Roadha Mihaaru
މި ދުވަސްވަރު ލެންސް ލެއްވުން ރައްކާތެރިއެއް ނޫން

މި ދުވަސްވަރު ލޮލަށް ލެންސް ލެއްވުން ރައްކާތެރިއެއް ނޫން

28 މާޗް 2020

ކޮރޯނާވައިރަސް ފެތުރެމުންދާ މި ދަނޑިވަޅުގައި ލޮލަށް ލެންސް ލެއްވުން ރައްކާތެރި ނޫން ކަމަށާއި އެންމެ ރަނގަޅު ގޮތަކީ އައިނު އެޅުން ކަމަށް ސިއްހީ މާހިރުންތަކެއް ލަފާ ދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޮރޯނާވައިރަސް ފެތުރެމުންދާ މި ދަނޑިވަޅުގައި ލޮލަށް ލެންސް ލެއްވުން ރައްކާތެރި ނޫން ކަމަށާއި އެންމެ ރަނގަޅު ގޮތަކީ އައިނު އެޅުން ކަމަށް ސިއްހީ މާހިރުންތަކެއް ލަފާ ދީފި އެވެ.

މިކަމާ ބެހޭ ގޮތުން އެމެރިކާގެ އޮޕްތަމަލޮޖީ އެކެޑެމީން ބުނީ ލޮލަށް ލެންސް ލައްވާ ނަމަ ކޮރޯނާވައިރަސް ޖެހުމުގެ ފުރުސަތު ބޮޑު ކަމަށެވެ. ކޮވިޑް-19 ފަތުރާ ކޮރޯނާވައިރަހަކީ މޫނުގައި އަތްލާ ނަމަ ލޮލާއި ނޭފަތާއި އަނގަ ފަދަ ތަންތަނުގައި އަތްލެވި އޭގެ ޒަރީރާ އިން ވައިރަހަށް ހުށަހެޅުމުގެ ފުރުސަތު ބޮޑުވާނެ ކަމެކެވެ. ސައިބޯނި ނުވަތަ ސެނިޓައިޒާ ލައިގެން ގިނަގިނައިން އަތްދޮވުމާ އެކު، މޫނުގައި އަތް ނުލާން ވެސް ސިއްހީ މާހިރުން އިރުޝާދު ދެއްވަނީ މި ސަބަބާ ހުރެ އެވެ.

އޮޕްތަމަލޮޖީ އެކެޑީން ބުނީ ވަރަށް ގިނަ މީހުންނަކީ ލޮލަށް ލެންސް ލައްވާ މީހުން ކަމަށާއި އެ ލައްވައި ނަގައި ހަދާ ނަމަ، ވައިރަހުގެ ބިރު އެފަދަ މީހުންނަށް ބޮޑު ކަމަށެވެ. އެގޮތުން މި ދަނޑިވަޅުގައި ލެންސާ ދުރުވެ އައިނު ބޭނުންކުރުމަކީ އެންމެ ރައްކާތެރި ގޮތް ކަމަށް ބުންޏެވެ. އައިނު އެޅުމުން އެހެން މީހަކު ކެއްސައި ކިނބި އަޅައި ނުވަތަ އެހެން ވެސް ގޮތަކުން ބޭރުވާ ޑްރޮލްޕެޓްސް އެ މީހެއްގެ ލޮލަށް ވާސިލުވުމަށް ހުރަހަކަށް ވާނެ އެވެ.

"އަތުގެ ސާފުތާހިރު ކަމަށް އިސްކަން ނުދެވޭ ނަމަ މި ދަނޑިވަޅުގައި ކޮންޓެންޓް ލެންސްގެ ސަބަބުން ކޮރޯނާވައިރަހަށް ހުށަހެޅުމުގެ ފުރުސަތު ބޮޑު،"

ނަމަވެސް މި ފަހަކަށް އައިސް ވަރަށް ގިނަ މީހުންނަކީ ކޮސްމެޓިކް ނުވަތަ ލޮލުގެ ކަޅި ރީތިކުރުމުގެ ބޭނުމުގައި ލެންސް ބޭނުންކުރާ ބައެކެވެ. އަދި އެފަދަ ގިނަ މީހުންނަކީ އާންމުކޮށް ކޮންމެ ދުވަހަކު ވެސް ދެތިން ފަހަރު ލެންސް ނަގައި، އަލުން ލައްވާ މީހުންނެވެ.

އޮޕްތަމަލޮޖީ އެކެޑެމީގެ ކްލިނިކަލް ތަރުޖަމާނު ޑރ. ތޯމަސް ސްޓެއިނަމަން ވިދާޅުވީ ސާފުތާހިރު ކަމަށް ސަމާލުކަން ނުދޭ ނަމަ އަދި ވަކިން ހާއްސަކޮށް އަތުގެ ސާފުތާހިރު ކަމަށް އިސްކަން ނުދޭ މީހުންނަށް މި ދަނޑިވަޅުގައި ކޮންޓެންޓް ލެންސްގެ ސަބަބުން ކޮރޯނާވައިރަހަށް ހުށަހެޅުމުގެ ނުރައްކާ ބޮޑު ކަމަށެވެ.

"އެހެންވެ މިއީ އެއްގޮތަކަށް ވެސް ރައްކާތެރި ކަމެއް ނޫން. ލެންސްގެ ބަދަލުގައި މި ދުވަސްކޮޅު އައިނު ބޭނުންކުރުމަކީ އެންމެ ރަނގަޅު ގޮތް." އޭނާ ވިދާޅުވި އެވެ.

މިކަމާ ބެހޭ ގޮތުން ތޯމަސް ވިދާޅުވީ ބައެއް މީހުން އުފައްދާނެ ސުވާލަކީ ހަމައެކަނި ލޮލުގެ ޒަރީރާ އިން ވައިރަހުގެ މީހަކަށް އަސަރުކޮށްފާނެތޯ ކަމަށެވެ. އޭނާ ވިދާޅުވީ އެއީ ވުން ވަރަށް ގާތްކަމެއް ކަމަށެވެ.

އެހެންވެ މި ދަނޑިވަޅުގައި ލެންސް ލައްވާ އެންމެންނަށް ވެސް ދެއްވާނެ ލަފަ އަކީ އައިނު އަޅާށޭ ކަމަށް ތޯމަސް ވިދާޅުވި އެވެ.

މެޑިކަލް ވިރޮލޮޖޯ ޖާނަލްގައި ޝާއިއުކޮށްފައިވާ ރިޕޯޓެއްގައިވާ ގޮތުން ކޮރޯނާވައިރަސް އުފަންވި ޗައިނާ އިން ޕޮޒިޓިވް ބައެއް ކޭސްތަކަށް ބަލާ އިރު، އޭގެ ތެރޭގައި ލޮލުގެ ޒަރީރާ އިން ވައިރަހަށް ހުށަހެޅުނު ކޭސްތަކެއް ވެސް ފާހަގަކުރެވިފައި އެވެ. އެހެންވެ މި ދަނޑިވަޅުގައި ކޮންޓެކްޓް ލެންސަށް ސަމާލުވާން ޖެހޭ ކަމުގެ ސިގްނަލެއް ވެސް މެ އެވެ.