Roadha Mihaaru
އެމިރޭޓްސްގެ ހުރިހާ ދަތުރުތަކެއް ވަގުތީގޮތުން ހުއްޓާލަނީ

އެމިރޭޓްސްގެ ހުރިހާ ދަތުރުތަކެއް ވަގުތީ ގޮތުން ހުއްޓާލަނީ

22 މާޗް 2020

ކޮރޯނާވައިރަސްއާ ހެދި ގައުމުތަކަށް ދަތުރުކުރުން ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްފައި ވާތީ ދިމާވެފައިވާ ދަތިތަކާ ހެދި، އެމިރޭޓްސްގެ ހުރިހާ ދަތުރުތަކެއް ވަގުތީ ގޮތުން ހުއްޓާލަން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކޮރޯނާވައިރަސްއާ ހެދި ގައުމުތަކަށް ދަތުރުކުރުން ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްފައި ވާތީ ދިމާވެފައިވާ ދަތިތަކާ ހެދި، އެމިރޭޓްސްގެ ހުރިހާ ދަތުރުތަކެއް ވަގުތީ ގޮތުން ހުއްޓާލަން ނިންމައިފި އެވެ.

ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮރޯނާވައިރަސްއާ ގުޅިގެން ގިނަ އެއާލައިންތަކެއްގެ ދަތުރުތައް ވަނީ މެދުކަނޑާލައިފަ އެވެ. ރާއްޖެ އަށް ދަތުރުކުރާ އެތައް އެއާލައިނެއްގެ ދަތުރުތައް ވެސް ހުއްޓިފައި ވާއިރު އެމިރޭޓްސް އަދިވެސް ދަތުރުކުރެ އެވެ.

އެމިރޭޓްސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ފަސިންޖަރުން އުފުލަން ކުރާ ހުރިހާ ދަތުރުތަކެއް މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ހުއްޓާލަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެ އެއާލައިންގެ ސްކައިކާގޯގެ ހިދުމަތް ކުރިއަށްދާނެ ކަމަށް ބުންޏެވެ.

އެމިރޭޓްސް އިން ބުނީ ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑާލަން ނިންމީ މި ދުވަސްވަރު ދަތުރުކުރާ މީހުންގެ އަދަދު މަދުވުމާއި ބައެއް ގައުމުތަކަށް ދަތުރުކުރުން މަނާކޮށްފައިވާތީ ދިމާވަމުންދާ ދަތިތަކާ ގުޅިގެން ކަމަށެވެ. މިއީ ވިޔަފާރި ދެމެހެެއްޓުމާއި ވަޒީފާތައް ހިމާޔަތްކުރުމަށް، މި ނޫން އެހެން ގޮތެއް ނެތިގެން އެޅި ފިޔަވަޅެއް ކަމަށް ބަޔާނުގައިވެ އެވެ.

ދަތުރުތައް މެދުކަނޑާލިޔަސް އެއާލައިންގެ މުވައްޒަފުން މަދުކުރުމުގެ ވިސްނުމެއް ނެތް ކަމަށާއި ވަޒީފާގެ ޔަގީންކަން މުވައްޒަފުންނަށް އޮންނާނެ ކަމަށް އެމިރޭޓްސް އިން ބުންޏެވެ. އަދި ދަތުރުތައް މެދުކަނޑާލުމުން ލިބޭނެ ދަތިތަކަށް މާފަށް އެދޭ ކަމަށާއި ހާލަތު ރަނގަޅުވުމުން އަލުން ދަތުރުތައް ފަށާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ކޮރޯނާވައިރަސް ރާއްޖެ އިން ވެސް ފެނިފައި ވާއިރު، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ބައެއް ގައުމުތަކުން ރާއްޖެއަށް މީހުން އައުން މަނާކުރުން ހިމެނެ އެވެ.

ކޮރޯނާވައިރަހުން ޖެހޭ ކޮވިޑް-19 ހުރި 13 މީހަކު ރާއްޖޭން މިހާތަނަށް ފެނިފައިވެ އެވެ. މުޅި ދުނިޔެ އަށް ބަލާއިރު މިހާތަނަށް 318،000 އަށް ވުރެ ގިނަ މީހުންނަށް މި ބަލި ޖެހި 13،600 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.