Roadha Mihaaru
ކޮވިޑް-19: ކުއްލިއަކަށް ކޭސްތައް އިތުރުވެއްޖެ

ކޮވިޑް-19: ކުއްލިއަކަށް ކޭސްތައް އިތުރުވެއްޖެ

18 އެޕްރީލް 2021

ރާއްޖޭގައި ކޮންމެ ދުވަހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު 100 އިން ދަށުގައި ވޭތުވެދިޔަ ދުވަސްތަކުގައި ހުރުމަށް ފަހު އަނެއްކާވެސް އިތުރުވާން ފަށައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރާއްޖޭގައި ކޮންމެ ދުވަހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު 100 އިން ދަށުގައި ވޭތުވެދިޔަ ދުވަސްތަކުގައި ހުރުމަށް ފަހު އަނެއްކާވެސް އިތުރުވާން ފަށައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ އާއްމުކުރި މައުލޫމާތުގައިވާ ގޮތުން އިއްޔެ ހަވީރު 6:00 އިން ފެށިގެން މިއަދު ހަވީރު 6:00 އަށް ރާއްޖޭގައި ޓެސްްޓްކުރި 3،238 ސާމްޕަލްގެ ތެރެއިން 203 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. މިއީ، މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ފެށި މި ރޯދަމަހާ ދިމާކޮށް، އެޗްޕީއޭ އިން ދިން ބައެއް ލުއިތަކާއެކު، ކޮވިޑް ކޭސްތައް މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ. އަދި މިދިޔަ ހަފުތާގެ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ފަހު، ކޮވިޑް ޖެހުނު މީހުންގެ އަދަދު މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރު ވެސް މެ އެވެ.

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި އަލަށް ކޮވިޑް ޖެހުނު 203 މީހުންގެ ތެރެއިން 115 މީހަކަށް ކޮވިޑް ޖެހުނީ މާލޭ ސަރަހައްދުންނެވެ. މީހުން އުޅޭ އެހެން ރަށްތަކުން 70 މީހަކާއި ރިސޯޓްތަކުން 18 މީހަކު ވެސް ވަނީ ޕޮޒިޓިވްވެފަ އެވެ.

އެޗްޕީއޭ އިން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި މަހުގެ 9 ވަނަ ދުވަހުން ފެށިގެން ރެއާ ހަމައަށް ރާއްޖޭގައި ދުވާލަކު ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ހުރީ 100 އިން ދަށުގަ އެވެ. ނަމަވެސް އިއްޔެ، އެ ބަލީގެ ކޭސްތަކުގެ އަދަދު 124 އަށް އެރި އެވެ. އެެއީ 2،503 ސާމްޕަލްގެ ތެރެއިންނެވެ. އިއްޔެގެ ކޭސްތަކުގެ ތެރޭގައި ވެސް ގިނައީ މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުންނެވެ.

މިރޭ އާއްމުކުރި މައުލޫމާތުގައިވާ ގޮތުން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންނާ އެކު އެ ބަލީގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ މިހާރު 2،678 އެވެ. އޭގެ ތެރެއިން 60 މީހަކަށް ހޮސްޕިޓަލްގައި އަންނަނީ ފަރުވާދެމުންނެވެ.

ރާއްޖޭން ކޮވިޑް ޖެހުނު މީހުންގެ ޖުމުލައަކީ މިހާރު 26،348 އެވެ. އެ ބަލީގައި މަރުވި މީހުންގެ އަދަދަކީ 70 އެވެ.