Roadha Mihaaru
އައްޑޫގައި ކޮވިޑްގެ ކޭސްތަކަށް ދަށްވުމެއް

އައްޑޫގައި ކޮވިޑްގެ ކޭސްތަކަށް ދަށްވުމެއް

31 މެއި 2021

މިދިޔަ މަހުން ފެށިގެން އައްޑޫގައި ކޮވިޑް-19 ގެ ކޭސްތައް އިތުރުވެ، މިހާރު ބަލި ޖެހިފައިވާ މީހުންގެ އަދަދު 100 އިން މަތީގައި ހުއްޓަސް ފާއިތުވި ދެ ތިން ދުވަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ބަލިޖެހޭ މީހުންގެ އަދަދު ދަށްވާން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ މަހުން ފެށިގެން އައްޑޫގައި ކޮވިޑް-19 ގެ ކޭސްތައް އިތުރުވެ، މިހާރު ބަލި ޖެހިފައިވާ މީހުންގެ އަދަދު 100 އިން މަތީގައި ހުއްޓަސް ފާއިތުވި ދެ ތިން ދުވަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ބަލިޖެހޭ މީހުންގެ އަދަދު ދަށްވާން ފަށައިފި އެވެ.

އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އީއޯސީ) އިން ބުނި ގޮތުގައި އިއްޔެ އައްޑޫން ޕޮޒިޓިވް މީހުންގެ އަދަދަކި ތިނެކެވެ. އޭގެ ކުރީ ދުވަހު ހަތަރެކެވެ. މި މަހުގެ 28 ވަނަ ދުވަހު 10 މީހަކު ޕޮޒިޓިވް އިރު، 27 ވަނަ ދުވަހުގެ އަދަދަކީ 16 އެވެ. އަދި 26 ވަނަ ދުވަހު ޕޮޒިޓިވްވީ ހަ މީހެކެވެ.

ފާއިތުވި 10 ވަރަކަށް ދުވަހަށް ބަލާ އިރު އައްޑޫން އެންމެ ގިނަ މީހުން ޕޮޒިޓްވި ކަމަށް ދައްކަނީ މި މަހުގެ 20 ގަ އެވެ. އެ ދުވަހުގެ އަދަދަކީ 23 އެވެ.

މިދިޔަ މަހުގެ ކުރީކޮޅުން ފެށިގެން ކޭސްތައް އިިތުރުވާން ފެށި ފަހުން އެއް ދުވަހެއްގައި އެންމެ ގިނަ ޕޮޒިޓިވް ކޭސްތައް ރެކޯޑްކުރެވިފައި ވަނީ މި މަހުގެ 17 ވަނަ ދުވަހު އެވެ. އެއީ 27 އެވެ.

މިހާރު އައްޑޫގައި ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ އަދަދު 174 ގައި އުޅޭ އިރު، ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 101 އެވެ. މިހާރު އަނެއްކާ ވެސް އިއްޔެ އިން ފެށިގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށް އެކަކަށް ފަރުވާދޭން ފަށާފައިވާ އިރު، މިދިޔަ ހަފުތާގެ ފަހުކޮޅަށް އައި އިރު އެޑްމިޓްކޮށް ފަރުވާދޭ މީހަކު ނެތެވެ. އެކަމަކު ކުރިން އެޑްމިޓްކޮށް ފަރުވާ ދިން ހަ މީހުންގެ ތެރެއިން ދެ މީހަކު މަރުވެފައިވެ އެވެ.

އައްޑޫގެ މިހާރު ކޭސްތައް ބެހިފައިވާ ގޮތަށް ބަލާ އިރު 121 ކޭހާ އެކު އެންމެ ގިނަ އެކްޓިވް ކޭސްތައް އުޅެނީ ހިތަދޫގަ އެވެ. ދެން ހުޅުދޫގައި 22، މަރަދޫގައި 12، ފޭދޫގައި އަށެއް، މީދޫގައި ހަތެއް އަދި މަރަދޫފޭދޫގައި އެކަކެވެ. މީގެ އިތުރުން ރިސޯޓް/ގަން ހިމެނޭ ގޮތަށް ތިން ކޭހެވެ.

މިހާތަނަށް އައްޑޫގައި 4،064 ސާމްޕަލް ނަގާފައިވާ އިރު، ޑައިރެކްޓް ކޮންޓެކްޓުންގެ އަދަދު 542 އަށް އެވެ. އަދި މިދިޔަ މަހުން ފެށިގެން ބަލި ޖެހުނު މީހުންހެ ޖުމްލަ އަދަދަކީ 277 އެވެ.

ބައްޔަށް ޕޮޒިޓިވްވާ މީހުން ދަށްވަމުން ދިޔަ ނަމަވެސް އޯއީސީ އިން ބުނި ގޮތުގައި ރޭންޑަމް ސާމްޕަލް ނަގާ މިންވަރު އަނެއްކާ ވެސް އިތުރުކުރާނެ އެވެ. މިހާރު ހުރި އެކްޓިވް ކޭސްތަކުގައި ތެރޭގައި ވެސް ރޭންޑަމް ސާމްޕަލްތަކުން ޕޮޒިޓިވް މީހުން ހިމެނެ އެވެ. އެހެންވެ އައްޑޫގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތް ކަމަށް އޯއީސީ އިން ބުނެފައިވެ އެވެ.

ކޮވިޑްގެ ކޭސްތައް ފެންނަން ފެށުމާ ގުޅިގެން މި މަހުގެ 1 ފެށިގެން އައްޑޫ އޮތީ މޮނިޓަރިންގަ އެވެ. އެއާ ރައްކާތެރިކަމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅާފައިވެ އެވެ.