Roadha Mihaaru
އައްޑޫގެ ކަރަންޓީނު ފެސިލީޓީއަކަށް ގަމުގެ ދޫގަސް

އައްޑޫގެ ކަރަންޓީނު ފެސިލީޓީއަކަށް ގަމުގެ ދޫގަސް

18 މާޗް 2020

ކޮވިޑް-19 ފެތުރޭތީ ރާއްޖޭގައި ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާންކޮށްފައިވާ އިރު، ރާއްޖޭގެ އަތޮޅުތަކުން އާބާދީ އެންމެ ބޮޑު އައްޑޫގެ ކަރަންޓީނު ފެސިލިޓީއަކަށް ގަމުގެ ދޫގަސް ހަމަޖައްސައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޮވިޑް-19 ފެތުރޭތީ ރާއްޖޭގައި ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާންކޮށްފައިވާ އިރު، ރާއްޖޭގެ އަތޮޅުތަކުން އާބާދީ އެންމެ ބޮޑު އައްޑޫގެ ކަރަންޓީނު ފެސިލިޓީއަކަށް ގަމުގެ ދޫގަސް ހަމަޖައްސައިފި އެވެ.

ގާތްގަނޑަކަށް 80 ވަރަކަށް އެނދުގެ އެ ތަނަކީ ކުރިން ގެސްޓް ހައުސްއެއްގެ ގޮތުގައި ހިންގި ތަނެކެވެ. ދޫގަސް އެންމެ ފުރަތަމަ ސަރުކާރުގެ ގެސްޓް ހައުސްއެއްގެ ގޮތުގައި ތަރައްގީކޮށް ހިންގީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގަ އެވެ. އޭގެ ފަހުން އެކި ފަހަރުމަތިން، އެކި ނަންނަމުގައި އެކި ކުންފުނިތަކުން ދޫގަސް ހިންގާފައިވެ އެވެ.

ކޮރޯނާވައިރަސް ކޮންޓްރޯލްކުރުމަށް އައްޑޫގައި އެކުލަވާފައިވާ ޓާސްކް ފޯހުގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އައްޑޫގެ ކަރަންޓީނު ފެސިޓީއަކަށް ދޫގަސް ނަގައި، އެތަނުގައި ހަ އެނދެއް މި ވަގުތު އެކަމަށް ތައްޔާރުކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ކުއްލި ކަރަންޓީނަކަށް ހުޅުމީދޫ ސިއްހީ މަރުކަޒުން ވެސް ޖާގައެއް ހަމަޖައްސާފައިވާ ކަމަށާއި ވަކިން އޮންނަ ހުޅުދު އާއި މީދޫން މީހަކު ކަރަންޓީނުގައި ބަހައްޓަން ޖެހޭ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެ މީހަކު ވެސް ބަދަލުކުރާނީ ދޫގަހަށެވެ.

އޮފިޝަލު ވިދާޅުވި ގޮތުގައި އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއޭ) ގައި ވެސް އައިސޮލޭޝަނަށް ހަތަރު އެނދުގެ ވޯޑެއް ވެސް މިހާރު ހަމަޖައްސާފައިވާ އިރު، އަންނަ ހޮނިހިރު ދުވަހުބް ފެށިގެން ހޮސްޕިޓަލުން ފްލޫ ކްލިނިކެއްގެ ހިދުމަތް ވެސް ދޭން ފަށާނެ އެވެ.

ކޮރޯނާވައިރަހުގެ ހާލަތަށް ރިއާޔަތްކޮށް، އައްޑޫން ތައްޔާރީތަކެއް ވަމުން އަންނަ އިރު، ވައިރަހަށް ޝައްކުކުރެވޭ ކުއްޖަކު އުޅެމުން އަންނަ ހިތަދޫ އާއިލާއެއް މިހާރު ތިބީ 14 ދުވަހުގެ ހޯމް އައިސޮލޭޝަނުގަ އެވެ.