Roadha Mihaaru
މޭގަން އަށް ޑިޒްނީން "ވަޒީފާއެއް" ކަށަވަރު

މޭގަން މާކްލް އަށް ޑިޒްނީން "ވަޒީފާއެއް"

28 މާޗް 2020

ޕްރިންސް ހެރީ އާއި އަނބިކަނބަލުން މޭގަން މާކަލް ޝާހީ ޒިންމާތައް ދާދި ދޫކޮށްލެއްވީ ވެސް އަމިއްލަ މަސަައްކަތުން ދިރިއުޅުން ބިނާކުރެއްވުމަށްޓަކަ އެވެ. އެ މަސައްކަތް މިހާރު މިއޮތީ ފެށިފަ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޕްރިންސް ހެރީ އާއި އަނބިކަނބަލުން މޭގަން މާކަލް ޝާހީ ޒިންމާތައް ދާދި ދޫކޮށްލެއްވީ ވެސް އަމިއްލަ މަސަައްކަތުން ދިރިއުޅުން ބިނާކުރެއްވުމަށްޓަކަ އެވެ. އެ މަސައްކަތް މިހާރު މިއޮތީ ފެށިފަ އެވެ.

ކުރިން ހޮލީވުޑްގެ ބަތަލާއެއްގެ ގޮތުގައި މަސައްކަތްކުރެއްވި މޭގަން އަށް ވަނީ ޑިޒްނީގެ ޕްރޮޖެކްޓެއްގައި މަސައްކަތްކުރަައްވަން ލިބިވަޑައިގެންފަ އެވެ. މިކަން އެ ސްޓޫޑިއޯ އިން ކަށަވަރުކޮށް ދީފައި މި ވަނީ މޭގަން އަލުން ހޮލީވުޑަށް ނުކުމެވަޑައިގަންނަވަން އުޅުއްވާ ވާހަކަ އާއި ޑިޒްނީން އޭނާ އަށް ޕްރޮޖެކްޓްތަކެއް ވެސް ހުށަހަޅާފައިވާ ކަމަށް މީޑިއާތަކުން ދާދި ފަހުން ރިޕޯޓްކޮށްފައި ވަނިކޮށެވެ.

ޑިޒްނީން ކުރި ޓްވީޓެއްގައި ބުނި ގޮތުގައި އެތަނުގެ ސްޓްރީމިން ޕްލެޓްފޯމް ޑިޒްނީ+ އިން އަންނަ މަހުގެ 3 ވަނަ ދުވަހު ސްޓްރީމްކުރަން ފަށާ ޑޮކިއުމަންޓަރީ "އިލަފަންޓް" ނެރޭޓްކޮށްދެއްވާނީ މޭގަން އެވެ. މިކަން ހިއްސާކޮށް އޭގެ ޓީޒާއެއް ވެސް ދައްކާލާފައިވާ އިރު ޑިޒްނީނޭޗާ އިން "އިލަފަންޓާ" އެކު ގެނެސްދޭ ޑޮކިއުމަންޓްރީ "ޑޮލްފިން ރީފް" ބަތަލާ ނަތަލީ ޕޯޓްމަން ނެރޭޓްކޮށް ދޭނެ އެވެ.

ޑިޒްނީގެ "އިލަފެންޓް" ވާނީ އިނގިރޭސީ ޝާހީ އާއިލާގެ މެމްބަރަކަށް ވެ ވަޑައިގަތްފަހުން އަމިއްލަ މިނިވަންކަމާ އެކު މޭގަން ހިއްސާވެވަޑައިގަންނަވާ ފުރަތަމަ މަސައްކަތަށެވެ. ބެލެވޭ ގޮތުން މިއީ ކުރިއަށް އޮތް ތަނުގައި އޭނާ ކެމެރާގެ ފަހަތުގައި މުނިފޫހި އިންޑަސްޓްރީގައި މަސައްކަތްކުރެއްވުމުގެ ފެށުމަކަށް ވެދާނެ އެވެ. އެހެންވެ މޭގަންއާ އެކު "އިލަފަންޓް" އަށް ބެލުންތެރިން ކުރާ އިންތިޒާރު މިހާރު ބޮޑަށް ވެސް އިތުރުވެގެން ދާނެ އެވެ.

ޝާހީ އާއިލާއާ ފެއަށް ޖެހިވަޑައިގެން މޭގަން ފިރިކަލުންނާއި ދަރިކަލުން އާޗީ ހެރިސަން މައުންޓްބެޓަން-ވިންޑްޒާއާ އެކު މިހާރު ދިރިއުޅުއްވަނީ ކެނެޑާގަ އެވެ. ދަރިކަލުންނަށް އަންނަ މެއި މަހުގެ 6 ވަނަ ދުވަހު އަހަރެއް ފުރޭނެ އެވެ.