Roadha Mihaaru
ހުޅަނގުގެ ޑިޕްލޮމޭޓުން އަފްގާނުން ބޭރުކުރަނީ

ހުޅަނގުގެ ޑިޕްލޮމޭޓުން އަފްގާނިސްތާނުން ބޭރުކުރަނީ

16 އޯގަސްޓް 2021

އަފްގާނިސްތާނުގައި ތިބި ހުޅަނގުގެ ގައުމުތަކުގެ ޑިޕްލޮމޭޓުން އެ ގައުމުން ބޭލުމުގެ މަސައްކަތް އެ ގައުމުތަކުން ކުރަމުން އެބަ ދެ އެވެ.

އަފްގާނިސްތާނުގައި ތިބި ހުޅަނގުގެ ގައުމުތަކުގެ ޑިޕްލޮމޭޓުން އެ ގައުމުން ބޭލުމުގެ މަސައްކަތް އެ ގައުމުތަކުން ކުރަމުން އެބަ ދެ އެވެ.

ހުޅަނގުގެ ޑިޕްލޮމޭޓުން އަފްގާނިސްތާނުން ބޭލުމުގެ ކުއްލި އޮޕަރޭޝަނެއް އެމެރިކާ ސިފައިން ފެށީ ހޮނިހިރު ދުވަހުގެ ރެޔެވެ. އެއީ ތާލިބާންގެ ހަނގުރާމަވެރިން އަފްގާނުގެ ވެރިރަށް ކާބުލް ވަށާލައި، ރައީސް އަޝްރަފް ޣަނީގެ ވެރިކަން ވެއްޓިދާނެ ކަމުގެ ބިރު އުފެދުމާ ގުޅިގެންނެވެ.

އަފްގާނިސްތާނުގައި ތިބި އެމެރިކާ ރައްޔިތުން ރައްކާތެރިކަމާ އެކު އެ ގައުމުން ބޭލުމަށްޓަކައި، އެމެރިކާގެ 5،000 ސިފައިން އެ ގައުމަށް ފޮނުވުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ހުއްދަ ދެއްވީ މިދިޔަ ހޮނިހިރު ދުވަހުގެ ރެޔެވެ. އޭގެ ތެރެއިން ބައެއް ސިފައިން އިއްޔެ އަފްގާނިސްތާނަށް ގޮސް އެންމެ ފުރަތަމަ ފެށީ، ކާބުލްގައި ހުންނަ އެމެރިކާ އެމްބަސީގައި ތިބި އެމެރިކާ ރައްޔިތުން، އަސްކަރީ ހެލިކޮޕްޓަރުތަކުގައި ކާބުލްގެ ވައިގެ ބަނދަރަށް އުފުލުމުގެ މަސައްކަތެވެ.

އެއަށް ފަހު، އެ މީހުން އަސްކަރީ މަތިންދާބޯޓުތަކުގައި އަފްގާނިސްތާނުން ބޭރަށް ގެންދަނީ އެވެ. އެމެރިކާ ސިފައިންނާ އެކު، އިނގިރޭސި ވިލާތުގެ ސިފައިން ވެސް އަންނަނީ، އަފްގާނިސްތާނުގައި ތިބި ހުޅަނގުގެ ގައުމުތަކުގެ ރައްޔިތުން އެ ގައުމުން ބޭރު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

މި މަސައްކަތް ކުރިއަށް ދާއިރު، އެމެރިކާ ސިފައިން ވަނީ ކާބުލްގެ ވައިގެ ބަނދަރު އެމީހުންގެ ފުރިހަމަ ބާރުގެ ދަށަށް ގެނެސްފަ އެވެ. ކާބުލްގެ ވައިގެ ބަނދަރުގެ ކޮންޓްރޯލް ޓަވަރުގައި ވެސް ތިބީ އެމެރިކާގެ ސިފައިންނެވެ.

ކާބުލްގައި ހުރި ހުޅަނގުގެ ގިނަ ގައުމުތަކުގެ އެމްބަސީތައް މިހާރު ހުރީ ބަންދުކޮށްފަ އެވެ. އޭގެ އިތުރުން ދެކުނު ކޮރެއާ އާއި ނިއު ޒީލެންޑުގެ ޑިޕްލޮމޭޓުން ވެސް އަފްގާނިސްތާނުން ބޭލުމުގެ މަސައްކަތް އެ ދެ ގައުމުން މިހާރު އަންނަނީ ކުރަމުންނެވެ.

ދެކުނު ކޮރެއާގެ އެމްބަސީ ބަންދުކޮށް، އެ ތަނުގައި ތިބި މީހުންގެ ތެރެއިން ގިނަ ބަޔަކު މިހާރު ވަނީ މެދުއިރުމަތީގެ ގައުމަކަށް ގެންގޮސްފަ އެވެ. ބެލެވޭ ގޮތުގައި އަފްގާނިސްތާނުން ބޭރުކުރާ ހުޅަނގުގެ މީހުން ފުރަތަމަ ގެންދަނީ ކުވައިތުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށެވެ. އެ މީހުންގެ ގައުމުތަކަށް ފުރަނީ ކުވައިތުންނެވެ.

