއްސަނދިކަމަށް ބަދަލެއް ނާދެ އެވެ. އާމްދަނީ ހައްތާ ވަނީ އިތުރެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

ސްޓީވް ޖޮބްސް ނެތް ހަޔާތެއްގައި އެޕަލް ދެމިނޯންނާނެ ކަމަށް ބުނާ މީހުން ދައްކާނެ ހުއްޖަތެއް ނެތެވެ. ޖޮބްސް މަރުވި ފަހުން ފަސް އަހަރު ފާއިތުވެ ދިޔައިރު ވެސް އެޕަލްގެ މުއްސަނދިކަމަށް ބަދަލެއް ނާދެ އެވެ. އާމްދަނީ ހައްތާ ވަނީ އިތުރެވެ.

ސްޓީވް ޖޮބްސް އަށް ފަހު އެޕަލުން އަލަށް ކުރި އީޖާދެއް ނެތެވެ. އެޕަލް އަށް ފައިސާ ވައްދާ މައިގަނޑު ވަސީލަތަކީ އައިފޯނެވެ. އައިފޯނު އީޖާދުކުރީ ޖޮބްސް އެވެ. އެ އަށް ފަހު ކޮންމެ އަހަރަކު އައިފޯނުގައި އެހެން ކުލައެއް ޖައްސަ އެވެ. އޮފުކޮށްލަ އެވެ. ވަފާތެރިން ބަލަނީ އެއީ މުޅިން އާ ފޯނެއް ކަމަށެވެ.

އެޕަލް އިން ޓެކްނޮލޮޖީ އަށް ބަދަލު ގެނެ އެވެ. އުފެއްދުންތަކުން މިހާރު ވެސް އެ ފެންނަނީ، ބުނެވޭ ގޮތުގައި، މާ ކުރިންސުރެ ކުޅިބައި އަތުރާފައި ހުރި ގޮތެވެ. އެ ކުޅިބައި ކޮންމެ ގޮތަށް އެތުރި ނަމަވެސް ކުންފުންޏަށް ގެއްލުމެއް ނެތެވެ.

މާކެޓް ދިރާސާކުރާ މީހުން އުފައްދާ ސުވާލެއް އެބަ އޮތެވެ؛ އެޕަލް އަށް އެހާ ގިނަ ފައިސާ ހޯދައިދޭ ވަސީލަތަކަށް އައިފޯނު އަބަދު ވާނެ ހެއްޔެވެ؟ މިސްރާބު އެހެން ދިމާއަކަށް ނުޖަހައި ކިހާ ދުވަހަކު ދެމިއޮންނާނެ ބާ އެވެ؟

އެޕަލް އަށް ވެދާނެ ގޮތަކާ މެދު ކަންބޮޑުވާ މީހުން ދެކޭ ގޮތުގައި، އެހެން ދިމާ އަކަށް ކުންފުނި އަނބުރަން ވެއްޖެ އެވެ. ހިކުމަތްތެރިކަމާ އެކު އެވެ. އައިފޯނުގައި ހުރުމަށް ބޭނުންކުރާ މީހުން އެދޭހާ ކަމެއް މިހާރު ހަމަވެއްޖެ އެވެ. އެއާ ކުޅެލަ ކުޅެލާ ތިބުމަކީ އުފެއްދުންތެރިކަމެއް ނޫނެވެ.

އޮޓަމެޓިކް ކާރު އުފެއްދުމަކީ އެޕަލް އަށް ކުރެވިދާނެ މަސައްކަތެކެވެ. އެޕަލް އިން ސްޕާޓްފޯން އީޖާދުކުރީ ވެސް މާކެޓްގައި ސްމާޓްފޯނުތައް ހުއްޓަ އެވެ. އޮޓަމެޓިކް ކާރު އުފެއްދުމުގައި އެޕަލް އަށް ވުރެ ކުރީގައި ގޫގުލް އުޅެ އެވެ. ޓެސްލާ މޯޓާސް އުޅެނީ އަދި ވަކިން ކުރީގަ އެވެ.

އެޕަލް ސިރީ ތަރައްގީކުރަނީ އޮޓަމެޓިކް ކާރަށް އަމާޒުކޮށް ކަމަށް ބުނެވެ އެވެ. އިންސާނެއްގެ އެހީ އަށް ބޭނުން ނުޖެހި އަމިއްލަ އަށް މަގު ހޯދައި ދަތުރުކުރާ ކާރުތަކަށް "ވޮއިސް އެސިސްޓެންޓް"އެއް ބޭނުންވާ ނަމަ އެޕަލުން އެކަމެއް ކުރާނެ އެވެ.

އައިފޯނު ކަހަލަ އެހެން ވަސީލަތެއް އެޕަލުން އީޖާދުކުރުމަކީ ވަފާތެރިންގެ ހުވަފެނެކެވެ. އެ މީހުންގެ އެދެނީ އެޕަލް އެ ގޮތުގައި، ގަދަ ބާރެއް ގޮތުގައި، ދެމި އޮތުމެވެ. ސްޓީވް ޖޮބްސް ދުނިޔޭގައި ނެތުމަކުން އުފެއްދުންތެރިކަން ގެއްލި ގޮސްގެން ނުވާނެ އެވެ.