Roadha Mihaaru
އިޓަލީ ދެ މީހުން ތިބި ބޯޓު ރަޝިޔާގައި ކަރަންޓީންކޮށްފި

ޕޮޒިޓިވްވި އިޓަލީގެ ދެ މީހުން ތިބި ބޯޓު ރަޝިޔާގައި ކަރަންޓީންކޮށްފި

27 މާޗް 2020

ރާއްޖެ އިން ފުރައިގެން ދިޔަ ފަހުން ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން އެނގުނު އިޓަލީގެ ދެ ޓޫރިސްޓުން ދަތުރުކުރި ރަޝިޔާގެ އެއަރޯފްލޮޓުގެ މަތިންދާ ބޯޓު މޮސްކޯގައި ކަރަންޓީންކޮށްފައިވާ ކަމަށް "މިހާރަ"ށް އިތުބާރުހުރި ގޮތަކަށް އެނގިއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ރާއްޖެ އިން ފުރައިގެން ދިޔަ ފަހުން ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން އެނގުނު އިޓަލީގެ ދެ ޓޫރިސްޓުން ދަތުރުކުރި ރަޝިޔާގެ އެއަރޯފްލޮޓުގެ މަތިންދާ ބޯޓު މޮސްކޯގައި ކަރަންޓީންކޮށްފައިވާ ކަމަށް "މިހާރަ"ށް އިތުބާރުހުރި ގޮތަކަށް އެނގިއްޖެ އެވެ.

ދަރުބާރުގައި ގާއިމްކޮށްފައިވާ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ޑިރެކްޓަރު ޖެނެރަލް މައިމޫނާ އަބޫބަކުރު ވިދާޅުވީ ކަރަންޓީނުގައި 14 ދުވަސް ހޭދަކޮށް ފުރި އިޓަލީގެ ދެ ޓޫރިސްޓުގެ ސާމްޕަލް ޕޮޒިޓިވްވުމާ ގުޅިގެން އެއާލައިނާއި އެ ބޯޓު ދަތުރުކުރަން ހަމަޖެހިފައިވާ ޑެސްޓިނޭޝަނަށް އެކަން އަންގާފައިވާ ކަމަށެވެ.

ކޮވިޑް-19 އާ ގުޅޭ މައުލޫމާތު ދިނުމަށް ސަރުކާރުން އައްޔަންކޮށްފައިވާ ތަރުޖަމާން މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވީ ސާމްޕަލްގެ ނަތީޖާ ނުލިބެނީސް އިޓަލީ ދެ މީހުން ފުރުވާލަން ޖެހުނީ ރާއްޖޭގައި ތިބި އިޓަލީ މީހުން ގެންދަން ހަމަޖެއްސި ބޯޓު މިއަދު ހެނދުނު ފުރަން ހަމަޖެހިފައި އޮތުމުން ކަމަށެވެ. ނަމަވެސް އިޓަލީގެ ދެ މީހުން ވެސް ދަތުރުކުރީ ރަޝިޔާގެ ގައުމީ އެއާލައިނުގެ މަތިންދާ ބޯޓުގަ އެވެ. އެ ބޯޓުން މިއަދު ވަނީ އެކި ގައުމުތަކުގެ 358 މީހުން ރާއްޖެ އިން ފުރައިފަ އެވެ. އެންމެން ވެސް މިހާރު ތިބީ ރަޝިޔާގެ ވެރިރަށް މޮސްކޯ އެއާޕޯޓުގަ އެވެ.

ރާއްޖެ އިން ފުރި ފަހުން ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން އެނގުނު އިޓަލީގެ ދެ މީހުންނަކީ އައިލެންޑް ސަފާރީން ކަރަންޓީނު ކުރި ދެ މީހުންނެވެ. އެ މީހުންގެ ސާމްޕަލް ޕޮޒިޓިވްވިކަން އިއުލާން ކުރެއްވީ މިއަދު މެންދުރު ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީނެވެ.

މިނިސްޓަރު ވިދާޅުވީ ކަރަންޓީނުގައި ތިބޭ މީހުންގެ ތެރެއިން ހައި ރިސްކް މީހުން ފުރައިގެން ދިއުމުގެ ކުރިން އެ މީހުން ޓެސްޓު ކުރާ ކަމަށެވެ. ޓެސްޓު ކުރަނީ ރިސާޗް ބޭނުމަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އައިލެންޑް ސަފާރީއަކީ ރާއްޖެ އައިސް ފުވައްމުލަކުގައި ބަދަރުކޮށްފައިވަނިކޮށް އެ ސަފާރީން ބަޔަށް ޝައްކު ކުރެވި ޓެސްޓު ކުރުމަަށް ފަހު ޕޮޒިޓިވް ވުމުން މޮނިޓަރިންގެ ހާލަތަށް ގެނައި ސަފާރީއެކެވެ. އެ ސަފާރީ މާލެ ސަރަހައްދުން ވިލިވަރު ކައިރީ ބަނދަރު ކުރުމަށް ފަހު އޭގައި ތިބި 16 ދިވެހި މުވައްޒަފުންނާއި 16 ޓޫރިސްޓުން ކަރަންޓީނުކޮށްފައި ވަނީ ވިލިވަރު ކަރަންޓީން ފެސިލިޓީގަ އެވެ.

އައިލެންޑް ސަފާރީން އެންމެ ފުރަތަމަ މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އެކަކު މި މަހުގެ 20 ވަނަ ދުވަހު ވަނީ ދަރުމަވަންތަ ހޮސްޕިޓަލަށް އިތުރު ފަރުވާ އަށް ބަދަލުކޮށްފަ އެވެ.