Roadha Mihaaru
އިންވެސްޓްމަންޓް ފޯރަމުގެ ސްޕޮންސަރަކަށް ބީއެމްއެލް

އިންވެސްޓްމަންޓް ފޯރަމުގެ ޕްލެޓިނަމް ސްޕޮންސަރަކަށް ބީއެމްއެލް

11 އޮކްޓޯބަރ 2016

އިންޑިއާގެ ނިއު ދިއްލީގައި އަންނަ މަހު ބާއްވާ އިންވެސްޓްމަންޓް ފޯރަމްގެ ޕްލެޓިނަމް ސްޕޮންސަރެއްގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބައިވެރިވެއްޖެ އެވެ.

މަރިޔަމް ސާލިޔާ މަރިޔަމް ސާލިޔާ

އިންޑިއާގެ ނިއު ދިއްލީގައި އަންނަ މަހު ބާއްވާ އިންވެސްޓްމަންޓް ފޯރަމްގެ ޕްލެޓިނަމް ސްޕޮންސަރެއްގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބައިވެރިވެއްޖެ އެވެ.

ނޮވެމްބަރު 21 އިން 22 އަށް ބާއްވާ މި ފޯރަމަކީ އިންވެސްޓަރުން ހޯދުމުގެ އިތުރުން ބޭރުގެ ސަރުކާރުތަކާ ގުޅުން ބަދަހިވެ، ވިޔަފާރި އާއި އިގްތިސާދީ ދާއިރާ އިން އިތުރު ފުރުސަތުތައް ހުޅުވިގެން ދާނެ ފޯރަމެކެވެ.

އިންވެސްޓްމަންޓް ފޯރަމްގެ ސްޕޮންސާޝިޕް އެއްބަސްވުމުގައި ބީއެމްއެލް އިން ސޮއި ކުރުމަށް މިއަދު ވަނީ އިކޮނޮމިކް މިނިސްޓްރީގައި ރަސްމިއްޔާތެއް ބާއްވާފައި އެވެ. މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އެންޑްރޫ ހީލީ އާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.

މި ފޯރަމް އިފްތިތާހު ކުރުމަށް މިދިޔަ މަހު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި އިންޑިއާ އަކީ ވިޔަފާރީގެ ގުޅުން އެންމެ ބޮޑަށް ބަދަހި ކުރެވޭނެ އެއް ގައުމެވެ. އަދި ރާއްޖޭގެ އިގްތިސާދުގައި އިންޑިއާ އިން މިހާރު ވެސް ވަރަށް މުހިއްމު ދައުރެއް އަދާކުރަމުން އަންނަ ކަމަށާއި މި ފޯރަމާ އެކު އެ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި އަހަރުގެ އިންވެސްޓްމަންޓް ފޯރަމް އިންޑިއާގައި ބާއްވަން ނިންމީ ރައީސް އަބްދުﷲ ޔާމީން މިދިޔަ އަހަރު އެ ގައުމަށް ކުރެއްވި ދަތުރުފުޅެއްގައި ބޭއްވެވި މަޝްވަރާތަކުގަ އެވެ. އެ ފޯރަމް ބާއްވަން އިންޑިއާ ސަރުކާރުން އެހީވުމަށް ވަނީ އެއްބަސްވެފަ އެވެ.

މީގެ ކުރިން ރާއްޖޭން ވަނީ ބޭރުގައި ދެ އިންވެސްޓްމަންޓް ފޯރަމް ބާއްވައިފަ އެވެ. މިިދިޔަ އަހަރު ޗައިނާގެ ވެރިރަށް ބެއިޖިންގައި އަދި އޭގެ ކުރީ އަހަރު ސިންގަޕޫރުގައި ބޭއްވި ފޯރަމްގައި ސަރުކާރުން އިއުލާންކޮށްފައިވާ ބޮޑެތި މަޝްރޫއުތަކަށް އިންވެސްޓަރުން ހޯދަން މަސައްކަތް ކުރި އެވެ. އޭގެ ތެރޭގައި މައި އެއާޕޯޓު ތަރައްގީ ކުރުމާއި ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމާއި އައިހަވަން މަޝްރޫއު ހިމެނެ އެވެ.

މި އަހަރުގެ ފޯރަމްގެ އިތުރު ޕްލެޓިނަމް ސްޕޮންސަރެއްގެ ގޮތުގައި އުރީދޫ ވެސް ވަނީ ބައިވެރިވެފަ އެވެ.