Roadha Mihaaru
އިންވެސްޓްމަންޓް ފޯރަމްގެ ސްޕޮންސަރަކަށް ދިރާގު

އިންވެސްޓްމަންޓް ފޯރަމުގެ ޕްލެޓިނަމް ސްޕޮންސަރަކަށް ދިރާގު

12 އޮކްޓޯބަރ 2016

އިންޑިއާގެ ނިއު ދިއްލީގައި އަންނަ މަހު ބާއްވާ އިންވެސްޓްމަންޓް ފޯރަމްގެ ޕްލެޓިނަމް ސްޕޮންސަރެއްގެ ގޮތުގައި ދިރާގުން ބައިވެރިވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އިންޑިއާގެ ނިއު ދިއްލީގައި އަންނަ މަހު ބާއްވާ އިންވެސްޓްމަންޓް ފޯރަމްގެ ޕްލެޓިނަމް ސްޕޮންސަރެއްގެ ގޮތުގައި ދިރާގުން ބައިވެރިވެއްޖެ އެވެ.

އިކޮނޮމިކް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޕްލެޓިނަމް ޕާޓްނަރެއްގެ ގޮތުގައި ބައިވެރިވުމުގެ އެއްބަސްވުމުގައި ދިރާގުން ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދެވެ. އިކޮނޮމިކް މިނިސްޓްރީން ސޮއިކުރެއްވީ މިނިސްޓަރު މުހައްމަދު ސައީދެވެ.

މީގެ ކުރިން ބޭއްވި ދެ އިންވެސްޓްމަންޓް ފޯރަމުގައި ވެސް ދިރާގުން ވަނީ ބައިވެރިވެފަ އެވެ. ދިރާގުގެ އިތުރުން އުރީދޫ އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަކީ ވެސް ނޮވެމްބަރު މި އަހަރުގެ އިންވެސްޓްމަންޓް ފޯރަމްގެ ސްޕޮންސަރެކެވެ.

މި ފޯރަމަކީ އިންވެސްޓަރުން ހޯދުމުގެ އިތުރުން ބޭރުގެ ސަރުކާރުތަކާ ގުޅުން ބަދަހިވެ، ވިޔަފާރި އާއި އިގްތިސާދީ ދާއިރާ އިން އިތުރު ފުރުސަތުތައް ހުޅުވިގެން ދާނެ ފޯރަމެކެވެ.

މި އަހަރުގެ އިންވެސްޓްމަންޓް ފޯރަމް އިންޑިއާގައި ބާއްވަން ނިންމީ ރައީސް އަބްދުﷲ ޔާމީން މިދިޔަ އަހަރު އެ ގައުމަށް ކުރެއްވި ދަތުރުފުޅެއްގައި ބޭއްވެވި މަޝްވަރާތަކުގަ އެވެ. އެ ފޯރަމް ބާއްވަން އިންޑިއާ ސަރުކާރުން އެހީވުމަށް ވަނީ އެއްބަސްވެފަ އެވެ.

މީގެ ކުރިން ރާއްޖޭން ވަނީ ބޭރުގައި ދެ އިންވެސްޓްމަންޓް ފޯރަމް ބާއްވައިފަ އެވެ. މިިދިޔަ އަހަރު ޗައިނާގެ ވެރިރަށް ބެއިޖިންގައި އަދި އޭގެ ކުރީ އަހަރު ސިންގަޕޫރުގައި ބޭއްވި ފޯރަމްގައި ސަރުކާރުން އިއުލާންކޮށްފައިވާ ބޮޑެތި މަޝްރޫއުތަކަށް އިންވެސްޓަރުން ހޯދަން މަސައްކަތް ކުރި އެވެ. އޭގެ ތެރޭގައި މައި އެއާޕޯޓު ތަރައްގީ ކުރުމާއި ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމާއި އައިހަވަން މަޝްރޫއު ހިމެނެ އެވެ.