Roadha Mihaaru
ދިފާއީ ނިޒާމަށް މުހިއްމު ފަސް މާއްދާއެއް

ދިފާއީ ނިޒާމަށް މުހިއްމު ފަސް މާއްދާއެއް

17 މާޗް 2020

ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑީ ދިފާއީ ނިޒާމު ބަލިކަށި މީހުންނަށެވެ. އޭގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިން ހިމެނެ އެވެ. އެހެންވެ މިއީ ދިފާއީ ނިޒާމު ވަރުގަދަކުރާނެ ކާނާއާ ބެހޭ ގޮތުން ގިނައިން ވާހަކަ ދައްކާ ދުވަސްވަރެކެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑީ ދިފާއީ ނިޒާމު ބަލިކަށި މީހުންނަށެވެ. އޭގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިން ހިމެނެ އެވެ. އެހެންވެ މިއީ ދިފާއީ ނިޒާމު ވަރުގަދަކުރާނެ ކާނާއާ ބެހޭ ގޮތުން ގިނައިން ވާހަކަ ދައްކާ ދުވަސްވަރެކެވެ.

އެގޮތުން ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށްދޭ މާއްދާތައް ލިއްބައިދޭ ކާނާތަކަށް އިސްކަން ދިނުން ވަރަށް މުހިއްމެވެ. ޑޮކްޓަރެއް ނުވަތަ ޑައިޓީޝަނެއްގެ އެހީގައި ކެއުމުގެ ވައްޓަފާޅި އަށް ގެންނަންވީ ބަދަލު ދެނެގަނެވިދާނެ އެވެ. އެހެންވެ ކޮވިޑް-19 ކަހަލަ ފަސޭހައިން ފެތެރެމުންދާ ބައްޔަކާ ދެކޮޅަށް މިއީ ކުރަން މި ވަގުތަށް ވަރަށް ވެސް މުހިއްމު ކަމެކެެވެ.

ދިފާއީ ނިޒާމު ވަރުގަދަކުރުމަށް ވިޓަމިން އޭ، ސީ، ޑީ، ބީ6 އަދި ޒިންކް ބޭނުންވެ އެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ވިޓަމިން އޭ އަކީ ހަށިގަނޑަށް ބޭނުންވާ މުހިއްމު ބައިތައް ލިއްބައިދޭ އެންޓިބޮޑީތަކަށް މަގުފަހިކޮށްދޭ ވައިޓް ބްލަޑް ސެލްތައް އާލާވުމަށް ވަރަށް މުހިއްމު މާއްދާއެކެވެ. މީގެ ސަބަބުން ދިފާއި ނިޒާމަށް ހަމަލާ ދޭ އަދި ރައްކާތެރިކޮށްދޭ ސެލްތަކުގެ މަސައްކަތަކަށް ބާރު ލިބެ އެވެ.

ވިޓަމިން އޭ ލިއްބައިދޭ ކާނާތަކުގެ ތެރޭގައި ބިހާއި ފެހިކަން ގަދަ ތަރުކާރީ އާއި އަނބާއި އޮރެންޖާއި ފަޅޮލާއި ކަރަ އާއި ފޭރާއި ކައްޓަލަ އާއި ކެރަޓްގެ އިތުރުން މަހުގެ ބާވަތްތަކުގެ ތެރެއިން ސަލްމަން އާއި މެކެރަލް ހިމެނެ އެވެ.

ވިޓަމިން ސީ މަޝްހޫރީ ވެސް ދިފާއީ ނިޒާމަށް އެންމެ ރަނގަޅު އެއް މާއްދާގެ ގޮތުގަ އެވެ. ވިޓަމިން ސީ ލިއްބައިދޭނެ ބާވަތްތަކުގެ ތެރޭގައި އޮރެންޖާއި ސްޓޯބެރީ އާއި ގްރޭޕްފުރުޓާއި ބްރޮކޮލީ އާއި ސްޕިނެޗާއި ބެލް ޕެޕާ އާއި ކޭލް ފަދަ ބާވަތްތައް ހިމެނެ އެވެ.

ވިޓަމިން އަކީ ދިފާއީ ނިޒާމަށް ހަމަލާދޭ އެކި ކަހަލަ އިންފެކްޝަންތަކުން ރައްކާތެރިކަން ހޯދަން މުހިއްމު މާއްދާއެކެވެ. މި ވިޓަމިން ލިއްބައިދޭ ބާވަތްތަކުގެ ތެރޭގައި ބިހުގެ ގޮނބޮޅި އާއި މަޝްރޫމް ހިމެނެ އަދި ސަލްމަން މަސް ހިމެނެ އެވެ. އަދި ވިޓަމިން ޑީ އަކީ ސަޕްލިމަންޓްތަކުން ވެސް ހޯދިދާނެ މާއްދާއެކެވެ.

މީހަކު މޭވާ އާއި ތަރުކާރީން ބުއިމެއް ހަދަނީ.

މީހަކު މޭވާ އާއި ތަރުކާރީން ބުއިމެއް ހަދަނީ.

ވިޓަމިން ބީ6 މުހިއްމު ވަނީ މިއީ ދިފާއީ ނިޒާމަށް ބައޮކެމިކަލް ރިއަކްޝަންތަކަށް މުހިއްމު މާއްދާއަކަށްވުމެވެ. އަދި މިއީ ހަށިގަނޑުގެ ޖަރާސީމުތަކާ ދެކޮޅަށް މަސައްކަތްކޮށްދޭނެ އެންޓިއޮކްސިޑަންޓްތައް ހިމެނޭ މާއްދާއެކެވެ. ވިޓަމިން ބީ6 ލިއްބައިދޭ ކާނާތަކުގެ ތެރޭގައި ކުކުޅު މަސް، ސޭމަން، ކަޅުބިލަ މަސް، ފެހި ތަރުކާރީ އަދި ސަނާމުގު ހިމެނެ އެވެ.

ހަށިގަނޑުގެ ދިފާއީ ނިޒާމި ވަރުގަދަކޮށްދޭ ޒިންކް ލިއްބައިދޭ ކާނާތަކަށް ބަލާ އިރު، ބަރަބޯ، ބިސް، ކަނޑުމަހުގެ ބާވަތްތައް، އެކި ވައްތަރުގެ މުގު އަދި ސަންފްލާވާ އޮށް ފަދަ ތަކެތި ހިމެނެ އެވެ.