ތާލިބާންގެ ހަނގުރާމަވެރިން އަފްގާނިސްތާން ހިފުމާ ގުޅިގެން، އެ ގައުމުން ހުޅަނގުގެ ޑިޕްލޮމޭޓުން ބޭރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، އެ ގައުމު ދޫކޮށް ދާން ބޭނުންވާ އަފްގާނިސްތާނުގެ އާންމުންގެ ބަޔަކު، އޮގަސްޓް 16، 2021 ގައި ކާބުލްގެ ވައިގެ ބަނދަރުގައި މަޑުކޮށްލައިގެން. --އޭއެފްޕީ

ތާލިބާންގެ ހަނގުރާމަވެރިން އަފްގާނިސްތާން ހިފުމާ ގުޅިގެން، އެ ގައުމުން ހުޅަނގުގެ ޑިޕްލޮމޭޓުން ބޭރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، އެ ގައުމު ދޫކޮށް ދާން ބޭނުންވާ އަފްގާނިސްތާނުގެ އާންމުންގެ ބަޔަކު، އޮގަސްޓް 16، 2021 ގައި ކާބުލްގެ ވައިގެ ބަނދަރުގައި މަޑުކޮށްލައިގެން. --އޭއެފްޕީ

ނިއު ޒީލޭންޑުގެ ބޮޑުވަޒީރު ޖަސިންޑާ އަރްޑާން މިއަދު ވިދާޅުވި ގޮތުގައި އަފްގާނިސްތާނުގައި ތިބި ނިއު ޒީލޭންޑްގެ ހުރިހާ ރައްޔިތުން އެ ގައުމުން ބޭރުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ އެވެ. އޭގެ އިތުރުން އަފްގާނިސްތާނުގައި ނިއު ޒީލޭންޑް ސިފައިން ތިބި އިރު، އެ މީހުންނަށް އެހީތެރިވެދިނުމުގައި އުޅުނު އަފްގާނިސްތާނުގެ ރައްޔިތުން ވެސް އެ ގައުމަށް ގެންނާނެ ކަމަށް ބޮޑުވަޒީރު ވިދާޅުވި އެވެ.

ނިއު ޒީލޭންޑުގެ 53 މީހަކު އަފްގާނިސްތާނުގައި މިވަގުތު އެބަ ތިއްބެވެ. އޭގެ އިތުރުން ނިއު ޒީލޭންޑް ސިފައިންނަށް އެހީތެރިވުމުގައި އުޅުނު 37 މީހަކު ވެސް އެބަތިއްބެވެ. އެ ހުރިހާ އެންމެން ވެސް ރައްކާތެރިކަމާ އެކު އަފްގާނިސްތާނުން ބޭލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ބޮޑުވަޒީރު ވިދާޅުވި އެވެ.

މީހުން ބޭލުމުގެ ބޮޑު އަސްކަރީ އޮޕަރޭޝަނެއް، ވައިގެ މަގުން ކުރިއަށް ދާއިރު، އެއްވެސް ކަހަލަ ނުރައްކާތެރި ހާދިސާއެއް ހިނގިޔަ ނުދިނުމަށްޓަކައި، ބައެއް އެއާލައިންތަކުން މިހާރު ވަނީ އަފްގާނިސްތާނުގެ ވައިގެ ސަރަހައްދުގެ ތެރެއިން ދަތުރުކުރުން ހުއްޓާލައިފަ އެވެ. އޭގެ އިތުރުން ބައެއް އެއާލައިންތަކުން ވަނީ، އަފްގާނިސްތާނުގެ ވައިގެ ސަރަހައްދު ހުރަސްކޮށް ކުރަންޖެހޭ ދަތުރުތައް ކެންސަލް ކޮށްފަ އެވެ.

އެމިރޭޓްސް އެއާލައިން އިން ކާބުލް އާއި އެހެން ގައުމުތަކާ ދެމެދު ކުރާ ދަތުރުތައް ކެންސަލްކޮށްފައިވާ އިރު، ފްލައި ޑުބާއިގެ ދަތުރުތައް ވެސް މި ވަގުތަށް ވަނީ މެދުކަނޑާލައިފަ އެވެ.

އެމެރިކާގެ ޔުނައިޓެޑް އެއާލައިން އިން ބުނި ގޮތުގައި އެ ކުންފުނީގެ ބޯޓުތައް މި ވަގުތު ދަތުރުކުރާނީ އަފްގާނިސްތާނުގެ ވައިގެ ސަރަހައްދުގެ ބޭރުންނެވެ.