Roadha Mihaaru
"ފަހު ރުފިޔާ ވެސް ހޭދަކުރާނީ ރައްކާތެރި ކަމަށް"

އެންމެ ފަހު ރުފިޔާއާ ޖެހެންދެން ވެސް ހޭދަކުރާނީ ރައްޔިތުންގެ ރައްކާތެރި ކަމަށް: މަބްރޫކް

24 މާޗް 2020

ކޮވިޑް-19 އާ ގުޅިގެން އަޅާ ހުރިހާ ފިޔަވަޅެއް ވެސް އަޅާނީ އާއްމު ސިއްހަތަށް ވިސްނައިގެން ކަމަށާއި ރައްޔިތުންގެ ރައްކާތެރިކަމަށް ޓަކައި އެންމެ ފަހު ރުފިޔާއާ ޖެހެންދެން ހޭދަކުރަން ތައްޔާރަށް އޮތް ކަމަށް ސަރުކާރުން މިރޭ ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކޮވިޑް-19 އާ ގުޅިގެން އަޅާ ހުރިހާ ފިޔަވަޅެއް ވެސް އަޅާނީ އާއްމު ސިއްހަތަށް ވިސްނައިގެން ކަމަށާއި ރައްޔިތުންގެ ރައްކާތެރިކަމަށް ޓަކައި އެންމެ ފަހު ރުފިޔާއާ ޖެހެންދެން ހޭދަކުރަން ތައްޔާރަށް އޮތް ކަމަށް ސަރުކާރުން މިރޭ ބުނެފި އެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ ސެންޓަރުގެ ތަރުޖަމާނު އަދި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކް އަބްދުލް އަޒީޒު ވިދާޅުވީ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުން ނޫން ވިސްނުމެއް ސަރުކާރުގެ ނެތް ކަމަށެވެ. ކޮވިޑް-19 ފެތުރޭތީ ސަރުކާރުން އެޅި ފިޔަވަޅުތަކާ އެކުގައި ވެސް މަގުތަކުން މީހުން މަދު ނުވާތީ އިތުރު ފިޔަވަޅެއް އަޅަން ސަރުކާރުން ގަސްދުކުރޭތޯ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން މަބްރޫކް ވިދާޅުވީ ފިޔަވަޅުތައް އެޅުމުގައި ވަރަށް ފުޅާ ދާއިރާއެއްގައި ބަލަން ޖެހޭ ގިނަ ކަންތައްތަކެއް ހުންނަ ކަމަށެވެ.

އެގޮތުން ކާބޯތަކެތީގެ ރައްކާތެރިކަމާއި އެނޫން ގިނަ ކަންތައްތަކަކާ މެދު ވިސްނަން ޖެހޭ ކަމަށާއި ހޯދަން ޖެހެނީ ރައްޔިތުންގެ ރައްކާތެރިކަމާ ގުޅޭ ހުރިހާ ކަމެއް ހިމެނޭ ފިޔަވަޅުތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިތިބީ އެންމެ ފަހު ރުފިޔާއާ ޖެހެންދެން، ރައްޔިތުންގެ ރައްކާތެރިކަމަށް ޓަކައި ހޭދަކުރުން. އެނޫން ވިސްނުމެއް ނެތް. އަޅުގަނޑުމެން މިއުޅެނީކީއެއް ރާއްޖެ އަށް އެހެން ގޮތަކުން ލާރިތަކެއް [ވައްދަން] އެހެނެއް ނޫން،" އޭނާ ވިދާޅުވި އެވެ.

ގައުމު ހުއްޓުމަކަށް ގެނެސްގެން ރައްކާތެރިކަން ކަށަވަރު ނުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސަރުކާރުން އެޅި ފިޔަވަޅުތަކަށް ފަހުގައި ވެސް މަގުތަކުގައި މީހުން އުޅުނު ކަމަށް ވިޔަސް، ގިނަ ބަޔަކު ގޭގައި ތިބޭ ކަން ވެސް މަބްރޫކް ވިދާޅުވި ގޮތުން މިހާރު ވަނީ ފާހަގަ ކުރެވިފަ އެވެ. އެކަމަށް އޭނާ މިރޭ ވެސް އިތުރަށް ހިތްވަރު ދެއްވި އެވެ.

ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ނިންމާ ކޮންމެ ކަމެއްގައި ކަމާ ބެހޭ އެންމެހާ ފަރާތްތައް ބައިވެރިވާ ކަަމަށާއި އެހެން ނަމަވެސް އެންމެ ބޮޑު އިސްކަމެއް ދެނީ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރުގެ އިރުޝާދުތަކަށް ކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ.

ކޮވިޑް-19 ފެތުރޭތީ ރާއްޖޭގައި މިހާރު އިއުލާނުކޮށްފައިވާ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި އާއްމު ސިއްހަތާ ގުޅޭ ހުރިހާ ކަމެއް ނިންމަވާނީ ޑައިރެކްްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އެވެ.

ކޮވިޑް-19 ޖައްސާ ކޮރޯނާވައިރަސް އަށް ރާއްޖޭން މިހައިތަނަށް ޕޮޒިޓިވްވީ 13 މީހެކެވެ. އޭގެ ތެރެއިން ފަސްމީހަކު މިހާރު ވަނީ ރަނގަޅުވެފަ އެވެ.